އައްޑޫ ސިޓީ ފިހާރަތައް ރޭގަނޑު ބަންދުކުރަން ނިންމި ނިންމުން ބާތިލްކޮށްފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ވިޔަފާރިތައް ރޭގަނޑު ހިދުމަތް ނުދިނުމަށް ނިންމި ނިންމުން އެ ކައުންސިލުން ބާތިލްކޮށްފި އެވެ.

އެކައުންސިލުން މިދިޔަ ބުދަ ދުވަހު ނެރުނު އިއުލާނުގައި ބުނީ، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ފަހުން ވިޔަފާރިތަކުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ. އެއާއެކު އިރުއޮއްސި 6:00 ގެ ފަހުން އެތަންތަން ބަންދުކުރަން ޖެހޭނެ އެވެ. އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ނަމަވެސް އެ ކައުންސިލް މިއަދު ނެރުނު އިއުލާނުގައި ބުނީ، އެގޮތަށް ވިޔަފާރިތައް ބަންދުކުރަން ނެރުނު އިއުލާން ބާތިލްކޮފައިވާ ކަމަށެވެ. އެ އިއުލާން ބާތިލު ކުރީ، ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި އެފަދަ ފިޔަވަޅެއް އަޅާނެ ފަދަ ހާލަތެއް އޮތް ކަމަށް އެޗްޕީއޭ އިން ނުދެކޭތީ ކަމަށެވެ.

އެއާއެކު ކައުންސިލުން ވަނީ އެހެން އިލްތިމާސެއް ކޮށްފަ އެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަށް ރުޖޫއަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގައި ހެނދުނު 06:00 އިން އިރުއޮއްސި، 6:00އާ ދެމެދު ހިދުމަތް ދިނުމަށް އިސްކަން ދިނުމަށްވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރައްޔިތުން ދުވާލުގެ ވަގުތުގައި ވިޔަފާރިކޮށް ނިންމުމަކީވެސް ކައުންސިލްގެ އިލްތިމާސެއް ކަމަށް އިއުލާނުގައި ބުނެ އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން މިމަހު 15 ވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކައުންސިލްތަކުން ފިޔަވަޅުތައް އެޅުމަކީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރެއް ކަމަށެވެ. އެހެން ކަމުން އެފަދަ އެއްވެސް ނިންމުމެއް ކައުންސިލްތަކުން އަމިއްލައަށް ނުނިންމުމަށް އެލްޖީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުަވަހު ވިޔަފާރިތައް ވަކި ގަޑިއެއްގައި ހުޅުވުމަކީ މަނާކަމެއް ކަމަށް ނިންމި ނިންމުމަކީ އެޗްޕީއޭއަށް ނޭނގި ނިންމި ނިންމުމެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެފައިވަނީ އެ ނިންމުމަކީ، ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.

comment ކޮމެންޓް