ޗައިނާގެ އަމިއްލަ ފަރާތްތަކުން ދޭ އެހީ ގެންނަން ފްލައިޓެއް ޗާޓަރު ކުރެވޭތޯ ބަލަނީ

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް-- ސަން ފޮޓޯ/ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން ޗައިނާގެ އަމިއްލަ ފަރާތްތަކުން ދޭ އެހީ ރާއްޖެއަށް ގެނައުމަށްޓަކައި ފްލައިޓެއް ޗާޓަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް ވިދާޅުވެއްޖެ އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާ ސަފީރު ވިދާޅުވީ މިއީ ޗައިނާއިން ރާއްޖެއަށް ދޭ އެހީގެ ބައެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެގައުމުން ރާއްޖެއަށް އެހީ ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ފޮނުވި އެހީގެ ޝިޕްމަންޓެއް ކްލިއާ ކުރަނީ-- ފޮޓޯ/ އެމްއެންޑީއެފް

"ޗައިނާ ސަރުކާރު އެހީ ނޫނަސް ކުރިއަށް އޮތް ތަނުގައި އެހީގެ ޝިޕްމަންޓްތައް އަންނާނެ. ޖެކް މާ (އަލީބާބާގެ ފައުންޑާ) ވެސް ވަނީ އިއުލާނުކޮށްފައި އެހީދޭނެ ކަމަށް. ރާއްޖޭގައި ހުރި ޗައިނާގެ ކުންފުނިތަކުން ވެސް އެހީ ގެންނަން މަސައްކަތް ކުރަމުން ދަނީ... ޖެކް މާއާއި އެހީ ދޭ އެހެން ކުންފުނިތަކުން ދޭ އެހީތައް އެއްފަހަރާ ގެންނަން ފްލައިޓެއް ޗާޓަރު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން މިދަނީ." ސަފީރު ވިދާޅުވި އެވެ.

ނަމަވެސް ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާއެކު އެތަކެތި ރާއްޖެއަށް ސީދާ ގެނެވޭނެ ވަކި ދުވަހެއް އެމްބެސެޑަރު ވިދާޅެއް ނުވެ އެވެ.

ޖެކް މާ ދިނުމަށް ނިންމާފައިވާ އެހީ ރާއްޖެއަށް ގެންނާނީ ސިންގަޕޫރު މަގުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަހުން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވީ ޗައިނާއިން ސަރުކާރުން ދޭ އެހީގެ ދަށުން މިއަދު އައި ޝިޕްމަންޓުގައި ހިމެނެނީ މިވަގުތު މާކެޓުގައި ލިބެންހުރި ތަކެތި ކަމަށެވެ.

ބާކީ ހުރި ޝިޕްމަންޓުތައް ލަސްވަމުންދަނީ އޭގައި ހިމެނޭ ތަކެއްޗަކީ މިހާރު އުފައްދަމުންދާ ތަކެއްޗަށް ވުމުން ކަމަށް ވިދާޅުވި އެވެ. އަދި ޗައިނާގައި ކޮވިޑް19ގެ ހާލަތު ހަމައަކަށް އެޅެމުންދާތީ އެގައުމުގެ ތަކެތި އުފައްދުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ބާރުބޮޑު ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމާފައިވާ އެހީގެ ފުރަތަމަ ޝިޕްމަންޓް މިއަދުގެ ވަގުތެއްގައި ރާއްޖެއަށް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  • މެޑިކަލް ޕްރޮޓެކްޓިވް މާސްކް: 10،080
  • ސާޖިކަލް މާސްކް: 30،000
  • ސްޓެރައިލް ރަބާ ސާޖިޖަލް ގްލަވްސް (އެއްފަހަރު ބޭނުންކުރެވޭ): 10،000
  • ސްޓެތަސްކޯޕް: 500
  • ޕްރޮޓެކްޓިވް ގޮގްލްސް: 200
  • ޕްރޮޓެކްޓިވް ކްލޯތިން: 500

ޗައިނާއިން ރާއްޖެއަށް ފޮނުވި އެހީގެ ޝިޕްމަންޓުގައި ހިމެނޭ ބައެއް ތަކެތި-- ސަން ފޮޓޯ

comment ކޮމެންޓް