ވާދަވެރިން ބޯޓުތައް ޕާކުކުރާއިރު ގަތަރު އެއާވޭސް ހިދުމަތުގައި

ގަތަރު އެއާވޭސްގެ ފްލައިޓެއް ކައިރީ އެ އެއާލައިންގެ ބައެއް ޕައިލެޓުންނާއި ކެބިން ކްރޫއިން --- ފައިލް ފޮޓޯ

ކޮރޯނާ އާއެކު ދުނިޔޭގެ އޭވިއޭޝަން ދާއިރާ މިވަނީ ހުއްޓިފައެވެ. ބޮޑެތި އެއާލައިންތަކުން ދަތުރުތައް ހުއްޓާލާ، ބޯޓުތައް ޕާކުކުރަނީ އުފުލާނެ ފަސިންޖަރުން ނެތިގެންނެވެ. ކްރޫ އާއި އެހެން މުވައްޒަފުންގެވެސް ސަލާމަތަށްޓަކައެވެ.

ބައެއް އެއާލައިންތަކުން ދަތުރުތައް އެއްކޮށް ހުއްޓާނުލި ނަމަވެސް ދިގު ދަތުރުތައް އެއްކޮށް ވަނީ ހުއްޓާލައިފައެވެ. ޔޫއޭއީގެ އެމިރޭޓްސް އަކީ އެންމެ ބިޔަ އެއް އެއާލައިނެވެ. ރާއްޖެއަށްވެސް ދުވާލެއްގެ މައްޗަށް ދެތިން ދަތުރު ބާއްވާ އެމިރޭޓްސް އިން ވަނީ އެ މީހުންގެ ކޮމާޝަލް ދަތުރުތައް ހުއްޓާލައިފައެވެ. މީގެ އިތުރުން އިއްތިހާދު، ޓާކިށް، ސިންގަޕޯ، ޔުނައިޓެޑް ފަދަ ބޮޑެތި އެއާލައިންތައް އެމީހުންގެ ބޯޓުތައް ޕާކު ކުރަމުންދާއިރު، މި ދަނޑިިވަޅުގައިވެސް ދަތުރުތައް މަދުނުކޮށް ހިދުމަތުގައި އޮތް އެއާލައިން އަކީ ގަތަރު އެއާވޭސް އެވެ.

ގަތަރުގެ ގައުމީ އެއާލައިންގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވީ މިއީ އޭވިއޭޝަން ދާއިރާ އަށް އުނދަގޫ ވަގުތެއް ކަމަށާއި ހުރިހާ އެއާލައިނެއް އެއްކޮށް "ހުސްވާނެ" ކަމަށެވެ. އެ އެއާލައިނުން މަސައްކަތް ކުރަނީ ކޭޓާ ކުރާ ސެކްޓާ ތަކުގައި ތާށިވެފައި ތިބި ރައްޔިތުން ގައުމަށް ގެންގޮސްދިނުމަށް ކަމަށް އަލް ބަކުރު ވިދާޅުވިއެވެ.

އެ އެއާލައިނުގެ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ ސަރުކާރުގެ އެހީ އާއެކުއެވެ. އެހެންކަމުން ފަސިންޖަރުންގެ އަދަދު މަދުވި ނަމަވެސް މާބޮޑު ގެއްލުމެއް އަދި ކުރިމަތިވާނެ ކަމަށް ނުބެލެވެއެވެ.

އެ އެއާލައިނުގެ އާމްދަނީ 80 ޕަސެންޓު ދަށްވެފައިވާކަން ފާހަގަ ކުރައްވާ އަލް ބަކުރު ވިދާޅުވީ އެ އެއާލައިނުގެ އާންމު ޝެޑިއުލްގެ ތިންބައިކުޅަ އެއްބަޔަށް ކޭޓާ ކުރަމުންދާ ކަމަށާއި އިތުރަށް ދަތުރުތައް ހުއްޓާލަން ނުވިސްނާ ކަމަށެވެ.

ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށްވެސް ބާއްވާއިރު އެ ދަތުރުތަކުގައި ރާއްޖޭގައި ތިބި ބޭރު މީހުން ގައުމަށް ގެންދާނެއެވެ. ނަމަވެސް އެއްވެސް ބޭރު މީހަކަށް ރާއްޖެއަކަށް ނާދެވޭނެއެވެ.

comment ކޮމެންޓް