ނޭޕާލްގައި 17 ދިވެހިން ބަންދުވެ، ރާއްޖެ ގެންނަން އާދޭސްކުރަނީ!

ދިވެހިން ބަންދުވެފައި ތިބި، ނޭޕާލްގެ ކަތަމަންޑޫގެ ހޮޓާ --

ނޭޕާލްގައި ޑޮކްޓަރީކަން ކިޔަވަން ތިބި 17 ދިވެހިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ އަންނަން ނޭޕާލުގެ އެކި ސަރަހައްދުތަކުން ކަތަމަންޑޫއަށް ޖަމާވި އެވެ. ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ޕްރޮފެޝަނުން ރާއްޖެއަށް ބޭނުންވާއިރު އެ މީހުން ބޭނުންވީ އެ ފުރުސަތުގައި ގައުމަށް އައިސް އެހީތެރިވާންށެވެ. އެކަމަކު، އެ ދިވެހިންނަށް ނޭޕާލުން ފުރުމުގެ ކުރިން މުޅި ނޭޕާލް ބަންދު ކުރި އެވެ. މިހާރު އެ މީހުން ތިބީ ގޮތް ހުސްވެ ކަތުމަންޑޫގައި ތާށިވެފަ އެވެ.

އެ ދިވެހިން ފުރަން އޮތީ، އަންގާރަ ދުވަހު ޝެޑިއުލްކޮށްފައި އޮތް ފުލައިޓުންނެވެ. ނޭޕާލް ބަންދު ކުރީ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށެވެ. ނޭޕާލްގެ އާ އަހަރާ ދިމާކޮށް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެގައުމުގެ ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

14 ދިވެއްސަކު ބަންދުކޮށްފައި ހުރި ހޮޓަލެއްގައި!

މިހާރު 17 ދިވެހިންގެ ތެރެއިން 14 ދިވެއްސަކު ތިބީ، ކަތަމަންޑޫ އެއާޕޯޓާ މާ ދުރު ނޫން ހިސާބެއްގައި ހުރި ބަންދުކޮށްފައިވާ ހޮޓަލެއްގަ އެވެ. އެމީހުންގެ ތެރޭގައި، މެޑިކަލް އިންޓާންޝިޕްގައި އުޅޭ ހަތް ދިވެއްސަކާއި ސްޕެޝަލައިޒްވާ ހަ ދިވެއްސަކާއި މެޑިސިން ކިޔަވަމުންދާ ދެ ދަރިވަރުން ހިމެނެ އެވެ. އެހެން ދަރިވަރަކާއި ކުއްޖާގެ އާއިލާގެ ދެ މެމްބަރުން ތިބީ އެހެން ސަރަހައްދެއްގަ އެވެ.

"މިތަނުގެ ހޮޓާތައްވެސް ވަނީ ބަންދުކޮށްފައި. މިހުރި ހޮޓަލަކީ ހޮޓަލެކޭ ބުންޔަސް ވަރަށް އަދައިގެ ތަނެއް. ކައްކާނެ ގޮތެއް އެއްޗިސް ދޮންނާނެ ގޮތެއްވެސް ނެތް. އެމީހުން ރަނގަޅުކަމުން އަހަރުން ވެއްދީ. އޭރު ބޭނުންވީ ހަމައެކަނި ބޯހިޔާވަހި ކަމެއް،" ހޮޓަލުގައި ތާށިވެފައި ހުރި ޑޮކްޓަރީކަން ކިޔަވާ ދަރިވަރަކު "ސަން"އަށް ބުންޏެވެ.

އެ ހޮޓަލުގައި އެމީހުންނަށް ކެއްކޭނެ ގޮތެއް ނެތް އިރު، އެކަށީގެންވާ މިންވަރަށް ކާނާ ލިބޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތެވެ. ދިވެހިން ބުނިގޮތުގައި އެ ހޮޓަލުގައި މިވަގުތު މަޑުކޮށްލައިގެން ތިބެނީ އެހެން ގޮތެއް ނެތިގެންނެވެ.

"ބައެއް ދަރިވަރުން މިތަނަށް [އެއާޕޯޓަށް] މިއައީ ވަރަށް ދުރުން ދަތުރުކޮށްފައި. އަނބުރާދާކަށް ރައްކާތެރިއެއްވެސް ނޫން. ލޮކްޑައުން އުވާލާނެ ދުވަހެއްވެސް ނޭނގޭ. ދެން ވާނެ ގޮތެއް ނޭނގިފައި މިތިބީ. ގޮތް ހުސްވެފައި،" ހޮޓަލުގައި ހުރި އެހެން ދަރިވަރުކު ބުންޏެވެ.

އެ މީހުން އެދެނީ ވީހާވެސް އަވަހަކަށް ރާއްޖެ ދިޔުމަށް!

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޭޕާލުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެގައުމުގެ ފޮރިން މިނިސްޓަރު ޕްރަޑީޕް ގްޔާވަލި އާ ފޯނުން ގުޅުއްވާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދިވެހިން ރާއްޖެ ގެނައުމަށް އެދިފައިވާ ކަމަށާއި ލޮކްޑައުން ހާލަތު ނިމުމުން ދިވެހިން ގެންނާނެ ކަމަށެވެ.

ދަރިވަރުން ބުނި ގޮތުގައި އެ މީހުން ގެންނަން ދިވެހި ސަރުކާރުން ކުރާ ބުރަ މަސައްކަތް ބަލައިގަންނަ ކަމަށެވެ. ބަރާބަރަށް ސަރުކާރުން އެ މީހުންނާ މަޝްވަރާ ކުރަމުންދާ ކަމަށް އެ ދަރިވަރުން ބުންޏެވެ. ދަރިވަރުން އަދި ބުނީ، އެމީހުންގެ އުންމީދަށް އަލިމަގެއް ނުފެންނަ ކަމަށެވެ. އަދި ލޮކްޑައުން ނިމެންދެން އެގައުމުގައި މަޑުކުރުމަކީ ކެތްވާ ވަރުގެ ކަމެއް ނޫން ކަމަށް ދަރިވަރުން ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުގެ އެއްބާރުލުން އެބަ ލިބޭ. އެކަމަކު މިހާތަނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވޭ. އަހަރުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ރާއްޖެދާން. އެދެނީވެސް ސަރުކާރުން އެކަންކޮށްދިނުން. ލޮކްޑައުން ނިމުމުން އަމިއްލައަށްވެސް ދެވިދާނެ. ސަރުކާރުން އެހީތެރިކަން ފޯދުކޮށްދޭންވީ ދަނޑިޑަޅަކީ މިއީ،" ހޮޓަލުގައި ހުރި ދަރިވަރަކު ބުންޏެވެ.

މިވަގުތަށް އިތުރު ކަމެއް ބޭނުންތޯ އެހުމުންވެސް ދަރިވަރުން ބުނީ، ހުރިހާ ދަރިވަރުންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ރާއްޖެ ދިޔުމަށް ކަމަށެވެ. އިތުރު ކަމެއް ބެނުން ނުވާ ކަމަށް އެ ދަރިވަރުން ބުންޏެވެ.

"މިތަން ހުޅުވާލާނެ ދުވަހެއްވެސް ނޭނގޭ. ސަރުކާރުގެ އެހީތެރިކަން ބޭނުންވާނީ މިދަނޑިވަޅުގައި. މި ގައުމު ހުޅުވުނީމައެއް ނޫން،" ދަރިވަރު ބުންޏެވެ.

ރައީސް ވިދާޅުވި ހާލަތު އައިސްފި، މިއަށްވުރެ ހާލަތު ގޯހެއް ނުވާނެ!

ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ނޭޕާލުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ ރައީސް އޮފީސް

އެންމެ ފަހުން މިދިޔަ ބުދަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި ޔަގީން ކަމަކީ، ބޭރުގައި ތިބި ދިވެހިން ގެންނަ ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

"ކޮވިޑް19 ފެތުރިގެންދާއިރު ނޭޕާލް ވަރަށް ގޯސްވެދާނެ ކަމަށް ހަބަރު ލިބެނީ. އޭގެ ކުރިން އެކުދިން އެގައުމުން ނެރެވޭތޯ އެބަ މަސައްކަތް ކުރަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ދަރިވަރުން ބުނީ މިހާރު އެހާލަތު މިއޮތީ އައިސްފައި ކަމަށާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ.

"މިތަން ދުވަހެއް ދުވަހަކަށް މިދަނީ ގޯސްވަމުން. ފުޑް ޝޯޓޭޖްވެސް އަންނަކަން އެބަ އެނގޭ. ދެން ކޮން އިރަކުންތޯ އެ ހާލަތު އަންނާނީ. މިއަށްވުރެ ދެން ހާލަތު ގޯހެއް ނުވާނެ ކަން ނޭނގެ،" ދަރިވަރަކު ބުންޏެވެ.

ދިވެހިން ގެނައުމަށް އެހެން ގައުމުތަކާ މަޝްވަރާ ކުރަނީ

މަބްރޫކު: 17 ދިވެހިން ގެނައުމަށް އެހެން ގައުމުތަކާ މިދަނީ މަޝްވަރާކުރަމުން ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު "ސަން" އަށް ވިދާޅުވީ، އެ ދިވެހިން ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން އެހެން ގައުމުތަކާ މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އަދި އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"ނޭޕާލް ސަރުކާރާވެސް ދަނީ މަޝްވަރާ ކުރަމުން. އެހެން ބައެއް ގައުމުތަކާވެސް ދަނީ މަޝްވަރާ ކުރަމުން [17 ދިވެހިން ގެނައުމަށް] އެކަމަކު އަދި ލީޑެއް ނެތް،" ރައީސް އޮފީހުގެ އަންޑާ ސެކަޓްރީކަން ވެސް ކުރައްވަމުން ގެންދަވާ މަބްރޫކު ވިދާޅުވި އެވެ.

އެ މީހުންގެ ޝަކުވާ އަކީ، ދުވަހެއް ދުވަހަށް ހޮޓަލުގައި ތިބި ދަރުވަރުން ނަފްސާނީ ގޮތުންނާއި ޖިންމާނީ ގޮތުން ބަލިކަށިވުމެވެ. ބައެއް ދަރިވަރުންގެ ވިސާވެސް ވަނީ ހަމަވާން ކައިރިވެފަ އެވެ. އެއަށް ފަހު ވާނެ ގޮތެއް ވެސް އެ ކުދިންނަކަށް ނޭނގެ އެވެ.

"ދުވަސްތައް ފައިތުވަމުންދާވަރަކަށް ކިތަންމެ ވަރުގަދަ މީހެއް މި ހާލަތުގައި ބަހައްޓައިފި ނަމަ މެންޓަލީވެސް އަދި ފިޒިކަލީވެސް ދާނީ ބަލިކަށިވަމުން މަޑުމަޑުން. އެއާއެކު އިތުރު މައްސަލަތައް ކުރިމަތިވާނެ،" ދިވެހި ދަރިވަރަކު ބުންޏެވެ.

comment ކޮމެންޓް