ފްރީލޭންސަރުންނަށް ވެސް ސަރުކާރުން ދޭ އެހީގެ ލޯނު ލިބޭނެ

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ލޯނުތަކަށް އެދި ހުށަހެޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން، ޓޫރިސްޓުން ނާންނާތީ ގިނަ ރިސޯޓްތައް ބަންދުކޮށްފައި ވުމުން މިޔުޒީޝަނުންނާއި ފޮޓޯގްރާފަރުންގެ އާމްދަނީ ލިބުން ވަނީ އެކީ ހުއްޓިފަ އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެސްޑީއެފްސީން ދޫކުރާ އެސްއެމްއީ ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށެވެ.

"އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ހާލަތު ރިޕޯޓު ކުރެވޭ ގޮތަށް ޖޮބް ސެންޓާ ޕޯޓަލް މޮޑިފައި ކުރަމުން މިދަނީ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެސްޑީއެފްސީން މަސައްކަތް ކުރާނީ ލޯނުގެ އިންޓްރެސްޓުން ފައިދާ ހޯދުމުގެ ބަދަލުގައި ވީހާ ވެސް ގިނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށްޓަކައި ބީއެމްއެލް އާއި އެސްޑީއެފްސީ މެދުވެރިކޮށް މި ފެށޭ ހަފުތާގައި ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފަ އެވެ.

މިއީ ސަރުކާރުން މި ހާލަތަށް އަމާޒުކޮށްގެން އެކުލަވާލި އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުގައި ހިމެނޭ ބައެކެވެ.

ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ މި ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ ޕަސެންޓު އިންޓްރެސްޓުގައި ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް ލިބޭނީ ތިން އަހަރުގެ މުއްދަތެކެވެ.

comment ކޮމެންޓް