ދުނިޔެ އަބަދު ލޮކްޑައުން ކޮށްގެން ތިބެވޭކަށް ނެތް: އަލީ ވަހީދު

މިނިސްޓަރު އަލީ ވަހީދު: ގްލޯބަލް ޓުއަރިޒަމް ކްރައިސިސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރު މިއަދު ވަނީ ބައިވެރިވެވަޑައިގެންފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 ބަލިމަޑަކަމުގެ ސަބަބުން މުޅި ދުނިޔެ އަބަދު ލޮކްޑައުން ކޮށްގެން ތިބެވެން ނެތް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު އެހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ އދ. ގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ގްލޯބަލް ޓުއަރިޒަމް ކްރައިސިސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ސައުތު އޭޝިއާ އަދި ރާއްޖެ ތަމްސީލްކޮށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ދުނިޔެ އަބަދު ލޮކްޑައުން ކޮށްގެން ނުތިބެވޭނެ ކަމަށާއި ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއް ގުޅިގެން ޑަބްލިއުއެޗްއޯ ގެ އެންގުންތަކާ އެއްގޮތަށް އަވަސް ހަރުދަނާ ވަރުގަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ގައުމުތައް ގުޅިގެން އަލުން ފަތުރުވެރިކަން ދިރުވާ އާލާ ކުރުމަށްޓަކައި ދަތުރުކުރުމަށް އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ،" އެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ރޭ 12:00 އިން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން މަޑުޖައްސާލުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިތާމަވެރި ދުވަހެއް ކަމަށެވެ. ނަމަވެސް އެ ފިޔަވަޅު އަޅަން ޖެހުނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން އަލީ ވަހީދު ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކަށް ފަރުވާދީ އޭގެ ތެރެއިން ގިނަ ފަރާތްތަކެއް އެބަލިން މިންޖުވެފައިވާކަން އަލީ ވަހީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެވެ. އަދި މި ބަލިމަޑުކަމުން ރާއްޖެއާއި މުޅި ދުނިޔެ، އަރައިގަނެވެން އޮތީ ހުރިހައި ގައުމުތަކެއް ވެސް ގުޅިގެން ކުރާ މަސައްކަތެއްގެ ތެރެއިން ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލަން ނިންމީ މި މަހުގެ 19ވަނަ ދުވަހު ޔޫއެންޑަބްލިއުޓީއޯއިން "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން"ގެ ނަމުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ކޮމިޓީއަކީ ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވެދާނެ ކަންކަން ދިރާސާކޮށް، ޖުމުލަ ހައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯއިން އެކުލަވާލި ކޮމެޓީއެކެވެ.

އެ ކޮމިޓީއަށް މިނިސްޓަރު އަލީ ވަހީދު އައްޔަންކޮށްފައިވާއިރު، ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިއާ ރީޖަނަލް ކޮމިޝަންގެ ޗެއާކަން ވެސް ކުރައްވަނީ ވެސް އޭނާ އެވެ.

comment ކޮމެންޓް