މޯލްޑިވިއަނުން އަންނަ ހަފުތާގައި ކާގޯ ދަތުރުތަކެއް ފަށަނީ

މާޗް 23، 2020: މޯލްޑިވިއަންގެ ފްލައިޓެއް. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ ސަބަބުން ރާއްޖޭގައި ވެސް ވައިގެ އުދުހުންތައް ވަނީ މަޑުޖެހިފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ އެއާލައިން މޯލްޑިވިއަންއިން އަންނަ ހަފުތާގައި ރާއްޖޭން ބޭރުގެ ގައުމުތަކުން މުދާ ގެނައުމަށްޓަކައި ދަތުރުތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ދަތުރުތަކާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މި ދަތުރުތައް ފެށުމުގެ ކުރިން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ މޭޖާ ސަޕްލަޔަރުންނާ ވާހަކަ ދައްކަވަމުން. އެކި ބޭފުޅުން އެކި ތަންތަނުން މުދާ މި ގެންނަނީ އެހެންވެ ކޮމަން އޭރިއާތަކަށް ބަލާފައި އެތަންތަނަށް އޮޕަރޭޓް ކުރަންވެގެން." ރިޒްވީ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވިއަންއިން މިރޭ ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ކާގޯ ފްރައިޓާސް އޮޕަރޭޓު ކުރާ ފަސް މަންޒިލެއް ވަނީ ބަޔާންކޮށްފަ އެވެ. އެއީ ކޮލަމްބޯ، ޓްރިވެންޑްރަމް، ޗެންނާއީ، ތައިލެންޑް އަދި ދުބާއީ އެވެ.

ރިޒްވީ ވިދާޅުވީ މަޝްވަރާ ކުރަމުންދާއިރު މަންޒިލްތައް އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ހަފުތާއަކަށް ޝެޑިއުލް ކުރާނީ ކިތައް ފްލައިޓުކަން އެނގޭނީ ވެސް މަޝްވަރާތައް ނިމުމުން ކަމަށް ރިޒްވީ ވިދާޅުވި އެވެ.

ކާގޯ ދަތުރުތައް ފެށުމާ ގުޅޭގޮތުން މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކާ މަޝްވަރާ ކުރަމުންދާއިރު، ރިޒްވީ ވިދާޅުވީ މިކަމުގައި ވީހާވެސް ގިނަ ފަރާތްތައް ބައިވެރިކުރަން ބޭނުންވާ ކަމަށެވެ.

މޯލްޑިވިއަން އިން މިކަމާ ގުޅޭ ޕޯސްޓު ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާއެކު އެ ފްލައިޓުގައި ފަސިންޖަރުންނަށް ދަތުރު ކުރެވޭނެތޯ ބައެއް މީހުން ވަނީ ސުވާލުކުރަން ފަށާފަ އެވެ.

ނަމަވެސް މިއީ ހަމައެކަނި މުދާ އުފުލަން ހާއްސަ ފްލައިޓްތަކަކަށް ވުމުން އެއްވެސް ފަސިންޖަރަކަށް މި ފްލައިޓުގައި ދަތުރު ނުކުރެވޭނެ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފުލް ކެޕޭސިޓީގައި ކާގޯ އުފުލައިގެން މީހުންނެއް ނުނެގޭނެ. ކާގޯ ފްރައިޓާ އޮޕަރޭޓް ކުރާނީ ވަކި ހުއްދައެއް ނަގައިގެން، އެހެންވީމަ މި ދަތުރުތަކުގައި ފަސިންޖަރުން ނުއުފުލާނަން." ރިޒްވީ ވިދާޅުވި އެވެ.

comment ކޮމެންޓް