ފިލިޕީންސްގައި ތިބި މެޑިސިން ކިޔަވާ 47 ދަރިވަރަކު ރާއްޖެ އަންނަން މިރޭ ފުރަނީ

މާރިޗް 21، 2020: ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަދުލުންތަކުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު

ފިލިޕީންސްގައި ތިބި މެޑިސިން ކިޔަވާ 47 ދިވެހި ދަރިވަރަކު މިރޭ ރާއްޖެ އަންނަން ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، މިރޭގެ ވަގުތެއްގައި ފިލިޕީންސްގައި ތިބި 47 ދިވެހި ދަރިވަރަކު ރާއްޖެ އަންނަން ފުރާނެ ކަމަށެވެ. އަދި އެ މީހުންނަށް ރާއްޖެ އާދެވޭނީ މާދަމާ ރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފޮރިން މިނިސްޓްރީއިން މިވަގުތު ކުރަމުންދާ ބުރަ މަސައްކަތުގެ ތެރެއިން 47 މެޑިކަލް ސްޓޫޑެންޓުން މިހާރު މިވަނީ މިރޭގެ ވަގުތެއްގައި ފިލިޕީންސްއިން ފުރާގޮތަށް ހަމަޖެއްސިފައި. އެ ކުދިން ގަތަރަށް ގޮސްފައި ގަތަރުން އަނބުރާ މާލެ އާދެވޭނީ މާދަމާ ރޭ،" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ، ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ތައްޔާރީ ހާލަތުގައި ބޭތިއްބުމަށް ކަމަށް މީގެ ކުރިން މަބްރޫކު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މީގެ ކުރިން ނޭޕާލުގައި ތިބި ދިވެހި ޑޮކްޓަރުންތަކަކާއި ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ ދަރިވަރުންތަކެއްވެސް އަނބުރާ ރާއްޖެއަށް ގެނެސްފައިވެއެވެ.

comment ކޮމެންޓް