ޗައިނާއަށް ފަހު އެމެރިކާގައި ވެސް ކޮރޯނާއަށް ފަރުވާ ދޭން ވިޓަމިން ސީ ބޭނުންކުރަން ފަށައިފި

ވިޓަމިން ސީ

މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ހޮސްޕިޓަލްތަކުގައި ވެސް އެ ބައްޔަށް ވިޓަމިން ސީ ބޭނުންކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

ކޮރޯނާއަށް ވިޓަމިން ސީ ބޭނުންކޮށްގެން ޗައިނާގައި ވެސް ވަނީ ފަރުވާތައް ދޭން ފަށައިފަ އެވެ. އަޖުމަ ބެލުމުގެ ގޮތުުން ވިޓަމިން ސީ ބޭނުންކޮށްގެން ފަރުވާ ދޭން އެންމެ ފުރަތަމަ ފެށީ ޗައިނާގެ ވުހާންގެ ހޮސްޕިޓަލެއް ކަމަށްވާ ޖޮންގްނަން ހޮސްޕިޓަލްއިން އެވެ.

އެމެރިކާގެ ނިއުޔޯކްގެ ހޮސްޕިޓަލްއެއްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އެންޑްރިއު ވެބާ ވިދާޅުވީ ކޮރޯނާ ޖެހިގެން އެންމެ ހާލުބޮޑު ބަލިމީހުންނަށް އައިވީއެއް ގުޅައިގެން އެ މެދުރުވެރިކޮށް ވިޓަމިން ސީ ދޭން ފަށައިފައިވާ ކަމަށެވެ. އެގޮތުން ދެނީ 1500 މިލިގްރާމްގެ ޑޯސްއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތަށް ދުވާލަކު ތިން ހަތަރު ފަހަރު ވިޓަމިން ސީ ދަނީ ދެމުންނެވެ.

މިއީ އާންމުކޮށް ވިޓަމިންސީ ދޭން ކަނޑައަޅާފައި އޮންނަ އަދަދަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ. އާންމުކޮށް ވިޓަމިން ސީ ދޭން ކަނޑައަޅާފައި އޮންނަނީ 75 - 90 މިލިގްރާމްގެ އަދަދެކެވެ.

ވިޓަމިންސީއާ އެކު އެންޓިބަޔޮޓިކްސްއާއި އެހެނިހެން ބޭސްތައް ވެސް ކޮރޯނާ ޖެހޭ މީހުންނަށް ދަނީ ދެމުންނެވެ.

ޑރ. ވެބާ ވިދާޅުވީ ކޮރޮނާއާ ގުޅިގެން އިންފެކްޝަންތައް މާބޮޑުވެ ފުރާނައަށް ނުރައްކާވާހިންދު ހަށިގަނޑުގައި ހުންނަ ވިޓަމިން ސީ ވަރަށް ބޮޑަށް ދަށްވާ ކަމަށެވެ. އަދި ވިޓަމިން ސީ ދިން ބަލިމީހުން، އެ ވިޓަމުން ނުދޭ މީހުންނަށް ވުރެ ބޮޑުތަނުން ރަނގަޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކޮރޯނާޖެހިފައިވާ އެންމެނަށް ވިޓަމިން ސީ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިޓަމިން ސީއަކީ ގައިންގަޔަށް ފެތުރޭ ބަލިތަކަށް ދޭން ވަރަށް މޮޅު ފަރުވާއެއް ކަމަށް މީގެ އެތަކެއް އަހަރުކުރި އެމެރިކާގެ ކާޑިއޮލޮޖިސްޓް ތޯމަސް ލެވީވެސް ވިދާޅުވެފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން 2011 ވަނަ އަހަރު،" ކިޔޮރިންދަ އިންކިޔޮރިބަލް: ވިޓަމިން ސީ، އިންފެކްޝިއަސް ޑިޒީސާސް އެންޑް ޓޮކްސިން"ގެ ނަމުގައި ފޮތެއްވެސް ޑރ. ލެވީ ލިޔުއްވާއިފައިވެ އެވެ.

މަސްދަރު: އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް، ނިއުޔޯކްޕޯސްޓް

comment ކޮމެންޓް