ފްލައިޓު ޗާޓާކޮށްގެން ދިވެހީން ގެންނަން ހުއްދަ ދިނުން މެދުކަނޑާލައިފި

ސްރީލަންކަން އެއާލައިންގެ މަތިންދާބޯޓެއް - ފޮޓޯ އޮސްޓްރޭލިއަން އޭވިއޭޝަން

ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ފްލައިޓުތައް މެދުކަނޑާލާފައިވާ ގައުމުތަކުން ދިވެހީން އަނބުރާ ގެންނަން އަމިއްލަ ފަރާތްތަކުން ޗާޓާކޮށްގެން އޮޕަރޭޓު ކުރަން އެދި ހުށަހަޅާ ފްލައިޓުތަކަށް ހުއްދަ ދިނުން ޓްރާންްސްޕޯޓު މިނިސްޓްރީއިން މެދުކަނޑާލައިފިއެވެ.

އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހީން އަނބުރާ ރާއްޖެ ގެނައުމަށް ހާއްސަ ފްލައިޓެއް ބާއްވަން މަސައްކަތް ކުރަމުން ދާ ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަމޯލްޑިވްސްއިން މި ހަފްތާގެ ތެރޭގައި ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިިގެން ރާއްޖެއާއި ލަންކާގެ ސަރުކާރާ މަޝްވަރާކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންނަމަވެސް، މިއަދު ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ އެގޮތަށް މީހުން ގެންނަން ފްލައިޓުތައް ޗާޓާކުރަން ހުއްދަ ދިނުން މެދުކަނޑާލާފައެވެ. އެގޮތަށް ނިންމީ ރާއްޖެއިން ބޭރުގައި ތިބި ދިވެހީން ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާތީ ކަމަށް ޓްރާންސްޕޯޓުން ނެރުނު ނޫސްބަޔާނުގައިވެއެވެ.

"ކޮވިޑް-19އާ ގުޅިގެން އަނބުރާ ރާއްޖެއަށް އަންނަ ހުރިހާ ދިވެހީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަރަންޓީނުކުރަން ހަމަޖެހިފައިވާތީ، ދިވެހިރާއްޖެއިން ބޭރުގައި ތިބި ދިވެހީން ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާތީ، ދިވެހިރާއްޖެއިން ބޭރުގައި ތިބި ދިވެހީން ގެނައުމަށް ވަކިވަކި ފަރާތްތަކުން ޗާޓާކޮށްގެން ދިވެހީން ގެނައުމަށް އޮޕަރޭޓު ކުރަން އެދި ހުށަހަޅާ ފްލައިޓުތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާ ވާހަކަ ދެންނެވީމެވެ." ޓްރާންސްޕޯޓު މިނިސްޓްރީއިން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

ފަނަރަހާހަށް ވުރެ ގިނަ ދިވެހީން އުޅޭ ލަންކާގައި 104 މީހަކު މިއަދާ ހަމައަށް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް