ކޮރޯނާވައިރަސް: ވަޒީފާ ގެއްލުނު އެމެރިކާ މީހުންގެ އަދަދު 3.3 މިލިއަނަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --

މިހާރު މުޅި ދުނިޔެއާއި އެެމެރިކާގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން އެމެރިކާގައި ވަޒީފާ ގެއްލުނު މީހުންގެ އަދަދު 3.3 މިލިއަނަށް އަރައިފި އެވެ.

ވަޒިފާ ނެތްމީހުންނަށް ދޭ އެލަވަންސް ހޯދުމަށް 3.3 މިލިއަން މީހުން އެދިފައިވާ ކަމަށް އެމެރިކާގެ ލޭބަ ޑިޕާޓްމަންޓްއިން ވަނީ ބުނެފަ އެވެ.

ވަޒީފާ ގެއްލުނު މީހުންގެ ތެރޭގައި ރެސްޓޯރެންޓާއި ބާތަކާއި ޖިމްތައް ފަދަ ތަންތަނުގައި މަސައްކަތް ކުރާ މީހުން ހިމެނެ އެވެ. ވަޒީފާ ގެއްލުނު މީހުން އެހީއަށް އެދި ވެބްސައިޓްތަކަށް ވަނުމުން އެމެރިކާގެ ނިއުުޔޯކާއި އޮރިގަން ސްޓޭޓްގެ ވެބްސައިޓްތައް ވެސް ވަނީ ޑައުންވެފަ އެވެ.

މިއީ 1982 ވަނަ އަހަރުގެ ފަހުން އެހާ ގިނަ މީހުންގެ ވަޒީފާ ގެއްލުނު ފަހަރެވެ. އެފަހަރު ހަތް ލައްކައެއްހާ މީހުންގެ ވަޒީފާ ގެއްލުނެވެެ.

އެމެރިކާއގެ އިކޮނޮމިސްޓުން ބުނާގޮތުގައި އިގްތިސާދު ބޮޑު ރިސެޝަނަކަސް ދިއުން ކައިރި އެވެ. އަދި އޭގެ ސަބަބުން 40 މިލިއަނެއްހާ މީހުންގެ ވަޒީފާ ގެއްލިދާނެ އެވެ.

އެމެރިކާގައި މިދިޔަ މަހު ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ 3.3 ޕަސެންޓްގަ އެވެ. ނަމަވެސް މިހާރު އެ އަދަދު ހުރީ 5.5 ޕަސެންޓްގަ އެވެ. ވަޒީފާތައް ގެއްލި އެމެރިކާގެ ރައްޔިތުން އިގްތިސާދީ ކާރިސާއެއްގެ ތެރެއަށް ވެއްޓުމުން އެކަމުން އަރައިގަތުމަށް އެމެރިކާގެ ސަރުކާރުން ވަނީ ދެ ޓްރިލިއަން ޑޮލަރުގެ ޕެޖޭކްގެ އެހީ ދޭން ބިލެއްވެސް ފާސްކޮށްފަ އެވެ.

comment ކޮމެންޓް