އޭޑީކޭގެ ސްޕެޝަލިސްޓުން ބަލި މީހުން ބަލަން ގޭގެއަށް ދާން ފަށަނީ

އޭޑީކޭ ހޮސްޕިޓަލް - ފޮޓޯ/ އޭޑީކޭ

މިހާރު ރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކުގަިއ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އޭޑީކޭގެ ސްޕެޝަލިސްޓުން ގޭގެއަށް ގޮސް ބަލިމީހުން ބަލަންދާ ގޮތަށް ހަމަޖައްސައިފިއެވެ.

އޭޑީކޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ހޮސްޕިޓަލްގެ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޭގެއަށް ގޮސް ބަލި މީހުން ބަލާނެ ކަމަށެވެ. އަދި ބަލި މީހުން ބަލަން ޒިޔާރަތްކުރުމުގެ އިތުރުން ލެބޯޓަރީގަިއ ހަދަން ޖެހޭ ޓޭސްޓުތައް ހަދަން ސާމްޕަލްތައްވެސް ނަގައިދޭނެ ކަމަށް އޭޑީކޭއިން ބުންޏެވެ.

އޭގެ އިތުރުން އޮންލައިންކޮށްވެސް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންވެސް މިހާރު ދެއްކޭނެކަމަށް އޭޑީކޭއިން ބުންޏެވެ. އަދި ހަމަ ކުރިއެކޭ އެއްގޮތަށް ހޮސްޕިޓަލްއަށް ޒިޔާރަތްކޮށްގެންވެސް އެ ޑޮކްޓަރުންނަށް ދެއްކޭނެއެވެ.

އޮންލައިން އެޕޮއިންޓަމަންޓްތަކާއި ގޭގެއަށް ގޮސް ހިދުމަތް ދިނުމަށް އޭޑީކޭއިން އެޕޮއިންޓްމަންޓްތައް ހަދަން އާ ހޮޓްލައިން ނަންބަރެއްވެސް ވަނީ ތައާރަފްކޮށްފައެވެ. އެ ނަންބަރަކީ 1440 އެވެ.

ކޮރޯނާ ވައިރަސް ފެތުރޭތީ އޭޑީކޭއިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އޮންލައިން ފްލޫ ކްލިނިކެއްވެސް ތައާރަފްކޮށްފައެވެ. އެ ކްލިނިކަށް މިހާތަނަށް 645 މީހުން ވަނީ ދައްކައިފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ޖެހިފައިވާ 13 މީހަކު ވަނީ ފެނިފައެވެ.

comment ކޮމެންޓް