މާލެ-ތިލަފުށި ބްރިޖު: ބޯހޯލް ތޮރުފާތީ ދަތުރުކުރުމުގައި ސަމާލުވާން އަންގައިފި

މާލެ-ތިލަފުށި ބްރިޖުގެ ސާވޭއަށް ބޭނުންވާ މެޝިނަރީތައް ރާއްޖެއަށް ގެނައި އުޅަނދު --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

މާލެއާއި ތިލަފުށި ބްރިޖަކުން ގުޅުވާލަން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ބޯހޯލް ތޮރުފަން ފެށުމާއެކު އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން އަންގައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެއާއި ވިލިނގިލި ދެމެދުގެ ކަނޑުގެ ސަރަހައްދާއި ވިލިނގިލީ ދެކުނު ފަރުމަތީގައި ޕްލެޓްފޯމްތަކެއް ބަހައްޓައިގެން ބޯހޯލް ތޮރުފަން ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާއިރު ޕްލެޓްފޯމު ވަށައިގެންވާ 100 މީޓަރުގެ ސަރަހައްދަކީ ކަނޑު އުޅަނދުފަހަރު ދަތުރުކުރަން ނުރައްކާތެރި ސަރަހައްދެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. އެ މަސައްކަތް ނިމޭނެ ދުވަހެއް މިނިސްޓްރީން ނުބުނެ އެވެ. ނަމަވެސް މަސައްކަތް ނިމެންދެން އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވުމަށް ވަނީ އަންގާފަ އެވެ.

ހަމައެއާއެކު އެ ސަރަހައްދުގައި ޑައިވް ކުރުމާއި މޫދަށް އެރިއުޅުން ވެސް މިއަދުން ފެށިގެން މަސައްކަތް ނިމެންދެން ވަނީ މަނާކޮށްފަ އެވެ.

މި މަސައްކަތަށް ބޭނުންވާ ސާމާނު ރާއްޖެއަށް ގެނެސްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގަ އެވެ.

ފަނަރަ މިލިއަން ޑޮލަރުގެ އަގަކަށް އެ މަސައްކަތް ކުރިއަށްގެންދަން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ފުގްރޯ ކުންފުންޏާ އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދަން ނިންމާފައިވާ މާލެ-ތިލަފުށި ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލްތަކުގައިވާ ގޮތުގައި ބުރިޖް މަޝްރޫއަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެއެވެ.

މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސާދީ ގޮތުން ފައިދާ ކުރާނެ ކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް