ސްޓޫޑެންޓު ލޯނުތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދަށް ބަދަލެއް ނާންނާނެ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މީޑިއާ އަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ

ސްޓޫޑެންޓު ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސް ކުރިޔަސް އެކަމުގެ ސަބަބުން ފަހުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާގެ އަދަދަށް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއިން ބުނެފިއެވެ.

ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް އަސަރުކޮށް، އާންމުނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކާ ހެދި ސްޓޫޑަންޓް ލޯނު އަނބުރާ ދައްކަން ޖެހިފައިވާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައި ވާކަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވައިފައެވެ.

އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ، އެ ނިންމުމާ ގުޅިގެން މިހާރު ސްޓޫޑަންޓް ލޯނު ދައްކަން ޖެހިފައިވާ 4000 އަށްވުރެން ގިނަ ދަރިވަރުންނަށް ކޮވިޑް-19އާ އިގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށެވެ.

އެ ނިންމުމާއި ގުޅިގެން ބީއެމްއެލް އާއި ބީއޯސީ މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ލޯނުތަކުގެ އިތުރުން މީރާއަށް ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކުން މިހިނގާ މާރިޗް މަހުން ފެށިގެން 6 މަސް ދުވަހަށް ސްޓޫޑެންޓު ލޯނަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

އެ މިނިސްޓްރީއިން ބުނި ގޮތުގައި އެ ނިންމުމާ އެކު ލޯނު ދައްކާ ހަލާސްކުރަން މިހާރު އެގްރީމަންޓް ކުރެވިފައިވާ މުއްދަތަށް އެގްރީމަންޓަށް ބަދަލުގެނައުމަކާ ނުލައި 6 މަސްދުވަސް އިތުރު ވެގެން ދާނެ އެވެ. އަދި މަހުންމަހަށް ފައިސާ ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.

ލޯނު ސްކީމްތަކުގެ ދަށުން ނަގާފައިވާ ލޯނުތަކަށް ސީދާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ފައިސާ ދައްކަމުން ގެންދާ ފަރާތްތަކުން ވެސް ހަ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ލޯނު ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި، ކަމާގުޅޭ އިދާރާތަކާއިއެކު އެކަމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

"އެހެންކަމުން ސްޓޫޑެންޓްލޯނު ނަގާފައިވާ ފަރާތްތަކުން ލޯނުގެ ފައިސާ އަބުރާދައްކަމުންގެންދާ ބޭންކަށް، އެބޭންކަކުން އަންގާ ގޮތަކަށް އަމަލުކުރައްވަމުން ގެންދެވުން އެދެމެވެ." ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް