ގަނޑުވަރު ތެރެއިން 5

"އެންމެނަށް ހިތް ކިޔާ މީހަކަށް ލާވަން ވެސް ވީތަ؟ ބޭވަފާތެރި ޝެހެޒާދާ. ތިހެން އުޅުއްވަން ހަދައިގެން ސާހިބު ކަމަނާ ގެއްލިދާނެ. ޝެހެޒާދީގެ ހިތް ހަލާކު ނުކުރައްޗޭ ވަރަށް ނާޒުކް ހިތެއްގެ ވެރިއެއް..........." މަރިޔަމް ފަސް އެނބުރި ބަލާލާފައި ހެމުން ބުނެލި އެވެ. އަދި ގޮސް ޕައިން ގަސްތަކާއި ނިވާވެލިއިރު ލޫސީގެ މޫނަށް ރަތްކުލަ ވެރިވީ މިފަހަރު ރުޅީގެ އަސަރުތައް ހިތުގައި ހިނގައިގަތްލެއް ބޮޑުކަމުންނެވެ. ލޮލުގައި ކަރުނައިގެ މުތީއެއް ވިދައިގަތުމާ އެކު ހިންދިރުވާލެވިއްޖެ އެވެ. ފައިކޮޅުން ވާގިދޫވެ ވެއްޓިދާނެެހެން ހީވެ އެންމެ ގާތުގައި ހުރި ދިގު ގޮނޑިއަށް ތިރިވެވިއްޖެއެވެ.

"ލޫސީ ހާލުކޮޅު ކިހިނެއްތޯ؟"ލާވަން ކަންބޮޑުވެފައި ސުވާލުކުރި އެވެ.

"ލައްބަ އަޅުގަނޑު މުޅިން ރަނގަޅު." ލޫސީ ދެލޯ މަރައިލަމުން ހިތުގެ ހިނގުން ހަމަަޔަކަށް އަޅުވަން ހިނދުކޮޅެއް ނެގި އެވެ. ލޯ ހުޅުވައިލިއިރު މޫނުމަތިން ހުދުކުލަ ކެނޑި ކޮންމެވެސް ވަރަކަށް ފިޔާތޮށިކުލަ ފާއްދާލައިފި އެވެ.

"މިތާ އިށީދެލެވިދާނެތޯ؟"ލާވަންއާއި ހަތަރުކަޅި ހަމަވުމުން ލޫސީގެ މޫނަށް ހޫނުވާގޮތްވި އެވެ. ލަދުންގޮސް އޭނަ މަރުވާވަރުވި އެވެ. ލޫސީ އެއްބަސްވިކަން އަންގަން އިޝާރާތްކޮށްލިއިރު ވެސް ހިތުގެ ތެޅުން މަޑެއްނުވެ އެވެ. ލާވަން ފެނުމުން މުޅި ޖިސްމާއި ހިތަށްވަނީ ބަޔާން ކުރަން ނުކުޅެދޭ ފަދަ އިހުސާސްތަކެވެ. ލާވަން ހިނިތުންވެލުމަށް ފަހު އިށީނީ ލޫސީއަށް އުނދަގޫނުވާ ހިސާބުގައި ތަންކޮޅެއް ދުރުގަ އެވެ. އެ ދޭތެރޭގައި އެކަކަށް އިށީދެވޭނެ ޖާގަ ހުއްޓެވެ. އާދައިގެ މަތިން އެކި އެކި ވާހަކަތައް ދެކެވެމުންގޮސް ލާވަން އޭނަ ލޫސީއަށް ދޭން ގެނައި ސިޓީއެއް ދިއްކޮށްލިއެވެ. އެއީ އޭނަގެ ހިތުގައި ލޫސީއަށްޓަކާ ވާ ޝުއޫރުތައް ގަލަމުން ބަޔާން ކުރެވެން ކުޅަދާނަ ވީވަރުން ފައުޅުކޮށްފައި ކަމުގައި ބުނުމުން ލޫސީ ރަކިވިއެވެ. އެ ސިޓީގައި ބޮސްދޭން އެވަގުތު ހިތަށް އެރިއެވެ.

"ލޫސީ. އަޅުގަނޑަށް ވެގެން މިއުޅޭގޮތެއް ދަންނަވާލާކަށް ފަސޭހައެއް ނޫން. ރޭގަނޑު ނިދުމުގެ އަރާމެއް ނުލިބޭ. އަބަދު ޚިޔާލުގައިވަނީ ތިޔަ ފުރިހަމަ ތަސްވީރު. އަޅުގަނޑުގެ ޅެމުގައި ތި ރީތިކަމަށް ތައުރީފުކުރަން މަސައްކަތްކުރި ކަމުގައިވިޔަސް އެކަށީގެންވާވަރަކަށް އެކަމެއް ނުކުރެވުނު. ލޫސީ އަޅުގަނޑަށް ކިހިނެއް ތި ހެއްދެވީ؟ " ލާވަން ސުވާލުކުރިއެވެ. ލޫސީ ލަދުންގޮސް އިސްޖަހައިގެން އިނގިލިތަކާއި ކުޅެން އިންއިރު އުފާވެރިކަން ހިތަށް ވެރިވިއެވެ. ދުވަހަކު ނުކުރެވޭފަދަ ފޮނި އިހުސާސްތަކެއް ކުރެވުނެވެ.

"ތިޔަ ވިދާޅުވި އެއްޗެއް އަޅުގަނޑަކަށް ދޭހައެއްނުވި...." ލޫސީ ބުނެލިއެވެ.

"އަޅުގަނޑުގެ ހިތުގައިވަނީ ތިޔަ ރީތި އަންހެންކުއްޖާ. ނޭގި ހުއްޓާ އަޅުގަނޑަށް ލޯބިވެވިއްޖެ. އަޅުގަނޑުގެ ސުވާލަކީ މިއީ ހަމައެކަނި އެއްފަރާތަކުން ވެވޭ ލޯތްބެއްތޯ؟ ނޫނީ ތި ހިތުގައި އަޅުގަނޑަށްޓަކާ އެއްވެސް އިހުސާސްތަކެއް ވޭތޯ؟ " ލާވަން ލޫސީގެ މޫނަށް ބެލިގޮތަށް ދުރު ބަލައިލާކަށްވެސް ނޭގުނެވެ. ވާނީ އެހެންނޫންހެއްޔެވެ؟ ލޫސީއަކީ ރީތިކަމުގެ ދެވަނަ ނަމެވެ.

ލުސީ: " އަޅުގަނޑު ބުނަންވީ ކީކޭތޯ..."

ލާވަން: " އަޅުގަނޑުގެ ލޯބި ގަބޫލުކުރާކަން ބުނެދެވިދާނެ ނޫންތޯ ލޫސީ...."

ލޫސީ:" ތިއަކަށް ބުނާނެ އެއްޗެއް އަޅުގަނޑަކަށް ނޭގޭ ތިޔަދައްކަވަނީ ކޮންކަހަލަ ވާހަކަފުޅެއްތަ ޝެހެޒާދާ ލާވަން................"

ލާވަން: "އަޅުގަނޑުގެ ހުރިހާވެސް އުފަލަކީ ލޫސީ. މި ލޯބި ގަބޫލުނުކޮށްފިއްޔާ ދިރިހުރުމަކީ ވާނެކަމެއްނޫން. .."

ލޫސީ: " ތިޔަ ލޯބީގެ ނަތީޖާއާއިމެދު ވިސްނަވާލެއްވިންތޯ؟ "

ލާވަން: "ނަތީޖާ ރަގަޅުނުވެދާނެކަން އެނގޭ. ނަމަވެސް ލޯތްބަކީ އަމިއްލަ ބާރުގައިވާ އެއްޗެއް ނޫން.. ިއޚުތިޔާރު އޮތްނަމަ ހިތުން ނަގާ އެއްލާލެވިދާނެ. ނަމަވެސް ލޯތްބަކީ އެއަށްވުރެ ބާރުގަދަ ޖަޒުބާތެއް...."

ލޫސީ: "ލޯބި އުފެދެން ޖެހޭ ސަބަބަކީ ކޮބާތޯ؟ "

ލާވަން: "އަޅުގަނޑަަށް ދަންނަވާކަށް ނޭގޭ. އެކަކު އަަނެކަކަށް ދިމާވެ ހިތުގައި އުފެދިގަންނަ ޖަޒުބާތަކަށް ލޯބީގެ ނަން ދެވޭ. އެކަކު އަނެކަކާ ނުލައި އުޅުން ދަތިވުމަކީ ލޯބި. ހޭލާ ހުންނައިރު އަދި ނިދީގައި އަނެކަކާގެ ސޫރަ ލޯމަތިން ދުރަށް ނުގޮސް ހުރުމަކީ ލޯބި. ހުވަފެންތަކުގައި ރަސްކަން ކުރުމަކީ ލޯބި. ލޯބިވެރިޔާގެ ނަން އިވުމުންވެސް ލޮލަށް ކަރުނަ އައުމަކީ ލޯބި. ހަތަރެސްފައި ފިނިވުމަކީވެސް ލޯބި. އެެހެންގޮސް އެތައް ސިފަތަކަށް އެ ލޯބީގައި ލައްވާފައިވޭ......"

ލޫސީ: "އިހަށް ތި ވާހަކަފުޅު ބާއްވާފައި އެހެން ވާހަކައެއް ދައްކަމާ."

ލާވަން: "ލޫސީ ބޭނުން ކޮންމެ ވާހަކައެއް ދައްކަވަންވީ. އަޅުގަނޑު އުމުރަށްވެސް ފޫހިކަމެއްނެތި އަހާނަން. ކޮންމެ ސުވާލަކަށް ޖަވާބުދޭނަން..."

ލޫސީ: " މަރިޔަމްއާއި ރުހިވަޑައިގަންނަަވަނީ ކިހާވަރަކަށް؟ "

ލާވަން : "މަރިޔަމްއަކީ ރީތި އަންހެންކުއްޖެއް ލޫސީގެ އެކުވެރިއެއް. ވަރަށް ބޮޑަށް ރުހެން........"

އެ ޖުުމްލައިން ސިހޭގޮތްވެ ދެލޯ ބޮޑުކޮށްފައި ހައިރާންކަމާއި ޝައްކުގެ ނަޒަރަކުން އޭނަ ލާވަންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ޚިޔާލުތަކުގެ ތެރެއަށް ސިކުނޑި ގެނބި ހުރިހާ ހަމަޖެހުމެއް ނަގާލައިފިއެވެ. ލާވަންއަށް އެއްގޮތަކަށްވެސް އެ ނާޒުކް ހިތުގައި އަނދަ އަނދާވި ހަސަދައިގެ އަލިފާނުގެ ހިލަމެއްނުވެ ހިނިތުންވެލަމުން ލޫސީއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"ބުނެބަލަ އަޅުގަނޑުދެކެ ލޯބިވަންތަ "

ލޫސީ: "މިހާރު ވާހަކައިގާ މާ ގިނައިރުވެއްޖެ. ދެން އަޅުގަނޑު ދާންވެއްޖެ.."

ލާވަން: ނޫން އަދި ދިހަމިނިޓްވެސް ނުވޭ. ރަހުމްކުރޭ ފުރާނަފަަަދަ ލޯބިވާ ލޫސީ. އެންމެ ލަފުޒަކުން މިހިތަށް ފިނިކަމެއް ލިބިދާނެ..."

ލޫސީ: " އަޅުގަނޑު ބުނަންވީ ކީކޭތޯ؟ "

ލާވަން: "ލޫސީގެ ހިތުގައި އަޅުގަނޑަށްޓަކާ ލޯބި ވޭތޯ ނުވަތަ ނޫންތޯ..."

ލޫސީ: " އަޅުގަނޑު ބުނެފާނަން ނަމަވެސް ވައުދެއް ވެ ވަޑައިގަންނަވާ މަތިން ...."

ލާވަން: "ހާސް ވައުދުވާން ތައްޔާރަށް މިހިރީ "

ލޫސީ: "އެހާ ގިނަ ވައުދެއްނޫން. އެންމެ ވައުދެއް.."

ލާވަން: " އެންމެ ރަގަޅު. އެއީ ކޮންކަމެއްތޯ؟ "

ލޫސީ: " ދުވަހަކުވެސް މަރިޔަމްއާއި އަނގައިން ނުބުނަން ކަމަށް....."

ލޫސީއަކީ ލޯބީގައި އެއްވެސް ތަޖުރިބާއެއް ނެތް ޅަ އަންހެންކުއްޖެކެވެ. ހަގީގީ ލޯބީގެ ފޮނިކަން އަދި ކިރިޔާ އިހުސާސް ކުރެވުނަސް އެހާވަރަށް އެކަން އެނގި ދަސްވީއެއް ނޫނެވެ. ލާވަންގެ ދުލުން މަރިޔަމްއާއި ރުހޭވާހަކަ ބުނުމުން ހިތުގައި އުފެދިގަތް ހަސަދަވެރިކަމުން އެފަދަ މޮޔަ ވައުދެއް ކުރެވުނީއެވެ. ލާވަންވެސް ހައިރާންވެ އަންތަރީސްވާން ޖެހުނެވެ. ލޫސީ އެފަދަ ވައުދެއް ކުރުވަން ޖެހުނު ސަބަބެއްވެސް ނޭގުނެވެ. އޭނަ އަކީ މަރިޔަމްގެ އިހުސާންތެރިކަމުގެ ދަށުގައި ފިތިފައިވާ މީހެކެވެ. ލޫސީއާއި ބައްދަލުވެވުމުގެ އަސްލަކީ މަރިޔަމްއެވެ. އޭނަގެ ހިތުގައި ލޫސީނޫން ފަރާތަކަށް އެއްވެސް ޖާގައެއްނެތެވެ. ނަމަވެސް ލޫސީ ރުއްސާލަން އެ ވައުދުވެސް ވެއްޖެއެވެ. ލޫސީ އުފަލުން ހިނިތުންވެލުމުން ކުދި ދަތްތައް ފެނިލިއެވެ. އެ މަންޒަރުން ލާވަންގެ ހިތަށް ބުނަންނޭގޭފަދަ އުފަލެއް ލިބިއްޖެއެވެ.

"ލޯބިވާ ލޫސީ. ދެންވެސް ބުނެބަލަ. އަޅުގަނޑުދެކެ ތި ހިތުގައި އެއްވެސް ވަރަކަށް އިހުސާސެއް ވޭތޯ. ލޯތްބެއް ކިރިޔާ ވާނަމަވެސް އަޅުގަނޑުގެ ހިތަށް ފިނިކަމެއް ލިބިދާނެ..... " ލޫސީ އެއްޗެކޭ ބުނަން އުޅެފައިވެސް ޚިޔާލު ބަދަލުކޮށް ތުންފަތުގައި ދަތް އަޅާލުމުން ލާވަން އަނެއްކާވެސް ތަކުރާރުކޮށް އެ ސުވާލުކުރިއެވެ.

"އަޅުގަނޑުގެ ހިތުގައި...."

ލާވަން: " ތިހާ ބޮޑަށް ނުތަޅުވާ ދެން ބުނެދީފާނަންތަ. އަޅުގަނޑުގެ ހިތް ހަލާކުވެދާނެ...."

ލޫސީ: " ދެން މިހާރަކު ނޫން ލަސްވެއްޖެ. އެހެން ފަހަރަކުން އެ ވާހަކަ ދައްކާނީ......."

ލާވަން ލޫސީގެ އަތުގައި ހިފާލުމުން ލޫސީ ހިނި އަންނަގޮތްވެފައި ދުރަށް ޖެހިލަން މަސައްކަތްކުރިޔަސް ލާވަން އެއަތުން ދޫކޮށްލާކަށް ގަސްތެއްނުކުރިއެވެ.

ލޫސީ: " އަޅުގަނޑު ދަންނަވައިފިން އަދިވެސް ގަބޫލުނުކުރައްވަނީތޯ؟"

ލާވަން އެދުނީ ރީތިކޮށް ބުނުމަށެވެ. ގަބޫލުކުރާނީ އޭރުން ކަމުގައެވެ. ނޫނީ ދުވަހަކު އަތުން ދޫކޮށްނުލާނެ ކަމުގައެވެ. ލާވަން އެތައް ފަހަރު ސުވާލުކުރަން ފެށުމުން އެންމެފަހުން ލޫސީއަށް މަޖުބޫރުވީ ލޯބިވާކަމަށް އެއްބަސްވުމަށެވެ. ލާވަންއަށް ލޫސީގެ ގައިގާ ކުޑަކޮށް ބައްދައިލެވުނެވެ.

ލޫސީ: "ތިކުރެއްވީ ވަރަށް ގޯސްކަމެއް.."

ލާވަން:"މި ކުށް ކުރެވުނީ އަޅުގަނޑުގެ ކެތްތެރިކަމެއްނެތް ހިތުގެ ސަބަބުން. މާފުކުރައްވާތި ލޯބިވާ ލޫސީ....."

ލޫސީ: " އެއްފަހަރު ކަމަށް މާފުކޮށްފިން. ދެން އެކަހަލަ ކަމެއް ނުކުރައްވާތި. މަރިޔަމްވެސް މިއަންނަނީ. އޭނަ ސިއްރުންވެސް ހަމަ ބަލަން ހުރެދާނެ އެހެންވީމަ އަޅުގަނޑު މިހެން ދެންނެވީ...."

މަރިޔަމް އެތަނަށް އައިސް ލޫސީ މާ ލަދުން ހުރީ ކީއްވެހެއްޔޭ ކިޔާފައި ލާވަންއާއިވެސް ދިމާކުރަންފެށިއެވެ. ލާވަންއަށް ކުރިމަތިވި އިމްތިހާނެކެވެ. އޭނަވަނީ މަރިޔަމްއާއި ވާހަކަ ނުދައްކަން ހުވާކޮށްފައެވެ. ޖަވާބު ނުދިނުމަކީވެސް އިންސާނިއްޔަތާއި ޚިލާފުކަމަކަށްވާތީ އެއްޗެކޭ ބުނަން ބޭނުންވިއެވެ. ނަމަވެސް ފުރާނަފަދަ ލޯބިވާ ލޫސީ ރުޅިއަރުވާކަށް ބޭނުމެއްނުވިއެވެ. މަރިޔަމް އެކި ވާހަކަދައްކަ ދައްކާވެސް ލާވަން ޖަވާބެއް ނުދިނެވެ. މަަރިޔަމް ކުޑަކޮށް ރަކިވިއެވެ. ދަމުން ސަލާމްކޮށްލުމުންވެސް ލާވަން އަނގައިން ނުބުނުމުން ހިތުގައި ސުވާލުތައް އުފެދުނެވެ. ދެ އަންހެންކުދިން ލޯމަތިން ގެއްލެންދެން މޮޅިވެރިކަމާއެކު ބަލަން ހުރެފައި ލާވަން ދެލޯ މަރައިލިއެވެ. މި ލޯބި ކާމިޔާބުވާނެ ބާވައޭ ހިތަށް އެރިއެވެ. އޭނަގެ ބިރަކީ ޔޫގަންނާއަށް މި ލޯބީގެ ޚަބަރު ލިބި އަޅާފާނެ ފިޔަވަޅެކެެވެ.

***

ގަންސްރޭންއަކީ ހަލަބުފަދައިން މަޝްހޫރު ޝަހަރެއް ނޫނެވެ. އެ ޝަހަރުގައި ފައްޅިތަކާއި ފާދިރީންތައް ގިނަކަމުން ރަށުގެ ރައްޔިތުންވެސް އަޅުކަމަށް ލޯބިކުރެއެވެ. ހަގުރާމައާއި ލޭ އޮހޮރުވުންތަކަށް ނަފްރަތުކުރެއެވެ. އަރަބިން އެރަށަށް ހަމަލާދިނުމާއެކު ސުލްހަވެ ޖިޒީދޭން އެއްބަސްވި ސަބަބަކީ އެއީއެވެ.

ގަންސްރޭންގެ ރަށްބޭރުގައި އޮތް ތަނަވަސް މައިދާން ގައި ހިޔާދޭ ބޮޑެތި ގަސްތައް އެތައް މޭލު ދުރަށް ފެތުރިފައިވެއެވެ. ރީތި ބަގީޗާއެއްފަދައިން ބައެއް ހިސާބުގައި ގަސްތަކާއި ވިނަތައް ހެދިފައެވެ. ބައެއް ދިމާލުން ކުލަކުލައިގެ މާތައް ފޮޅިފައެވެ. އެ ހިތްފަސޭހަ މައިދާނުގައި އަރަބިންގެ ލަޝްކަރު އެތައް ސަތޭކަ ފޭލިގެ ޖަހާ މަންޒިލްކޮށްފިއެވެ. ފޭލިގޭގެ ކުރިމަތީގައި ބަދެފައިވާ އަސްތައް ވެއެވެ. ތަންކޮޅެއް ދުރުގައި ބަރު އުފުލަން ގެންގުޅޭ ޖަމަލުތަކެވެ. ބައެއް ދިމާލުގައި ކުނާތަކާއި ރަޖާތައް ފަތުރައިގެން ހިޔާވަހިކަމެއްނެތި އިށީދެލައިގެން ހަގުރާމަވެރިން ތިއްބެވެ. ފޭލިގޭގެ މެދުގައި ތަންކޮޅެއް ބޮޑުކޮށް ހުރި ފޭލިގޭގައި ތިބީ ހަގުރާމަވެރިންގެ އަންހެނުންނާއި ކުދިންނެވެ.

އަރަބިންނަކީ ސާދާ ދިރިއުޅުމަކަށް ލޯބިކުރާ އަޅުވެރި ބަޔެކެވެ. ދުވާލު ހަތަރުދަން ހޭދަކުރަނީ ޖިހާދުކުރުމުގައެވެ. އިރުއޮއްސުމުން ހަތިޔާރު ސާފުކުރުމަށްފަހު ނަމާދުކޮށް ގުރުއާން ކިޔަވާ ޒިކުރުކުރުމުގައި ދެމިތިބެއެވެ. ސިފައިންގެ ގިނަ މީހުން ކާނާ އަމިއްލައަށް ތައްޔާކުރިިޔަސް އަޅުން ގެންގުޅޭ މީހުންނަށް ކައްކައި ހަދަނީ އެމީހުންނެވެ. އެމީހުން ލައި އުޅެނީ ފައިތިލައާއި ހަމަޔަށް އޮންނަ ދިގު ލިބާހެކެވެ. ބޮލުގައި ފަގުޑި އަޅާފައިވާއިރު އުނަގަނޑުގައި ފޮށާއެއްކަހަލަ އެއްޗެއް އައްސާފައެވެ. ކޮންމެ މީހެއްގެ ތުނބުޅިއެއްހުރެއެވެ. އޮފިސަރުންނާއި އާދައިގެ ސިފައިންވެސް ލައިއުޅެނީ ތަފާތެއްނެތް ހެދުންތަކެވެ. އެންމެންވެސް އެކުވެރިއެވެ. ކޮންމެ މީހަކު މުސައްލައެއް ގެންގުޅެއެވެ. އެ މުސައްލައަކީ ނަމާދުކުރުމުގެ އިތުރުން ނިދާ އިށީދެ އުޅުމަށްވެސް ބޭނުންކުރާ އެއްޗެކެވެ.

ރޭގަނޑު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ހަނދު އޭގެ ޝާއްބަކަމާއެކު ފަލުގައި ރަނިކަން ކުރަން އިންއިރު ހަނދުވަރުގެ ރިހި އަލި ގަސްތަކުގެ ތެރެއިން ފުރޭނިގެން ފޭލިގެތަކަަށް އެޅިފައިވެއެވެ. މައިދާނުގައި ރޯކޮށްފައިވާ އަލިފާންގަނޑުތައް ކައިރީ އަރަބީން ކެއްކުމާއިގެން މަޝްޣޫލުވެެގެން ތިއްބެވެ. އަސްތައް ގޮވާ އަޑު ދޭތެރެއަކުން އިވިލައެވެ. ބައެއްމީހުން ނަމާދުކުރުމުގައެވެ. އަނެއް ބަޔަކު ގުރުއާން ކިޔެވުމުގައެވެ. ދުޢާކުރުމުގައެވެ. އެއް ދިމާލެއްގައި ހަތިޔާރު ސާފުކުރުމާއި ޖިހާދުގެ ވާހަކަތަކުގައެވެ. އަންހެނުންވެސް އިޝާ ނަމާދަށްފަހު ކުދިން ނިންދަވަން ތިބިއިރު ނަބީބޭކަލުންގެ ވާހަކަތައް ކިޔައިދިނެވެ. ބޮޑެތިކުދިންނަށް ނަމާދު ކުރުމާ ގުރުއާން އަދި ހަދީސްތައް ކިޔައިދިނުމުގައެވެ.

އަންހެނުންގެ ފޭލިގޭގެ ތަންކޮޅެއް ދުރުގައި އެހެން ފޭލިގެއެއްގެ ދޮރުމަތީގައި މުސައްލަތައް ފަތުރާލައިގެން ކޮންމެވެސް ބަޔަކު ވާހަކަދައްކައިލަން ތިއްބެއެވެ. ރޯކޮށްފައިވާ އަލިފާނުގެ އަލި އެމީހުންގެ މޫނަށް އެޅިފައިވާއިރު އެންމެންގެ މޫނުމަތިން ހައިބަވަންތަކަމާއި ވަރުގަދަކަން ފެނެއެވެ. އެންމެ މީހެއް ފިޔަވާ ދެން ތިބީ ޒުވާނުންނެވެ. މުސްކުޅިޔާގެ އިސްތަށިގަނޑާއި ތުނބުޅިވަނީ އެއްކޮށް ހުދުވެފައެވެ. އިސްކޮޅުން ދިގުވެފައި ހިއްކެވެ. ހިތްހެޔޮކަމާއި ވިސްނުންތެރިކަން ފައުޅުވާ އަލި މޫނެކެވެ. އެތާ ތިބި ޒުވާނުން އޭނަވާހަކަ ދައްކާއިރު އަދަބުވެރިކަމާއެކު އިސްޖަހާލައިގެން ތިބެއެވެ. އެއީ އަރަބި ލަސްކަރުގެ ވެރިޔާ އަބޫ އުބައިދާ ބިން އަލް ޖައްރާހުއެވެ. އޭނަގެ ކަނައަތްޕުޅުގައި އިން ޒުވާނާގެ މޫނުމަތިން ހިތްވަރުގަދަކާއި ޖެހިލުންކުޑަކަން ފައުޅުވެއެވެ. އިސްކޮޅުން މެދުމިންވެފައި ވަރުގަދަ ހަށިގަނޑެއް ލިބިފައިވާއިރު މޫނާއިކަޅު ތުނބުޅިން އޭނަގެ ހިތްވަރުދަކަން ފެންނާން ހުއްޓެވެ. އެއި ޚާލިދުބިން ވަލީދުއެވެ. ސައިފުﷲގެ ލަގަބު ދެވިފައިވާ ފަރާތެވެ. ޚާލިދުގެ ނަންފުޅު އިވިފައި ރޫމީންތައް ބިރުން ރޫރޫ އަޅައިގަންނަވަރުގެ ހަގުރާމަވެރިއެކެވެ.

އޭނަގެ އަރިހުގައި ދެން އިންނެވީ ބިޔަ ހަށިގަނޑެއް ލިބިފައިވާ މަޝްހޫރު ހަގުރާމަވެރިއެކެވެ. ކައުބު ބިން މާލިކުއެވެ.

އަބޫ އުބައިދާގެ ވައަތްޕުޅުގައި އިންނެވީ އިސްކޮޅުން ދިގު މޭމަތި ތަނަވަސް ރީތި ދެލޮލެއް ލިބިފައިވާ ޒުވާނެއްކަމަށްވާ ޒިރާރު ބިން އަޒުވަރުއެވެ. އެނަ މަޝްހޫރުވެފައިވަނީ ދަހަނާއާއި ހަރުވާޅު ފިޔަވާ އެހެން އެއްޗެއްނެތި ހަގުރާމައިގެ މައިދާނަށް ނިކުންނަ "ދަ ނޭކެޑް ވޮރިއާ"ގެ ގޮތުގައެވެ. ގިނަފަހަރު ނޭޒާއާއި ތީރުން ހަގުރާމަ ކުރައްވާ ޒިރާރުއަކީވެސް ކާފަރުން ބިރުގަންނަ މުޖާހިދެކެވެ. ދެން އިންނެވީ ރަންކުލައިގެ ތުނބުޅިއެއްގެ ވެރިއެެއްކަމަށްވާ ޝުރަހްބިލްއެވެ. އެއީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ކާތިބެކެވެ. އެއީވެސް މަޝްހޫރު ހަގުރާމަވެރިއެކެވެ. އެ މަޖިލީހުގައި އެހެން އަސްހާބު ބޭކަލުންވެސް ތިއްބެވިއެވެ. އެބޭކަލުން މަޝްވަރާ ކުރައްވަމުން ދިޔައީ ހަލަބާއި މެދުގައެވެ.

އަބޫ އުބައިދާ: "ހަލަބު ކިއްލާއަކީ ދެފަރުބަދަ ދޭތެރޭގައިވާ ވާދީ އެއްގައިވާ ޝަހަރެއް. އެތަން ފަތަހަ ކުރުން ފަސޭހައެއްނުވާނެ ސަބަބުތައް އެބަހުރި. އެހިސާބުގައި މުސްލިމުންނަށް މަދަދުދޭނެ ވިލެޖެއް ނެތް. ކެއުމަށާއި ޟަރޫރީބޭނުންތަކަށް ސާމާނު ލިބެން ޖެހޭނެ. އަނެއްކޮޅުން ޔޫގަންނާގެ ލަޝްކަރުގައި ވިހި ހާސްވަރަކަށް ސިފައިން ތިބިކަމަށް ޚަބަރުލިބޭ.......... ވީމަ އޭނަ ކިއްލާ ބަންދުކޮށްގެން ހަމަލާދޭން ގަސްތުކޮށްފިއްޔާ ކިހިނެއް ހަދާނީ؟ "

ޒިރާރު: "ގަންސްރޭން ފަދައިން ޔޫގަންނާވެސް ސުލްހަވެދާނެކަމަށް ފެނޭ. ވީމަ އަޅުގަނޑުމެން އެކަމާއިމެދު ވިސްނާނެކަމެއް ނެތް."

އަބޫއުބައިދާ: ޔޫގަންނާފަދަ ބޮޑާ ގޮތްދޫނުކުރާ އަދި ތިމާއަކީ އެންމެ މޮޅު ހަގުރާމަވެރިޔާކަމަށް ދެކޭ މީހަކު ހަތިޔާރު ބަހައްޓާފައި ސުލަހްވެދާނެކަމަށް ނިންމައިގެން ނުވާނެ. ވަށައިގެންވާ ޝަހަރުތަކުން ލަޝްކަރު އެއްކޮށް ބައިލައްކަ ރޫމީންނާއެކު ހަމަލާދީފާނެކަމަށްވެސް ވިސްނަންވާނެ.."

ޝުރަހަބީލް: ހިތްވަރުގަދަ ވެރިއަކާއިއެކު އޮތް ލަޝްކަރުވެސް ހިތްވަރު ހުންނާނެ. އެފަދަ ބަޔަކު ސުލްހަވާނެކަމަކަށް ނުދެކެން..."

ޒިރާރު: ކަލޭގެފާނު އެމީހުން ހިތްވަރުގަދައޭ ވިދާޅުވީމަ ހައިރާންވެއްޖެ. އަމިއްލަ ދީން ހަދާންނައްތާލާ ކުޅިވަރާއި މަޖަލަށް ލޯބިކޮށް ދުނިޔެއަށްޓަކާ ދިރިއުޅޭ ބަޔެއްގެ ތި ވިދާޅުވާފަދަ ހިތްވަރެއް ނުހުންނާނެ. ތަބީއީގޮތުންވެސް ބަލިކަށިވާނެ....."

ކައުބު: ޒިރާރު ވިދާޅުވީ ތެދެއް. އުފަލާއި އަރާމަކީ ހިތްވަރު ބަލިކޮށްލާ ފާފަތަކަށް އިންސާނާ ގެންގޮސް ހަލާކުކޮށްލާ އެއްޗެއް. ފާފަވެރި އިންސާނާ ފިޑިވާނެ..."

ޝުރަހަބީލް: ފާފަވެރި އިންސާނާވެސް ފާފަތައް ދޫކޮށްލާ ރަގަޅު މަގު ޚިޔާރުކޮށް މުދާ ރަގަޅުގޮތުގައި ހޭދަކުރަން ފެށުމުން މަރުވެފައިވާ ހިތްތަކަށް ދިރުން ލިބި ހިތްވަރުގަދަވާނެ"

ކައުބު: މުދާ ރަގަޅުގޮތުގައި ހޭދަކުރުމަކީ އިންސާނާގެ ބާއްޖަވެރިކަން. އޭރުން ނަސީބު އަތުގައި ހިފާނެ.."

ޒިރާރު: ތިއީތެދެއް އެކަަމަކު މުދާ ރަގަޅުގޮތުގައި ހޭދަކުރަން ޖެހޭނެ. ރޫމީންނަށް ތިބުނާފަދަ ގޮތަކަށް މުދާތައް ރަގަަޅުގޮތުގައި ހޭދަކުރެވޭނީ ކިހިނެއްތޯ؟ އެއީ މާތްﷲއަށް ޝަރީކު ކުރާބަޔެއް..އިސްލާމުންނެއްނޫން. އެމީހުންނަކަށް އެބުނާފަދަ ހިތްވަރެއްނުދެއްކޭނެ...."

ޚާލިދު ބިން ވަލީދު: "ތިބޭފުޅުން ގެ ބަހުސް މިހާރު ތިދަނީ އެހެން ދިމާލަކަށް. އަޅުގަނޑުމެން މިހާރު ވިސްނަންވީ ކާބޯތަކެތި ހަމަޖައްސާނެގޮތެއް"

އަބޫ އުބައިދާ: "އެއްވެސް ޚިޔާލެއް އެބައޮތްތޯ؟ "

ޝުރަހްބިލް: " ހަލަބުކައިރީ ފަރުބަދަމަތީގައި ކުދި އަވަށްތައް ހުންނާނެ. އެތަނުން ކާތަކެތި ހަމަޖައްސަވާނީ"

އަބޫ އުބައިދާ: " ތިޔަ ވިދާޅުވި އަވަށްތައް ހުރީ ހަލަބުގެ އަނެއްފަޅީގައި ކަމަަށްވުމުން ފަހަރެއްގައި އެފަޅިއަށް ނުދެވުމަކީ އެކަށީގެންވާކަމެއް......"

ޚާލިދު: "އަޅުގަނޑަށް ފެންނަނީ ގަންސްރޭނުން ކާތަކެތީގެ އިންތިޒާމް ހަމަޖެއްސުން"

އަބޫއުބައިދާ: "އެހެން ގޮތެއް ނެތިއްޔާ ތިގޮތަށް އަމަލުކުރާނީ"

ކައުބު: "ދެން އަޅުގަނޑުމެންގެ ލަޝްކަރު މިހެން ތިބެ ތިބެ ފޫހިވެއްޖެ. ފުރުއްވާނީ ކޮން ދުވަހަކުންތޯ؟ "

އަބޫއުބައިދާ: "މާދަމާ ކުޑަ ލަޝްކަރެއް ފޮނުވާނަން"

ޝުރަހްބީލް: "ކިތައް މުޖާހިދުންތޯ "

އަބޫއުބައިދާ:" ފައްސަތޭކަ"

ޒިރާރު: "ކޮންމެ ދުވަހަކު ފައްސަތޭކަ ސިފައިން ފޮނުވުމަކީ އެންމެ ރަގަޅުގޮތް. އޭރުން ކާފަރުންނަށް އަޅުގަނޑުމެންގެ ލަޝްކަރު ބޮޑުވެފައި ހަގުރާމަވެރިންގެ އަދަދު އޮޅުމެއް ނުފިލާނެ.."

ޝުރަހަބިލް: ތިގޮތް ރަގަޅު. ނަމަވެސް ފައްސަތޭކަ ސިފައިންނަށްވުރެ ދުވާލަކު ހާހެއް ފޮނުވިއްޔާ ރަގަޅުވާނެ........"

ޚާލިދު : ތިގޮތަށް ފޮނުވަންވެއްޖެއްޔާ މުޅި ލަޝްކަރު އެއްކޮށް ގެންދަން ސަތާރަ ދުވަސްނަގާނެ. އޭރުން ޔޫގަންނާއަށް ކިއްލާ ވަރުގަދަކުރަން ފުރުސަތު ލިބޭނެ......"

ޒިރާރު: ތިވިދާޅުވީ ތެދުފުޅެއް. އޭރުން ގެއްލުންވާނީ ހަމަ މި ލަޝްކަރަށް. މާދަމާ އެއްހާސް މުޖާހިދުން ފުރުވާލާފައި އަނެއް ދުވަހު މުޅި ލަޝްކަރު އެއްކޮށް ދަތުރުކުރަން އަޅުގަނޑަށް ފެނޭ....."

ޚާލިދު: "އޭރުން ޔޫގަންނާ ތިޔަ ފޮނުވާ އެއްހާސް މުޖާހިދުންނަށް ހަމަލާދީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމާއިމެދު އަޅުގަނޑު ބިރުގަނޭ......."

އަބުއުބައިދާ: "ތަފާތުވާނީ އެންމެ ދުވަހެއް ވީއިރު މާ ބޮޑު ގެއްލުމެއް ނުދެވޭނެހެން ހީވޭ"

ޚާލިދު: "އެންމެ ރަގަޅު އެގޮތަށް ނިންމަވާ. މާދަމާ ލަޝްކަރުގެ ވެރިއަކަށް ކާކު ތޯ ހުންނަވާނީ؟ "

ޒިރާރު:" ތިކަމާއި ބޮޑު ބަހުސަކަށް ދާނެކަމެއްނެތް. މާދަމާގެ ލަޝްކަރުގެ ވެރިއަކަށް އަޅުގަނޑު ލައްވައިފިއްޔާ ޝުކުރުވެރިވާނަން...."

ކައުބު: "ޒިރާރު މީގެ ކުރިން އެތައް ފަހަރު ކަލޭގެފާނު ލަޝްކަރުގެ ވެރިކަން ކުރައްވައިފި. ކޮންމެފަހަރަކު ތިހެން ނަހައްދަވާ. މިފަހަރު އަޅުގަނޑަށް ދޫކުރައްވާ...."

އަބޫއުބައިދާ: "ލަޝްކަރަށް ކޮންމެފަދަ ބޮޑު ގޮތެއްވެސް ދިމާވެދާނެ..."

ޒިރާރު: "މުސްލިމަކަށް ޝަހީދެއްގެ ދަރަޖައަށް ވުރެ ބޮޑު ނަސީބެއް މާތްކަމެއް ނުލިބޭނެ. ކަލޭގެފާނު އަޅުގަނޑަށް މި ދަރަޖަ ދެއްވާނެކަމަށް އުއްމީދުކުރަން"

ކައުބު:" ނޫން ޒިރާރު މިފަަހަރު އަޅުގަނޑަށް ދޫކުރައްވާ. އަޅުގަނޑު ތި ދަރަޖަ ބޭނުންވެފައިވާވަރު ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެނަމަ..."

ޚާލިދު: "ޝަހީދެއްގެ ދަރަޖަ މާތްﷲ އިރާދަކުރެއްވި އަޅަކަށް ރުހިވޮޑިގަންނަވާ އަޅަކަށް މިންވަރުކުރައްވާނެ. އަޅުގަނޑުވެސް އެ ދަރަޖަ ބޭނުން. ވީމަ މިފަަހަރު އަޅުގަނޑަށް އެ މަގާމު ދެއްވަން ތި ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާ. އަޅުގަނޑުގެ ހައްގެއް އަތު ނުލައްވާ.............."

ޝުރަހްބިލް: "ވެރިމީހާގެ އަމުރަށް ކިޔަމަންތެރިވާން އަންގަވާފައިވާއިރު ތިބޭފުޅުން އަމިއްލަ ގޮތަކަށް ނިންމަވަނީ ކީއްވެތޯ؟ ގޮތެއް ނިންމަވަން އަމީރަށް ދޫކޮށްލައްވާ....."

ޚާލިދު : "ވެރިޔާގެ އަމުރާއި ޚިލާފުވާކަށް ނޫން. އަޅުގަނޑުމެންނަށް ފެންނަގޮތެއް ހަމަ ދަންނަވާލީ.."

އަބޫއުބައިދާ : " ދީނާއި ގައުމަށްޓަކާ ކުރާ ހަގުރާމައާއި މެދު މިޖޯޝާއި ފޯރިހުރިއްޔާ މުސްލިމުން ދުވަހަކަށްވުރެ ދުވަހެއް ކުރިއަށްދާނީ. އެނޫނީ ނިކަމެތިވާނެ. ޝަހީދުވުމުގެ ދަރަޖަ ބޭނުންވާ ގިނަ ބޭކަލުންނެއް ތިއްބެވުމުން މަޝްވަރާ ކޮށްލެވުނީ. މާދަމާ ހެދުނު ކައުބު އެއްހާސް ހަގުރާމަވެރިންނާއިގެން ފުރަންވީ. އަދި މެންދުރު ނަމާދަށްފަހު ޚާލިދު ކައުބަށް އެހީވާން އެ ލަޝްކަރުގެ ފަހަތުން ދޭ....."

އަބޫއުބައިދާގެ ވާހަކަފުޅު އަޑުއިވި ކައުބުގެ ހިތްޕުޅަށް އުފާވެރިކަން ލިބުނެވެ. އަމީރުއަށް ޝުކުރުވެރިވިއެވެ. ޚާލިދުއާއި ޒިރާރު ކައުބުއަށް މަރުހަބާ ދެންނެވިއެވެ. ފަތިހު ލަޝްކަރު ފުރަންޖެހޭނެތީ މަޝްވަރާ ނިންމުމަށްފަހު އަރާމުކޮށްލަން ހުރިހާ ބޭކަލުންތައް ފޭލިގެއާއި ދިމާލަށް ހިންގައިވަގެތެވެ.

މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ހަނދުވަރުގެ އަލި މުޅި މައިދާނަށް ފަނޑުފަނޑުކޮށް ދީފައިވާއިރު އަނދަމުންދާ އަލިފާނުން އަރާ ދުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ލޯ ކަރާގޮތްވެއެވެ. ދުންތައް ފިނީގެ ސިފައިވާ އެ ސަރަހައްދަށް ވެރިވެފައި އޮތުމުން މާ ދުރު ފެންނަވަރެއް ނުވެއެވެ. ބައެއް މީހުން މުސައްލަމަތީ އަދިވެސް ނަމާދުކުރާތަންފެނެއެވެ. އަލިފާނަށް ދަރު އަޅަން ތިބި މީހުން ތައް ނިދަން ފެށުމުން އަލިފާންގަނޑުތައް ނިވި ފަޒާ ކޮންމެވެސް ވަރަކަށް އަނދިރިވެލައިފިއެވެ. އަދި ފޭލިގެއިން ބޭރުގައި ނިދާފައި ތިބި ހަގުރާމަވެރިންނަށް ވަރަށް ބޮޑަށް ފިނިވިއެވެ. މަދު ސިފައިންކޮޅެއް މައިދާންގެ ވަށައިގެން ފޯރިމަރަން ހިނގާލަ ހިނގާލާ ތިބެފައި ހަގުރާމަވެރިންގެ ގައިމަތީ ރަޖާތައް އަޅާދިނެވެ.

ފަތިސްވުމުގެ އަސަރުތައް ފެނުނުއިރު ހަގުރާމަވެރިން ތެދުވެ ވުޟޫކޮށް ނަމާދަށް ތައްޔާރުވާންފެށިއެވެ. އައްސަލާތު ޚައިރުން މިނައް ނައުމްގެ އަޑު މުޅި ފަޒާގެ ހިމޭންކަން މުގުރާލިއެވެ. އެންމެން އެއްވީ ކުރިމަތީގައި އޮތް މައިދާނަށެވެ. އަބޫ އުބައިދާ އިމާމުވެ ހުންނަވާ ސަތާރަ ހާސް ސިފައިން ފަހަތުގައި އެތުރިލައިގެން ނަމާދުކުރުމަށްފަހު އެންމެން އެކީ ދުޢާކުރި މަންޒަރުން ގައިން ހީބިހިނަގާނެއެވެ. އަބޫ އުބައިދާ ކައުބުއަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ފުރާވަޑައިގަތުމަށް އަމުރުކުރެއްވިއެވެ. އޭނަ ފޭލިގެއަށް ވަދެވަޑައިގެން ހަގުރާމައިގެ ހެދުން ތުރުކުރައްވާ ދަގަނޑު ތާކިހާ ކޮޅެއް އެޅުއްވުމަށްފަހު ބޭރަށް ނުކުމެ ވަޑައިގެންނެވިއިރު އޭނަގެ ޚާދިމު އޭނަގެ އަސް "ޚިތާލު" ގޮވައިގެން އައިސް އިންތިޒާރުގައި ހުއްޓެވެ. ކައުބު ޚިތަލްގެ މޫނުގައި ފިރުމާލެއްވުމަށްފަހު އަހަށް ސަވާރުވެ ވަޑައިގަތެވެ.

އަބޫ އުބައިދާ ޚާލިދު ޝަރްހްބިލް ޒިރާރު ލަޝްކަރު ފުރުވަން ވަޑައިގަތެވެ. އިރުގެ ރަންދޯދިތައް މުޖާހިދުންގެ އަތުގައިވާ ހަތިޔާރުތަކަށް އެޅި ދިއްލަމުން ދިޔައެވެ. މުޖާހިދުން ﷲއަކްބަރު ކިޔަން ފެށުމުން ދުރުގައި ތިބި ހަގުރާމަވެރިންވެސް މަތިވެރި ކަލިމަފުޅު ތަކުރާރުކޮށް ކިޔަންފެށިއެވެ. ގަންސްރޭންގެ އީސާއީންނަށް އެ އަޑުއިވި ފާރުމަތިން އަރާ ބޭރަށް ބަލަންފެށީ ވެގެން އުޅޭގޮތެއް ނޭގިގެން ކަންބޮޑުވުމާއެކުގައެވެ. އަބޫ އުބައިދާ ކައުބު އަތަށް ދެއްވި ފެހިކުލައިގެ ދިދައިގާވަނީ ހަނދުފަޅިއެކެވެ. އެ ދިދަ ވައިގެ ތެރޭ ވިރުންފެށުމުން އޭގައިވާ އާޔަތް ފެނުނެވެ. ލިޔެފައިވަނީنَصْرٌ مِّن اللَّهِ وَفَتْحٌ قَرِيبٌ އެވެ. މުސްލިމުން އެ ލަޝްކަރަށް ފަހަތަ ދެއްވުމަށް އެދި އަޑުހަރުކޮށް ދުޢާކުރިއެވެ. ކުޑައިރުކޮޅެއްގެ ތެރޭ އެ ލަޝްކަރު ދަތުރުކޮށް ލޯމަތިން ގެއްލުނެވެ.

އާދައިގެ މަތިން އިރު އެރުމާއެކު ގަންސްރޭންގެ އީސާއީން ވިޔަފާރީގެ ސާމާނުތައް ހިފައިގެން އަރަބިންގެ ލަޝްކަރުގެ ތެރެއަށް އައިސް ގަނެ ވިއްކުމުގެ ވިޔަފާރިފެށިއެވެ.

ނުނިމޭ

comment ކޮމެންޓް