އިންޑިއާއިން މެލޭރިއާ ބޭސް އެކްސްޕޯޓް ކުރުން މަނާކޮށްފި

އިންޑިއާގައި މީހެއްގެ ޓެމްޕަރޭޗާ ބަލަނީ --

ދިއްލީ (މާޗް 26): މެލޭރިއާއަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން އިންޑިއާއިން އެކްސްޕޯޓް ކުރުން މަނާކޮށްފި އެވެ.

އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުން ދެން ހައިޑްރޮކްސިކްލޮރޮކީން އެކްސްޕޯޓް ކުރާނީ މިހާރު ހަދާފައިވާ ކޮންޓްރެކްޓުތަކުގެ ދަށުންނާއި ހާއްސަ ހާލަތްތަކުގަ އެވެ.

އިންޑިއާއިން އެ ބޭސް އެކްސްޕޯޓް ކުރުން ހުއްޓާލާފައި ވަނީ އެއީ ކޮރޯނާވައިރަހަށް ފަރުވާ ދިނުމުގައި އާދަޔާ ހިލާފަށް ރަނގަޅު ބޭހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ވިދާޅުވި ފަހުންނެވެ. އަދި ކޮރޯނާވައިރަސް ހުންނަ މީހުންނަށް ދޭ ފަރުވާގެ ތެރެއިން ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ކުރުމަށް ޗައިނާ، ޔޫރަޕް އަދި ދެކުނު ކޮރެއާއިން ލަފާ ދީފައިވާ އިރު، އިންޑިއާއިން ވަނީ ބަލި މީހުންނަށް ފަރުވާ ދޭ ސިއްހީ މަސައްކަތްތެރިން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ބޭސް ބޭނުން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ނަމަވެސް، މިދިޔަ ޑިސެމްބަރު މަހު ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަސް ހުންނަ މީހުންނަށް ހައިޑްރޮކްސިކްލޮރޮކުއިން ދިނުމުން އެމީހުންގެ ބަލި ރަނގަޅުވާ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް އަދި ހޯދިފައި ނުވެ އެވެ. އަދި ޗައިނާގެ ޔުނިވާސިޓީއަކުން ހެދި ކުޑަ ދިރާސާއަކުން ދެއްކި ގޮތުގައި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން އެ ބޭސް ބޭނުން ނުކުރާ މީހުންނަށް ވުރެ ގިނައިން ބޭސް ބޭނުން ކުރި މީހުންގެ ބަލި ރަނގަޅުވެފައެއް ނުވެ އެވެ.

މީގެ އިތުރުން ގިނަ ސައިންސުވެރިން ވަނީ ހައިޑްރޮކްސިކްލޮރޮކުއިން އަކީ ކޮރޯނާވައިރަހަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރުމަށް ހިތްވަރުދިނުމުގެ ކުރިން، އެކަމާ ބެހޭ އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށް ބުނެފަ އެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހާއި އޭގެ ސަބަބުން ޖެހޭ ކޮވިޑް-19 ބައްޔަށް އަދި ވަކިން ފަރުވާއެއް ހޯދިފައި ނުވެ އެވެ. މިވަގުތު އެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދެނީ ބަލީގެ އަލާމާތްތައް ރަނގަޅުކޮށްގެންނެވެ. ނަމަވެސް އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރެވިދާނެ ބޭސްތަކާއި ބަލިން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އެކި ގައުމުތަކުގައި ދަނީ ކުރަމުންނެވެ.

ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 170އަށް ވުރެ ގިނަ ގައުމަށް ފެތުރި، 480،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 21،571 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް