އެމެރިކާގެ ސެނެޓުން ދެ ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖަކަށް ރުހުން ދީފި

އެމެރިކާގެ ސެނެޓުން ވަނީ ދެ ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ފާސްކޮށްފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 26): ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާގެ އިގުތިސާދަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ކަމަށްވާ ސެނެޓުން ދެ ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖަކަށް ރުހުން ދީފިއެވެ.

އެއީ އެމެރިކާގެ ތާރީހުގައިވެސް ފާސްކުރި އެންމެ ބޮޑު އިގުތިސާދީ ރިލީފް ޕެކޭޖެވެ. އަދި އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 96 ސެނެޓަރުންގެ އިއްތިފާގުންނެވެ.

އެ ބިލަށް ދެން ވޯޓުލުން އޮންނާނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ހައުސް އޮފް ރެޕްޒެންޓޭޓިވްސްގައެވެ. އެ ވޯޓު ބާއްވާން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގައެވެ. އަދި ހައުސްއިން އެ ބިލު ފާސްކޮށްފިނަމަ ބިލު ތަސްދީގުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުވާނެއެވެ.

އެ ސްޓިމިއުލަސް ޕެކޭޖުން ފޯރުކޮށްދޭ އެހީގެ ތެރޭގައި:

  • އެމެރިކާގެ އެއާލައިންތަކާއި އެހެނިހެން ކުންފުނިތަކަށް ލޯނުގެ ގޮތުގައި 500 ބިލިއަން ޑޮލަރު ދިނުން
  • ކުދި ވިޔަފާރިތަކަށް 350 ބިލިއަން ޑޮލަރު ދިނުން
  • ކޮރޯނާވައިރަހާ ދެކޮޅަށް ހޮސްޕިޓަލްތަކާއި ނަރުހުންނާއި ޑޮކްޓަރުން ކުރާ މަސައްކަތަށް 350 ބިލިއަން ޑޮލަރު ދިނުން
  • ސްޓޭޓް އަދި ލޯކަލް ގަވަމެންޓުތަކަށް 150 ބިލިއަން ޑޮލަރު ދިނުން
  • އަހަރަކު 75،000 ޑޮލަރަށް ވުރެ މަދު އާމްދަނީއެއް ލިބޭ އެމެރިކާގެ ކޮންމެ މީހަކަށް 1،200 ޑޮލަރުގެ ފައިސާގެ އެހީ ދިނުން. އޭގެ ތެރޭގައި އަހަރަކު 150،000 ޑޮލަރަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ ގޭބިސީތަކަށް ދޭ 2،400 ޑޮލަރާއި ކޮންމެ ކުޑަ ކުއްޖަކަށް ދޭ 500 ޑޮލަރު ހިމެނޭ.
  • މީގެ އިތުރުން ވަޒީފާ ނެތް މީހުންނަށް ހަތަރު މަހަށް ފައިސާގެ އެހީ ދިނުމަށް 250 ބިލިއަން ޑޮލަރު ހާއްސަކޮށްފައިވެ އެވެ.

އެމެރިކާގައި މިހާތަނަށް 69،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 30،000 އަށް ވުރެ ގިނަ މީހުން ތިބީ ނިއު ޔޯކް ސްޓޭޓުގަ އެވެ. އަދި އެ ވައިރަހުގެ ސަބަބުން މުޅި އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ މިހާރު 1،050 އަށް އަރާފައެވެ.

comment ކޮމެންޓް