ރައީސް ޔޫރަޕަށް: ދުރާލާ ފިޔަވަޅު އެޅިނަމަ މިހެން ނުވީސް

25 މާޗް 2020: ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސް، ކޮވިޑް19އާ ދެކޮޅަށް ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން ދުރާލާ ފިޔަވަޅުތައް އަޅާފައިނުވާކަމަށް ވިދާޅުވެ، އެ ގައުމުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮރޯނާވައިރަސް ފެތުރެމުން އަންނަ ގޮތަށް ބަލާއިރު، ބަލި ޖެހޭ މީހުންގެ މިންވަރު މައްޗަށް އަރައިގެން ދިޔަ ނުދީ ހިފަހައްޓާލެވިފައި އޮތީ ރާއްޖޭގެ އިތުރުން ޖަޕާން އާއި ސިންގަޕޫރަށް އެކަނި ކަމަށެވެ.

މިހާތަނަށް މުޅި ދުނިޔެއިން 471,862 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އޭގެ ތެރެއިންް 114,711 މީހަކު ރަނގަޅުވެފައި ވާއިރު، 21,297 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.

ބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީންނެވެ. އިޓަލީގައި މިހާތަނަށް ބަލި ޖެހުނު 74,386 މީހުންގެ ތެރެއިން 7,503 މީހަކު ވަނީ މަރުވެފަ އެވެ.

މިހާރު ސްޕެއިންގައި ވެސް ހަލުވިކަމާއެކު ކޮވިޑް-19 އަންނަނީ ފެތުރެމުންނެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3600 އަށް ވުރެ މަތިވެފަ އެވެ. އެމެރިކާގައި ވެސް ބަލި ކޮންޓްރޯލް ނުކުރެވި މިހާތަނަށް 68,489 މީހަކަށް ބަލި ޖެހި ހާހަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އޭގެ އިތުރުން އީރާން އަދި ފްރާންސުން ވެސް މަރުވި މީހުންގެ އަދަދު އުޅެނީ ހާހުން މަތީގަ އެވެ.

"އަނެއްހެން ބަލާއިރު އޭޝިޔާ، ސައުތު އީސްޓް އޭޝިޔާ މިކަމަށް މާބޮޑަށް ދުރާލާ ތައްޔާރުވަމުން އައިކަން މީގެން މި ފެންނަނީ. ހަމަ އެގޮތަށް ކުރިއަރާފަ ހުރި ގައުމުތައް މިކަމަށް އިސްވެ ފިޔަވަޅު އެޅި ނަމަ މިހާ ހިސާބަކަށް މިކަމެއް ނުދާނެ،" ރައީސް ވިދާޅުވި އެވެ.

ރައިސް ވިދާޅުވީ އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކުން ފިޔަވަޅު ނޭޅުމުގެ ސަބަބުން ހާލަތު މިހާބޮޑަށް ގޯސްވެގެން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، މިކަމުން އަރައިގަތުމަށް ދެން ކުރެވެން އޮތް ކަމަކީ ހުރިހާ ގައުމުތައް އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

އަވަސް ފިޔަވަޅު އެޅުމުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވީ ޗައިނާއިން މިސާލު ޖައްސަވަމުންނެވެ. ރައީސް ވިދާޅުވީ ޗައިިނާއިން އެޅި ވަރުގަދަ ފިޔަވަޅުތަކުން ތިން މަހެއްހާ ދުވަހުގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ބަންދުކުރި ވޫހާން ވެސް މިހާރު އަލުން ހުޅުވަން ތައްޔާރުވެފައިވާ ކަމަށެވެ.

އަވަސް ފިޔަވަޅުތަކެއް އެޅުމުން ރާއްޖޭގައި ވެސް ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓައި، ކުރިއަށް އޮތް މަހެއްހާ ދުވަސް މިގޮތުގައި ހިފަހައްޓާލެވިއްޖެނަމަ ރާއްޖެއަށް މިކަމުން އަރައިގަނެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް އެހެން ގައުމުތަކާ ހިލާފަށް އަޅުގަނޑުމެންނަށް މިވަގުތު އެޅިފައި ހުރި ފިޔަވަޅުތަކުން އަދި ރާއްޖެ މި އޮތް ގޮތުން، އައިސޮލޭޓު ކުރުމުގައި ފަސޭހަތަކެއް ހުރުމާ އެކުގައި އެއަށްވުރެ އަވަހަށް ރާއްޖެ ސަލާމަތް ވެވިދާނެ މިކަމުން،" ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ދުނިޔޭގައި ބަލި ފެތުރެމުން ދާނަމަ އެކަން ހުއްޓުމަކަށް ގެނެވޭނީ މުޅި ދުނިޔެ ހަމަައަކަށް އެޅިގެންކަމަށާއި ފަރުވާ ކުޑަކޮށްލައިގެން ކާމިޔާބު ނުވާނެ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް އެންމެ ފުރަތަމަ ދުވަހު ވެސް މަސައްކަތް ފެށީ ޓެކްނިކަލް ޓީމުން ހަދާފައިވާ ދިރާސާ ރިޕޯޓުގެ އަލީގައި ކަމަށެވެ.

"ޓެކްނިކަލް ޓީމުން ދިން ލަފަޔާ އެއްކޮށް އަޅުގަނޑުމެންނަށް އެދުވަހުން ފެށިގެން މި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މި އޮތީ ދުނިޔޭގެ އެހެން ހުރިހާ ގައުމަކަށް ވުރެ ބޮޑަށް މި ހިފެހެއްޓިފައޭ އަޅުގަނޑު ދަންނަވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަން އެންމެ ގޯސްވެއްޖެ ހާލަތުގައި ބަލި ޖެހޭނެ މީހުންގެ އަދަދުގެ އަންދާޒާ ވެސް އެ ރިޕޯޓުގައި އެބަ އޮތް ކަމަށާއި ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަނީ ވެސް އެ ހާލަތަށް ގައުމު ގޮސްދާނެ ކަމަށް ބަލައިގެން ކަމަށެވެ.

comment ކޮމެންޓް