ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް އެމެރިކާ ސިފައިންގެ ޙަކަރާތްތައް ހުއްޓާލައިފި

ޕެންޓަގަން ގެ އިމާރާތް

ވޮޝިންގްޓަން (26 މާޗް 2020) : ކޮރޯނާ ވައިރަސް (ކޮވިޑް-19) އެމެރިކާގައާއި އެމެރިކާ ސިފައިންގެ ތެރޭގައި ފެތުރެމުންދާލެއް އަވަސްކަމުން ދެ މަސް ދުވަހުގެ މުއްދަތަށް އެމެރިކާ ސިފައިންގެ ދަތުރުފަތުރުގެ ޙަކަރާތްތައް ހުއްޓާލައިފި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން އެމެރިކާ ސިފައިންގެ ސިއްހަތަށް ނުރައްކާވެފައިވާތީ ދެ މަސްވަންދެން އެމެރިކާ ސިފައިން މިހާރު ތިބިތަންތަނުން އެހެންތަންތަނަށް ދަތުރުނުކުރުމަށާއި އަދި ކޮންމެެހެން ކުރަން ޖެހޭ ހަރަކާތްތަކެއް ނޫނީ ނުހިންގުމަށް ދިފާއީ ވަޒީރު މާކް އެސްޕާ އަމަރު ކުރައްވައި އެކަން ވަގުތުން ތަންފީޒުކުރުމަށް އެމެރިކާ ސިފައިންގެ ވެރިޔާ އަދި ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޖޭމްސް ސީ މެކޮންވިލް އަށް އަންގަވައފި ކަމުގަ އެވެ.

ނަމަވެސް ތާލިބާނުންނާ އެކު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ ހަރަކާތްތައް މި އަމުރުން އިސްތިސްނާވާނެ ކަމަށް ޕެންޓަގަންގެ ބަޔާނުގައިވެ އެވެ.

ޕެންޓަގަން އިން މިގޮތަށް އަމުރުކޮށްފައި މިވަނީ ކޮރޯނާ ވައިރަސް ދުނިޔޭގެ އެހެން ގައުމުތަލަށް ފެތުރޭ މައިމަރުކަޒަކަށް އެމެރިކާ ވަމުންދާކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ދީފައިވާ ވަގުތެއްގަ އެވެ. ފެތުރޭ މިންވަރަށް ބަލާއިރު ކޮރޯނާ ވައިރަސްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެންމެ ބޮޑަށް ނުކުޅެދިފައިވާ ގައުމަކީ އެމެރިކާ ކަމަށް ޚުދު އެމެރިކާގެ ތަޖްރިބާކާރުން ވެސްވަނީ ވިދާޅުވެފަ އެވެ.

ޕެންޓަގަންގެ ތެރޭގައި ކަންބޮޑުވުން

އެމެރިކާގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރުވަނީ 68،000 އަށް އަރާފަ އެވެ. އަދި އެރޯގާގައި އެމެރިކާގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ ހާހަކަށްވުރެ މައްޗަށް ގޮސްފައެވެ. އިއްޔެ އެކަނިވެސް އެމެރިކާގައި 6000 އަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް އަލަށް ޖެހިފައިވެ އެވެ. އަދި 300 އަށްވުރެ މީހުން އެބަލީގައި މަރުވެފައިވެ އެވެ. މިހާރު އިޓަލީއާއި ފިޔަވައި ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުންދަނީ އެމެރިކާގައެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތެރޭގައި އިއްޔެ މަސައްކަތްކުރަމުންދިޔަ މުވައްޒަފަކު ވެސް ވަނީ އަނބުރައި ގަނެގެން އެތަނަށް ވެއްޓިފައެވެ. އޭނާ ޓެސްޓް ކުރުމުން ކޮރޯނާ ވައިރަސް އަށްވަނީ ޕޮޒިޓިވް ވެފައެވެ. މީގެކުރިން ޕެންޓަގަންގެ 89 މީހުންނަށް އެ ރޯގާޖެހިފައިވެއެވެ. އޭގެތެރޭގައި 49 އަސްކަރީންނާއި 40 މަދަނީން ހިމެނެއެވެ. އެމީހުންނަށް ގެންދަނީ އެކެހެރިކޮށް ފަރުވާދެމުންނެވެ.

ނަމަވެސް އެމީހުން ނަށް އެރޯގާ ޖެހުނުކަން އެނގުނީ ޕެންޓަގަން ގެ އިމާރާތުން ބޭރުގައި ތިއްބައެވެ. އިއްޔެ ގެ ހާލަތާގުޅިގެން ޕެންޓަގަންގެ އިމާރާތުގެ އެތެރޭގައިވެސް ކޮރޯނާ ވައިރަސް ވަކި ހިއްޕާލާފައިވާކަންވަނީ ޔަގީންވެފައެވެ. މިއާއެކު ޕެންޓަގަންގެ އިމާރާތް ޑިސްއިންޕެކްޓް ކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

އެެމެރިކާ ސިފައިން އެގައުމުގެ އަސްކަރީ މަރުކަޒެއްގައި

އެމެރިކާ ސިފައިންގެ މަރުކަޒުތަކުގައިވެސް ކޮރޯނާވައިރަސް ފެތުރެނީ

އެމެރިކާ ސިފައިންއަށް ބަލާއިރުވެސް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާ 227 މީހުން އެމެރިިކާ ސިފައިންގެ އެކި މަރުކަޒުތަކުގައި އެބިތިބިކަމަށް އެމެރިކާ ސިފައިންގެ ކޮމާންޑަރެއްކަމަށްވާ މޭޖާ ޖެނެރަލް ޕޯލް ފްރެޑްރިކްސްވަނީ ކަށަވަރުކޮށް ދެއްވާފައެވެ. މިއާއެކު އެމެރިކާ ސިފައިންގެ އެތަށް މަރުކަޒެއްގައި ކޮރޯނާ ވައިރަސް އަށަގެންފައިވާ ކަމުގެ ބިރުހީވެފައިވާތީ ސީރިއަސްކަމާއެކު އެކަން ބަލަމުން ގެންދާކަމަށް މޭޖާ ޖެނެރަލް ފްރެޑްރިކްސް ވިދާޅުވިއެވެ.

އެމެރިކާގައި ކޮރޯނާ ވައިރަސްގެ މައްސަލަ ބިރުވެރި ވަބާއަކަށް ވެފައިމިވަނީ އެވައިރަސް ކޮންޓްރޯލް ކުރުމަށް ދުރާލައި ފިޔަވަޅު އެޅުމުގައި އެމެރިކާގެ މައި ސަރުކާރު ފެއިލް ވުމުގެ ސަބަބުންނެނެވެ. އެމެރިކާގެ ސިއްޙަތާބެހޭ މާހިރުން މިހާރު ވިދާޅުވަނީ ކޮރާނާ ވައިރަސްއިން ފަސޭހައިން ސަލާމަތްވުމުގެ ފުރުސަތު މިހާރު އެމެރިކާއަށް ގެއްލިއްޖެ ކަމަށާ ދެން މިކަމުން ސަލާމަތްވުމަށް ބޮޑު އަގެއް އެމެރިކާ ރައްޔިތުންގެ ފުރާނައިންނާއި އެމެރިކާގެ އިގްތިސާދުން ދައްކަންޖެހޭނެކަމުގައެވެ.

ޑޮކްޓަރުން މިގޮތަށް ކަންބޮޑުވުން ފާޅުކުރުމުން ކޮރޯނާ ވައިރަސް އާ ހަނގުރާމަ ކުރުމަށްޓަކައި ވައިޓްހައުސް އާއި އެމެރިކާގެ ކޮންގްރެސް ގުޅިގެން ދެ ހާސް ބިލިޔަން ޑޮލަރު (2 ޓްރިލިޔަން ޑޮލަރު) ގެ ޚާއްސަ ޕެކެޖެއް އިއުލާނުކުރުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. (އެމެރިކާގެ މީޑިއާ +ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް