ތާރީހީ ކުރިއެރުމަކާ އެކު ނަބާ އާއި ނަބީ ދުނިޔޭގެ ރޭންކިންގެ ގަދަ 100 އަށް

ސައިތު އޭޝިއަން ގޭމްސްގައި ނަބީ އާއި ނަބާ: އެ ދެ ކުޅުންތެރިން ވަނީ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި ހިމެނިފައި --- ފޮޓޯ: އެމްއޯސީ

ބެޑްމިންޓަން އަންހެން ޑަބަލްސްގެ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި ރާއްޖޭގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އައިމިނަތު ނަބާހާ އަބްދުއްރައްޒާގު އާއި ފާތިމަތު ނަބީހާ އަބްދުއްރައްޒާގު ހިމެނިއްޖެ އެވެ.

މިއީ ބެޑްމިންޓަން އަންހެން ޑަބަލްސްގެ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި ރާއްޖޭގެ ޕެއާއެއް ހިމެނުނު ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅިގެން އެއް މާބަނޑު ދެބެއިން ކަމަށްވާ ނަބާ އާއި ނަބީއަށް، ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވަނީ މަރުހަބަ ދަންނަވައިފަ އެވެ.

މަހުލޫފް ވިދާޅުވީ، ޖަޕާންގެ ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު އެ ދެ ކުޅުންތެރިންނަށް ލިބިގެން ދާނެ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސް އާއި ޕެރަލިމްޕިކް ގޭމްސް އަންނަ އަހަރަށް ވަނީ ފަސްކޮށްފި އެވެ.

މިދިޔަ އަހަރު ނޭޕާލްގައި ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ޑަބަލްސް އިވެންޓުން ނަބީ އާއި ނަބާ ރިހި މެޑަލް ހޯދާފަ އެވެ.

comment ކޮމެންޓް