ރިސޯޓުން ފައިބަން ފުރުސަތު ނުދިނުމުން ރޯކޮށްލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓު --

ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން، ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމުގެ އިންޒާރުދިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައި އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގައި ކަމަށެވެ. އެކަމާ ގުޅިގެން ހައްޔަރު ކުރީ އެ ރިސޯޓުގެ އުމުރުން 40 އަހަރުގެ މުވައްޒަފަކު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ރިސޯޓުން ފައިބަން އުޅުނީ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ އެވެ.

ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމުގެ އިންޒާރު އެ މީހާ ދިނީ، ރިސޯޓުތަކުން ފޭބުން މަނާކޮށްފައިވާތީ އޭނާއަށް ފައިބަން ހުއްދަ ނުދީ، އެޗްޕީއޭއާ ގުޅައިގެން އެކަން ކުރިއަށްގެންދަން ރިސޯޓުގެ މެނޭޖްމަންޓުން މަސައްކަތް ކުރުމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދަށް 15 ދުވަސް ޖަހަން މާފުށީ މެޖިސްޓްރޭޓު ކޯޓުން ވަނީ ނިންމައިފައެވެ. އެގޮތަށް އެ ކޯޓުން ނިންމީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ ފަސް ވަނަ މާއްދާގެ (ށ)ގެ ދަށުން ޣައިރު ހާޒިރުގައެވެ.

މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު އެ ބަލި ފެތުރިނުދިނުމަށް ރިސޯޓަކަށް ދަތުރު ކުރުމާއި ރިސޯޓުތަކުން ދަތުރުކުރުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް