ހާސްކަމަށް ރައީސްގެ އުންމީދު، ކުރެއްސެވީ އުޖާލާ ކުރިމަގެއް!

ރައީސް ސޯލިހު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ރައްޔިތުންނަށް އުންމީދުން ފުރިގެންވާ މެސެޖްތަކެއް ދެއްވި -- ފޮޓޯ ރައީސް އޮފީސް

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގައި ދިވެހިން ވެސް ހޭދަކުރަމުން މިދަނީ ހާސްކަން ބޮޑު ދުވަސްތަކެކެވެ. އެ ނުތަނަވަސްކަން ރާއްޖެއަށް ކުރިމަތިވި ފަހުން ރައީސް ސޯލިހު މިއަދު ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރެއްވި އެވެ. އެކަމަކު މިއީ އެ ފަހުން ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ގައުމާ މުހާތަބު ކުރައްވާ ރައީސް ވަނީ ދިމާވެގެން އުޅޭ ކަމުގެ ބޮޑުކަމާއި ހުރި ކަންބޮޑުވުންތައް ތަފްސީލްކޮށްދެއްވައިފަ އެވެ.

މިއަދު ރައީސް ސޯލިހު ނޫސްވެރިންނާ ކުރިމަތިލައްވައި ވާހަކަފުޅު ފެއްޓެވީ ސިއްހީ ދާއިރާގެ ބޭފުޅުންނަށް ކޮޅުނެއް ކޮޅަށް ޝުކުރު ދަންނަވައި ސާބަސް ދެއްވަމުންނެވެ. އެއަށް ފަހު ރައީސް، ރައްޔިތުންނަށް ދެން ދޫކޮށްލެއްވީ ނަސޭހަތުގެ ބަސްކޮޅެކެވެ؛ "ސިއްހީ މާހިރުން އެ މަސައްކަތް ކުރައްވަނީ ތިޔަ ބޭފުޅުންނަށް ޓަކައި، އެބޭފުޅުންގެ ބަސް އަހައި، ގޭގައި މަޑުކޮށްދެއްވާ،"

އެއަށް ފަހު ދެން ރައީސް ދެއްވި ޔަގީންކަމަކީ ސިއްހީ މާހިރުންގެ ބަސް އެހުމުގައި ސަރުކާރުން ނަމޫނާ ދައްކާނެ ކަމެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ދަނޑިވަޅުގައި "އެންމެ އިސް ބަހަކަށް ވާނީވެސް އަދި ފަސް ބަހަކަށް" ވާނީވެސް ސިއްހީ މާހިރުންގެ ބަހެވެ. އެބޭފުޅުން ދެއްވާ ކޮންމެ ލަފަޔެއް ސަރުކާރުން ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސްދެއްވި އެވެ.

ރައީސް ސޯލިހު މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ސިއްހީ މާހިރުންގެ ލަފަޔަށް ފުރިހަމަޔަށް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ ރައީސް އޮފީސް

ރައީސް އިއުލާން ކުރެއްވެވި ގޮތުގައި ކޮރޯނާވައިރަސް ރާއްޖެ އައުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ އާދިއްތަ ދުވަހުގެ މެންދަމު 12:00 އިން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާނެ އެވެ. އެ ފިޔަވަޅުގެ ނަތީޖާ އަކީ، ރާއްޖެ އަންނަ ޓޫރިސްޓުން އައުން އެކީހެން ހުއްޓުނީކަން ރައީސް ސާފުކޮށް ވިދާޅުދެއްވި އެވެ. އެކަމަކު ވައިރަހުން ރައްޔިތުން ސަލާމަތްކުރަން، ރާއްޖޭގެ ބޯޑަރުގައި ހިފެހެއްޓުންތަކެއް ލާން މިވަގުތަށް ކޮންމެހެން މަޖުބޫރުކަން ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އެކީ ހުއްޓިދާ މި ފިޔަވަޅުގެ ސަބަބުން އަންނާނެ ލޮޅުންތައް ކުޑަކުރަން ސަރުކާރުން އަޅާނެ ބައެއް ފިޔަވަޅުތައް ވިދާޅުވެ ދެއްވާ އާ ތަފްސީލްތައް ހާމަކުރެއްވި އެވެ. އެ ފިޔަވަޅުތަކުގެ އަމާޒަކީ ރައީސް ވިދާޅުވި ގޮތުގައި، ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް މިދަނޑިވަޅުގައި ހިފެހެއްޓުމެވެ.

އިގްތިސާދީ އެހީގެ ޕެކޭޖްގެ އާ ތަފްސީލްތައް:

  • ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ، 2.5 ބިލިއަން ރުފިޔާއަށް އެދުމަށް ހުޅުވާލުން.
  • ބީއެމްއެލްގެ ލޯނުތައް ހަ މަސްދުވަހަށް ފަސްކުރުން އަދި މަހުން މަހަށް ދައްކަން ޖެހޭ އަދަދު 20 ޕަސެންޓް ކުޑަކުރުން.
  • ގެސްޓްހައުސް، ރިސޯޓްތަކަށް ބީއެމްއެލްއިން 350 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުން.
  • އެޗްޑީއެފްސީގެ ހައުސިން ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ހަ މަސް ދުވަހަށް ފަސްކުރުން.
  • އިންޓަނެޓްގެ އަގުތަކަށް ލުޔެއް ހޯދައިދީ ދެތިން ދުވަސްތެރޭ އިއުލާން ކުރުން.
  • މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ހަރުދަނާކުރުން.
  • އެސްޓީއޯއިން ދިވެހި ދަނޑުވެރިންގެ ތަކެތި ގަނެ ވިއްކަން ފަށަނީ.
  • ސްޓޫޑަންޓް ލޯން ދެއްކުން ހަ މަހަށް ފަސްކުރުން.

ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމާ އެކު، ގިނަ ނޫސްވެރިން ރައީސްއާ ކުރިމަތިކުރި ސުވާލުތަކުގެ މިސްރާބަކަށްވީ، އިގްތިސާދަށް ދެން ވާނެ ގޮތަކާ މެދު އެވެ. އާންމުންގެ ވަޒީފާތަކަށް ވާނެ ގޮތެކެވެ. ވިޔަފާރިތަކަށް ދެން ވާނެ ގޮތެކެވެ. ރާއްޖެ މިކަމުން އަރައިގަނެވޭނެ އިރެކެވެ. އާންމުން ކައިގެން ބޮއިގެން އުޅޭނެ ގޮތަކާ މެދު އެވެ.

ކަންބޮޑުވުމަކަށް ފަހު ކަންބޮޑުވުމަކަށް ރައީސް ޖަވާބުދެއްވަމުން ވަޑައިގެންނެވީ، ސަރުކާރުން އެ ކަންކަމަށް ހައްލު ހޯދަން ގެންގުޅޭ މަގު ކުރައްސަވައި ދެއްވަމުންނެވެ.

ޕްރެސްއަށް ފަހު ރައީސް ސޯލިހު: ރައީސް ވިދާޅުވަނީ މިއީ ކެތްތެރިވާންވީ ވަގުތުކަމަށް -- ފޮޓޯ/ މުހައްމަދު ޝަރުހާން

ރާއްޖެއަށް މުދާ އެތެރެވާ މައިދޮރާށިތައް ކަމަށްވާ، ލަންކާ އަދި އިންޑިއާ މިވަގުތަށް ބަންދުކޮށްފައި އޮތުމުން އާންމު ކާބޯތަކެތި ގެނައުމުގައި ދަތި ހުރިކަން ރައީސް ފާހަގަ ކުރައްވާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އިތުރު މަސް ދުވަހަކަށް ވާވަރަށް މިހާރު ކާޑު ސްޓޮކް ކޮށްފައި ހުންނާނެ ކަމަށެވެ. އަދި އިތުރު 10 މަހަށް ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު ސްޓޮކް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސް ހާމަކުރެއްވި އެވެ. އަދި ވިދާޅުވީ، ރާއްޖެއަށް ފަސް މަސް ދުވަހަށް ބޭނުންވާ ވަރަށް ފުށް އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ގުދަން ކުރެވޭނެ ކަމަށެވެ.

"ކުރިއަށް އޮތް 10 މަސް ދުވަހަށް ފުޑް ސެކިއުރިޓީ އަޅުގަނޑުމެންނަށް އެބަ ޔަގީންކަން ކުރަން. އެކަމާ ދޭތެރޭ ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރަށް، ރާއްޖެއަށް ބޭނުންވާ ތަރުކާރީ އާއި ކާބޯތަކެތި ބޭރުން ރާއްޖެ ގެނައުމަށް ޓަކައި، ޗާޓަރު ފްލައިޓްތަކެއް ބާއްވަން ވިސްނަވާކަން ރައީސް ހާމަކުރެއްވި އެވެ.

ރައީސް ސޯލިހު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ރައްޔިތުންނަށް އުންމީދުން ފުރިގެންވާ މެސެޖްތަކެއް ދެއްވި -- ފޮޓޯ ރައީސް އޮފީސް

މިފަދަ ހާލަތަކަށް އެއްވެސް ގައުމަކުން ދުރާލާ ތައްޔާރުވެފައި ނެތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއިން ވެސް މިވަގުތު ފިޔަވަޅު އަޅަމުން ދަނީ އެ ވަގުތަށް އަންނަ ކަންކަން ހައްލު ކުރުމަށް ކަމަށެވެ.

އެގޮތުން ސަރުކާރުގެ އަމާޒު މިވަގުތަށް ހުރީ، ބޭރުގެ މާލީ އިދާރާތަކުން ލޯނަށް ފައިސާ ނަގައިގެން އެ ފައިސާ އިގްތިސާދަށް ޕަމްޕް ކުރަން ކަމަށެވެ. އެގޮތުން ފައިސާގެ އެހީތައް ހޯދުމަށް ބައެއް މާލީ އިދާރާތަކާ މިހާރުވެސް ވާހަކަ ދައްކަމުން ދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެ މަޝްވަރާތަކުގެ ތެރެއިން ކޮރޯނާވައިރަސް ފަންޑަށް ވޯލްޑް ބޭންކުން މިހާރު 10 މިލިއަން ޑޮލަރު ދީފައިވާކަން ރައީސް އިއުލާން ކުރެއްވި އެވެ.

މީގެ އިތުރަށް ރާއްޖެއަށް މަދުވާ ބޭރު ފައިސާ ހަމަޖައްސައި، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް، އިންޑިއާގެ މަރުކަޒީ ބޭންކް، އާރުބީއައިއާ އެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ބޭނުން މިވަގުތަށް ކުރަން ވިސްނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ޕްރެސްކޮންފަރެންސްގައި: އާންމުންނަށް އުންމީދީ މެސެޖްތަކެއް ދޫކޮށްލެއްވި -- ފޮޓޯ/ ރައީސް އޮފީސް

"ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަސް ޑޮލަރު ޝޯޓޭޖެއް ނެތި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ. މިއީ އެހާ ދުރަށް އަޅުގަނުމެން ފޯކާސްޓް ކޮށްގެން ކަންކަން ކުރެވެން އޮތް ދަނޑިވަޅެއް ނޫން. މިކަމަށް ތައްޔާރުވެގެން ދުނިޔެވެސް ތިއްބައެއް ނޫން މިކަމާ މި ކުރިމަތިވީކީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެއަށް ވުރެ ބޮޑެތި ގައުމުތަކުގެ އިގްތިސާދުތައް "ފުނޑިފައިވާ"ކަން ފާހަގަ ކުރައްވާ، އެމަނިކުފާނު ދެން ދެއްވީ ވަރަށް ވަރުގަދަ މެސެޖެކެވެ؛ މިއީ އުންމީދު ގެއްލުވާލަންވީ ވަގުތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

މުޅި ދުނިޔެއަށް 2007-2008 ގައި ކުރިމަތިވި ފައިނޭންޝަލް ކްރައިސިސް އާއި މިހާރު އިގްތިސާދަށް ދިމާވެފައި ހުރި މައްސަލަތައް އަޅާކިޔުއްވާ ރައީސް ވިދާޅުވީ؛ މިފަހަރުގެ ތަފާތަކީ މީހުން އަތުގައި ފައިސާ ހުރުން ކަމަށެވެ. ބޭންކްތަކުގައި ވެސް ފައިސާ އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެމަނިކުފާނުގެ ލަފާކުރެއްވުމަކީ އިގްތިސާދީ ބޫމްއެއް މިއަހަރުގެ ފަހުކޮޅު ފެނިގެންދާނެ ކަމެވެ.

ރައީސް ސޯލިހު މިއަދުގެ ޕްރެސްގައި: އަންނަ މަސް ތެރޭ ޗައިނާއަށް ރާއްޖެ ހުޅުވާލެވޭނެ ކަމަށް ރައީސް އުންމީދު ކުރައްވާ -- ފޮޓޯ/ ރައީސް އޮފީސް

"ބައްޔެއް ފެތުރިގެން މި އުޅެނީ. އެއްތަނުން އަނެއް ތަނަށް ދަތުރުނުކުރެވިގެން މި އުޅެނީ. މިކަމުން އަރައިގަތުމާ އެކު އަޅުގަނޑަށް ފެންނަނީ ވަރަށް ބޮޑު ބަދަލެއް އިގްތިސާދަށް އަންނަތަން. އެނގިވަޑައިގަންނަވާނެ މިކަމުގެ އެކްސްޕާޓުން ވިދާޅުވަނީ މިއަހަރުގެ ފަހު ކުއާޓާއަށް އިގްތިސާދީ ބޫމްއެއް އަންނާނޭ،" ރައީސް ވިދާޅުވި އެވެ. "އެހެންވީމާ، އަޅުގަނޑުމެން ކެތްކޮށްލައިގެން ހިފަހައްޓާލަންވީ. އަޅުގަނޑަށް މަންޒަރު ފެންނަނީ ރާއްޖޭގެ ރިސޯޓްތައް އެދުވަހު ފުރިގެން ދާތަން،"

ރާއްޖޭގެ ޓޫރިޒަމް އަލުން ދިރުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ޕްލޭނެއް ވެސް ހާމަކޮށްދެއްވި އެވެ. ރާއްޖެއިން ފެނުނު ކޮރޯނާވައިރަސް ޖެހިފައިވާ އެންމެން މިމަހުގެ ނިޔަލަށް ބަލިން ފަސޭހަ ވާނެކަމުގެ އުންމީދު ރައީސް މިރޭ ދެއްވި އެވެ.

އެއާ އެކު، އެމަނިކުފާނު ވިސްނުންފުޅުގައި ހުރީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް މާކެޓް ޗައިނާއަށް އަލުން ރާއްޖެ ހުޅުވާލުމަށެވެ. އަދި ސައުތު އީސްޓް އޭޝިޔާގެ އެހެން ގައުމުތަކަށް ވެސް ރާއްޖެ ހުޅުވާލުމަކީ އެމަނިކުފާނުގެ ޕްލޭނެކެވެ. އޭރުން ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅެމުން އަންނަތަން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު މިއަދު ޕްރެސް ކޮންފަރެންސްގައި: ރައީސް ވިދާޅުވަނީ މިއަހަރުގެ ފަހު ކުއާޓަރުގައި އިކޮނޮމިކް ބޫމެއް އަންނާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މި ހުރިހާ އުންމީދަކާ އެކު ރައީސް ސޯލިހު ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގެންނެވީ، ސަރުކާރުން ދޭ އެހީތަކުގެ ބޭނުން ހިފައި އާންމު ރައްޔިތު މީހާއަށް ދަތިވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ. އެގޮތުން ދިވެހިން ވަޒީފާތަކުގައި ބައިތިއްބާ، އަސާސީ މުސާރަ ލިބޭނެ ގޮތްތަކަށް ވިޔަފާރިވެރިން އަމަލުތައް ބެހެއްޓުމަށް ރައީސް ގޮވާލެއްވި އެވެ.

ރައީސް ތަކުރާރުކޮށް ވިދާޅުވީ، މިއީ ދުނިޔެވެސް އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަކި ފިކުރެއް ކުލައެއް ބެލުމެއް ނެތި އެއްބައިވާންވީ ވަގުތު ކަމަށެވެ. މިއީ އެއް ބަޔަކު އަނެއް ބަޔެއްގެ އެހީގައި ގައުމު އަލުން އާރާސްތު ކުރުމުގެ ދަނޑިވަޅު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދުގެ ޕްރެސްކޮންފަރެންސްގައި: މިއީ އެއްބަޔަކު އަނެއް ބަޔަކު އެހީތެރިވާންވީ ވަގުތު ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެންމެ ނުރައްކާ ދަނޑިވަޅަށް ވެސް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނާ އެކު ވީހާލެއްގައި ވާން އެމަނިކުފާނު ހިދުމަތުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތަކަށް ބުރޫ އެރިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާނެ. އަޅުގަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު. މިއީ އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަ ގޮތަކީ." ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް