މިއީ ރާއްޖޭގައި ބަލި ނުފެތުރޭނެކަމަށް ނިންމަވީ ވަގުތެއް ނޫން: ރައީސް

މިއަދު ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިންް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އަށް މީހަކު ބަލިން ރަނގަޅުވުމަކީ، ރާއްޖޭގައި ބަލި ފެތުރުން ހުއްޓުނީކަަމަށް ނިންމަންޖެހޭ ސަބަބެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންްގެ ތެރެއިން އިތުރު ތިން މީހަކު ބަލިން ރަނގަޅުވެފައިިވާކަން ހާމަކުރައްވައިފައެވެ.

އެއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން މުޅިން ރަނގަޅުވި މީހުންގެ އަދަދު ވަނީީ އަށަކަށް އަރައިފައެވެ.

"އެކަމަކުވެސް މިއީ މި ބަލި އަޅުގަނޑުމެންގެ ތެރޭގައި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި އަދިވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށާއި ދުނިޔެއަށް މިކަން ކޮންޓްރޯލް ނުކުރެވެނީސް، ރާއްޖެއަށް ބަލި ނާންނާނެ ކަމަށް ދެންނެވެން ނެތް ކަމަށެވެ.

މިއަދު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާތަނަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ރާއްޖޭގައި ބަލި ފެތުރިދާނެ އެންމެހާ ދޮރުތައް ބަންދުކުރުމަށް ކަމަށެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ހަފްތާއަށް ސަރުކާރު އޮފީސްތަކާއި، ސްކޫލުތަކާއި، ކޮލެޖުތަކާއި ޔުނިވާސިޓީތައް ބަންދުކުރަން ވަނީ ނިންމައިފައެވެ.

ހަމައެއާއެކު މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓައިލަން ވެސް ވަނީ ނިންމައިފައެވެ.

ބަލީގެ ސަބަބުން އަޅާން މަޖުބޫރުވެފައިވާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، އާންމު ވިޔަފާރިތަކަށާއި އަދި ޖުމްލަކޮށް މުޅި އިގްތިސޯދަށް ވެސް ވަރަށް ބޮޑަށް ގެއްލުންވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"ނަމަވެސް، ސަރުކާރުން މަސައްކަތް މި ކުރަނީ، މި ހާލަތުގައި އާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ވީވަރަކުން ކުޑަކޮށްދިނުމަށް،" ރައީށް ވިދާޅުވިއެވެ.

comment ކޮމެންޓް