"ކައިސް. އާލިއާ ކިޑްނެޕްކުރޭ. ޝީޒް ޔޯސް. އޭނަގެ ސްޓަބްންކަމުން މަގޭ ބޮލަށް އުދަގޫވާން ފަށައިފި. އަހަރެންގެ ބައްޕަ ރައީސްއަށް ވީމަ ބައްޕަގެ ގަދަރާއި އިއްޒަތް ހިފަހައްޓަން އެބަޖެހޭ. ރައީސްއަށް ނުވިޔަސް ދޯ. އެހެންނޫނަސް އެކުއްޖާ ފެނުނަސް ފޫހިވާން ފަށައިފި. ކަލޭ ބުނިހެން އަހަރެން އޭނަ ފަހަތުން އުޅުނިން. އެ މަންޖެ ފޮނިކަމުން ނޫނެކޭ ބުނީ. މަ ބޭނުމެއްނޫން ދެން އޭނަ މިހިސާބުން ފެންނަންވެސް. އޭނަގެ ދިރިއުޅުން ނަރަކައަކަށް ހަދާލާ....."

"ޑަން......" ކައިސް ހިނިގަނޑެއް ޖަހައިލިއެވެ.

***

އާލިއާއަށް ލިބުނު މެސެޖަކުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހިތްވެސް ހުއްޓުނުހެން ހީވިއެވެ. ކޮންމެވެސް މީހަކު މީޝާ ކިޑްނެޕްކޮށްލީއެވެ. އެއްވެސް މީހަކަށް އަންގައިފިއްޔާ މީޝާ ކަނޑު ފައްތާލާނީކަމުގައި އެމީހަކު ބުނެލިއެވެ. ފުލުހުންނަށް ގުޅިޔަސް އެކުއްޖާގެ ފުރާނަ ނެތް ހަށިގަނޑު ނޫން އެއްޗެއް ނުފެންނާނެ ކަަމަށާއި ދިރިހުއްޓާ ދެކެން ބޭނުމިއްޔާ ގުޅަން އެދުނެވެ.

"ޔާﷲ..ޔާﷲ މިއަޅާއަށް އެހީތެރިވެ ވޮޑިގަންނަވާދޭވެ...." އާލިޔާގެ ލޮލަށް ކަރުނަ އައުމާއެކު އެ ނަމްބަރަށް ގުޅަން ތެމިފައިވާ އިނގިލިތަކުން ސްކްރީނުގައި ޖެއްސިއެވެ. އޭނަ ފެންވަރަން ވަނީ މާމަ ގާތުގައި އިންނަން މީޝާ ލައްވާ ވައުދުކުރުވާފައެވެ. ނަމަވެސް ލިބުނު ފުރުސަތުގައި ނުކުތީހެއްޔެެވެ؟ ނޫނީ ބަޔަކު ވަދެ މީޝާ ގަދަކަމުން ގެންދިޔައީބާވައެވެ. އާލިއާ އެންމެ ކުރިން ގުޅީ އޭނަގެ ދޮންބެއަށެވެ. އެއްޗެއް ގަންނަން ދާންވެެގެން މާމަ ގާތަށް އައިސްދިނުމަށް އެދުނުއިރު އަޑު ކުރެހޭގޮތްވިއެވެ.

އަޔާޒް އަންނަންވާއިރަށް އޭނަ މޫނު ބުރުގާ އެޅިއެވެ. ލޮލުން އަންނަ ކަރުނަތައް އަޔާޒްއަށްވެސް ފޮރުވާލައިފިއެވެ.

މަގުމައްޗަށް ނުކުމެ ފުން ނޭވާއެއް ދޫކޮށްލާފައި އޭނަ ކުރިއަށް ހިނގައިގަތެވެ.

"މީޝާ ކޮއްކޮ ކީއް ތިކުރީ؟ ކަމެއް ވެއްޖެއްޔާ ރަހޫ ދައްތައަށް އަހަރެން ދައްކާނީ ކޮން މޫނެއް.. އެވަރަށް ބޭރަށް ނުދާށޭ ބުނީމަވެސް ކޮއްކޮ ގަބޫލެއް ނުކުރޭ...." ގޮތް ހުސްވެފައި ހުރެ ވަށައިގެން ހޯދާ ބަލާލުމަށްފަހު އުޑާއި ދިމާލަށް ބަލައިލަމުން ދުޢާކުރިއެެވެ. ދެން ފޯނަށް އައި މެސެޖް ތަކުރާރުކޮށް ހަޔެއްކަފަހަރު ކިޔާލައިފިއެވެ. އެއަށްފަހު ގުޅާލީ ބިސްމި ކިޔާފައެވެ.

"އަގު އެހާ ބޮޑެއް ނުވާނެ. ދިހަ ހާސް ރުފިޔާ ހިފައިގެން ފެރީ ޓާމިނަލްއަށް އާދޭ." ވާހަކަދެއްކީ އަންހެނެކެވެ. "އަހަރެމެންނަކީ އާލިއާ ފަދައިން ހަމަ ރަގަޅު ބަޔެއް އެކަމަކު ފައިސާގެ ބޭނުން ޖެހިގެން މި ފަަދަ ކަމެއް ކުރަން މަޖުބޫރުވީ. އަހަރެމެން ދާ ތާކަށް އަހަރެމެންނާއެކު ގޮސް މީޝާއާއި ހަވާލުވަަންވީ. މާ ބޮޑު ކަމެއްކުރާކަށް ނުޖެހޭނެ............" އެ އަންހެންމީހާ އާލިއާއާއި ކައިރިވުމުން ސިގްރެޓްވަސްވެސް ދުވިއެވެ.

ކޮލެޖް ފީދައްކަން ދޮންބެ އޭނަގެ އެކައުންޓަށް ފައިސާ އެޅީ އިހަށް ދުވަހުއެވެ. އެކައުންޓުގައި ތިރީސްހާސް ވަރަކަށް ރުފިޔާ ހުންނާނެއެވެ. އޭޓީއެމްއަކަށް ވަދެ އެބުނި ވަރަށް ފައިސާ ނަގައިގެން އޭނަ ދަބަހަށް ލައިގެން ހިނގައިގަތީ ފެރީ ޓާމިނަލާ ދިމާލަށެވެ.

ފެރީ ޓާމިނަލުގައި ހުރެ ޝައްކުވާފަދަ އެއްވެސް މީހަކު ފެނޭތޯ އާލިއާ ވަށައިގެން ލޯ ހިންގައިލިއެވެ. އޭރުވެސް ހިތް ތެޅޭވަރުން މޭ ފަޅާފައި ނުކުމެދާނެ ފަދައެވެ. އުމުރު ދުވަހުވެސް މިހާ ހާސްވި ކަމަކާއި ދިމަލެއްނުވެއެވެ. އަތްވެސް ގަނޑުފެންކޮޅެކޭ ތަފާތެއް ނެތެވެ. ކުއްލިއަކަށް ފަހަތުން އައިސް އޭނަގެ ގާތަށް ހުއްޓުނީ މޫނު ބުރުގާ އަޅާފައި ތިބި ދެމީހުންނެވެ.

"އަހަންނަކީ އުއްމު ފަޒުލް. މިއީ މަގޭ އެހީތެރިޔާ.." ތަންކޮޅެއް ދިގުކޮށް ހުރި މީހާ ކުރުކޮށް ހުރި ކުއްޖާ ގަޔާއި ކައިރިކޮށްލަމުން ބުނެލިއެވެ.

"އިތުރު ބަހެއް ބުނެލިޔަސް މީޝާ މަރުވެދާނެ. މަންޒިލަށް ދެވެންދެން ހަނު ހުރުން ލާޒިމް ވާޖިބު....އިނގޭ ދޮންދޫނި........ދެން މަށަށް ނޭގެނީ ތިއީ އާލިއާކަމެއް. އަނގައިން ބުނެބަލަ....."

"ކަލެއެއްނު ބުނީ ހަނު ހުންނާށޭ..." އާލިޔާ ރުޅި އަންނަގޮތްވެފައި ދަތްތަކަށް ބާރުލާފައި ކިޔާލައިފިއެވެ. އޭނަ ބޭނުންވީ މި މީހެއްގެ އަނގަމަތީ ޖަހާ ހުރިހާ ދަތެއް ލުއްސައިލުމަށެވެ.

"މުސްކުޅި އުމުރަށް ދިޔައިމަ ދެން ހަދާން ބަލީއޭ ކޮއިފުޅާ....މަގޭ ކޮއެ. ގޮސް ޓިކެޓް ގަނެގެން އާދޭ..." އުއްމު ފަޒުލް އެންގީ އޭނަގެ އެހީތެރިޔާއަށެވެ.

އިރުކޮޅެއްފަހުން ތިން މީހުން ތިބީ ވިލިމާލެއަށް ދިޔަ ފެރީއެއްގައެވެ. އެތަނުން ލޯންޗަކަށް އަރައިގެން ނައްޓާލުމުން އާލިއާގެ ހިތުގައިވާ ބިރުވެރިކަން ބޮޑުވިޔަސް އޭނަ އިނީ ދުޢާކޮށްލަ ކޮށްލައެވެ. މާތްﷲ ފިޔަވާ އިތުރު އެއްވެސް އެހީތެރިއަކު ނެތެވެ. މިދެމީހުން ފިޔަވާ ލޯންޗުގައި ދެން އިނީ ކައްޕިތާނެވެ. އެމީހާއަށް އިޝާރަތްކޮށްލަން ހިތަށް އަރާފައިވެސް މީޝާގެ ސަލާމަތަށްޓަކާ އޭނަ ހިމޭންވިއެވެ. ދެލޯ މަރާލައިގެން އިނދެ ދުޢާކުރުން ނޫންކަމެއް އާލިއާ ނުކުރެއެވެ. މާ ދުރަށް ދާހެން ސަރަހައްދަކަށް ދެވުނުކަން އެނގި އޭނަގެ ބޭބެއަށް ގުޅަންކަމަށް ހިތަށް އަރާ ފޯނު ނެގިއެވެ.

"ޑޯންޓް ޓްރައި އެނީ ފަނީ މޫވްސް. އާލިޔާގެ ސަބަބުން މީޝާއަށް ކަމެއްވިޔަސް ވާނީ......" އެ އިންޒާރުގެ ސަބަބުން އާލިއާ ކަޅިއަޅާލާފައި ހިމޭންވިއެވެ. މިމީހުންނަށް ރަގަޅު ފިލާވަޅެއް އަދި ލިބޭނެއެވެ. ނުބައިކަމެއް ކުރުމަށްފަހު އޭގެ ސަޒާ ކޮންމެވެސް ސިފައެއްގައި ފެންނާނެއެވެ. އަންހެނުންނަށް އަންހެނުންގެ އިހުސާސް ނޭގުމަކީ ދެރަކަމެކެވެ.

"ސުބުހާނަﷲ..މި ކުރިމަތިވާން އުޅެނީ ކޮންފަދަ ބޮޑު ތޫފާނެއްކަމެއްވެސް ނޭގޭ. އަހަންނަށް މި ދުވަސްކޮޅު ކޮލެޖް ކަންތަކާއި ބިޒީވާން ހަދައިގެން އަޅުކަންތައްތަކާ ތަންކޮޅެއް ދުރުވީ. އީމާންތެރިކަން ދަށްވީ. ކިތަންމެ ވަރަށް ޕޭޖް ހިންގިޔަސް އަދިވެސް ބޭނުންވާހާ ރަގަޅު މީހަކަށް ނުވެސް ވެވޭ. މިއީވެސް އިމްތިހާނެއް. ދިރިއުޅުމަކީ ވަގުތީ ތަނެއްކަން ދިމާވާ މިފަަދަ ކޮންމެ މުސީބާތަކުން ހަނދާންކޮށްދޭ. ނަފުސް ތާހިރުކުރަން މަސައްކަތް ކުރުމުގައި ދިރިއުޅުން ނިމިގެންދިއުމަށް އެދި ދުޢާކުރަން......" އާލިއާ ދެލޯ މަރައިލިއެވެ.

ގިނައިރުތަކެއް ނުވަނީސް އެމީހުންގެ މަންޒިލަށް ފޯރައިފިއެވެ. ހުދު ކަފަކޮޅެއްފަދަ ދޮންވެލިގަނޑެކެވެ. ތުނޑިއެއްފަދައެވެ. ސާފު މޫދެކެވެ. ރިޒޯޓެއްވެސް ނޫނެވެ. ފަޅު ރަށެކެވެ. އެންމެ ކުރިން އޭނަ ހީކުރީ މި މީހުން ދާނީ އެކަހަލަ ތަނަކަށް ކަމަށެވެ. ފަޅު ރަށެއްކަން އެނގުމުން ވަކިން ބިރުގަތެވެ. ކުރެދި މިދިލި އަދި ކާނިގަސްތަކާއި ދިގު ވިނަތައް ބޯކަމުން ރަށުގެ މަލަމަތިވެސް ފެންނަނީ ޖަންގައްޔެއްގެ ސިފައިގައެވެ.

އެމީހުންގެ އިސްތިގުބާލުގައި ހުރީ އިސްކޮޅުން ދިގު ޒުވާނެކެވެ. ހަފޫޓު ހަތަރުވަރަކަށް އިންޗި ހުންނާނެއެވެ. ބިޔަ ކަސްރަތީ ހަށިގަނޑެކެވެ. އިސްތަށިގަނޑު ތަންކޮޅެއް ދިގުކޮށްލާފައި ހުރިއިރު ބުމަގަދަވެފައި ލޮލުގައި ތަފާތުކަމެއް ހުއްޓެވެ. އޭނަގެ ދެފަރާތުގައި މާސްކު އަޅައިގެން ތިބި ދެ ޒުވާނުންނަކީ ހަށިފާރަވެރިން ކަން ނޭގެއެވެ. އެ ޒުވާނާ މޫނު ބުރުގާ އަޅައިގެން ތިބި އަންހެނުންނަށް ފައިސާ ދިނުމުން އެމީހުން އަދަބުވެރިކަމާއެކު ޝުކުރުވެރިވިއެވެ. ލޯންޗަށް އެރިއެވެ. ލޯންޗުގެ ކެޕްޓަންވެސް އާލިއާއަށް ނަޒަރު ހުއްޓައިލަމުން އެއްލޯ މަރައިލިއެވެ. އެލޯންޗުގެ ވެރިންނަކީވެސް މިޒުވާނާކަން އެވަގުތު އާލިއާއަށް ޔަގީންވިއެވެ.

"ވެލްކަމް މިސް އާލިޔާ. ތިހިރީ އަަހަރެމެންގެ މައި މަރުކަޒަށް އާދެވިފައި..." ހަށިފާރަވެރިޔަކު ބަރު އަޑަކުން ބުނެލިއެެވެ. އާލިއާގެ ހިތުގައި ބިރުވެރިކަމުގެ ރަގަބީލު ޖަހާލާކަށް ގިނަވަގުތެއް ނުނެގިއެެވެ. މިއީ ޕާޓޭ ގްރޫޕެއްކަން ޔަގީނެވެ. ކޮންމެވެސް ނަމެއް ކިޔައިގެން އުޅޭ ޖާހިލު ގްރޫޕެއްކަން އެންމެ ފުރަތަމަ ހިންގި ނުބައި އަމަލުންވެސް ސާބިތުކޮށްދީފިއެވެ. ކުށެއްނެތް އަންހެންކުއްޖަކު ވަގަށް ނަގާފައި ފައިސާއަށް އެދެން ކެރޭނީ ކިހާ ގޮތްކުޑަވީމަހެއްޔެެވެ؟ އާލިއާގެ ހިތް އަވަސްވެގަތެވެ. ނޭވާ ނުލެވޭނެހެންވެސް ހީވިއެވެ. އޭނައަށް އޮޅުވާލައިގެން މި ފަޅުރަށަށް ގެނެއްސަ މި ޖައްސަން އުޅޭ ދަލެއް އެނގެނީއެއް ނޫނެވެ.

"އާދޭ......" އެކަކު އަމުރުކުރިއެވެ. އާލިޔާ އެ ހަނި މަގުން ކުރިއަށް ދިޔައިރު ވިނަތަކުން ސަލާމަތެއް ނުވެވުނެވެ. އޭނަގެ އަބާޔާގައި ވިނަކޮޅުތައް ތަތްލާންފެށިއެވެ. ހޫނުގަދަކަމުގެ އިހުސާސްތަކާއިއެކު ބޮލުގައި ރިއްސައިލިއެވެ. ބޮސް މާ ބާރަށް ހިނގާފައި ގޮސް ލޯމަތިން ގެއްލުމުން ޖިންނިއެއް ބާވައޭވެސް ހިތަށް އެރިއެވެ. އަނެއް ދެމީހުންވެސް ފިޔަވަޅުތައް އަވަސްކުރުމުން ބިރުން ހުރި އާލިޔާއަށް ދެން ޖެހުނީ ދުވާށެވެ. މޭވާ އަދި މާ ގަސްތައް ހުރި ސަރަހައްދަކަށް ނުކުމެވުނުއިރު ރީތިކޮށް ހަދާފައި ހުރި އެންމެ ގެއެއް ފެންނާން ހުއްޓެވެ. އެ ޒުވާނުންނާއި އަރާ ހަމަވިއިރު އާލިޔާ ހުރީ ވަރުބަލިވެ މައިނޭވާ ލެވިފައެވެ.

"މީޝާ ކޮބާ...." އާލިއާ ސުވާލުކުރިއެވެ.

"މީޝާ ހުރީ ސަލާމަތުން. އޭނައާއިމެދު ނުވިސްނާ. އިހަށް އާލިއާގެ ކޮޓަރިއަަށް ގެންގޮސްދޭނަން. ކުޑަދުވަސްކޮޅަކަށް ޗުއްޓީ ހަދާލަންވެސް ވާނެތާ. އަހަރެެމެންގެ ބޮސް އަންގަވާގޮތަށް ތަބާވާން އަހަރެމެން މިތިބީ..........." އެކކަކު ހިނިގަނޑެއް ޖަހާލައިފިއެވެ.

އާލިއާގެ ބޮލަށް އެނބުރުން އެރިއެވެ. މިއީ ހަމަ މުސްލިމުން ހެއްޔެވެ؟ މުސްލިމުންގެ ނަން ކިޔައިގެން އުޅޭއިރު މިމީހުންގެ ފަރާތުން މިފެންނަނީ މުސްލިމުންގެ ގައިގާ ހުންނަންވާނެ ސިފަތަކެއް ނޫނެވެ. މަކަރު ހެދުމާއި އޮޅުވާލުމާއި މުސްލިމް އަޚުން ހިމާޔަތްކޮށްދޭން ޖެހޭ އަންހެންކުދިންތަކުގެ ހުރުމަތް ކެނޑުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ.

***

އެމީހުން އޭނަ ގެންގޮސް ވެއްދީ އެގޭގެ ކޮޓަރިއަކަށެވެ. އެކޮޓަރި ފުދޭވަރަކަށް ތަނަވަހެވެ. ކަޅާއި ހުދުގެ ބޮޑެތި މާބްލް ތަޅުމާއެކު ގުޅޭކުލައިން ބިތްތަކުގައި ވޯލްޕޭޕަރު ޖަހާފައެވެ. ފަރުނީޗަރުތަކުގައިވެސް އެކުލައެވެ. ކިންގްސައިޒްގެ ބޮޑު އެނދުގައި ހުދު ކަފަގަނޑެއްހެން އޮތް ރަޖާއެކެވެ. އެނދުގެ ކުރިމަތީގައި ރަގްއެވެ. ފާރުގައި ހަރުކޮށްފައިވާ ފަތިޓީވީގެ އިތުރުން ކްލޯޒެޓްތައްވެސް ފާރުގެ ބަޔެއްފަދައެވެ. އެތެރޭގައި ހުރިއިރުވެސް ރާޅުޖަހާ އަޑު ނިކަން ރީތިކޮށްއިވެއެވެ. ބީޗްހައުސް އެކެވެ. ނަމަވެސް ހާލަތު ހަދާންވުމުން ހިތުން ބިރުވެރިކަން ހިނދުކޮޅަކަށްވެސް ފިލައިގެނެއް ނުދެއެވެ. ގަހެއްގެ ގޮތްޕެއް ހިރިލާ އަޑުއިވިލިޔަސް ދޫންޏެއް ލަވަ ކިޔާލިޔަސް ފުންމައިގެން ތެދުވެ ދެލޯ ބޮޑުކޮށްފައި ދޮރާއި ދިމާލަށް ބަލައިލެވެއެވެ. އަށެއްޖަހަނިކޮށް ރޭގަނޑުގެ ކެއުން ގެނެސްދިނެވެ. ބަތް ޕާރުސަލަކާއި ސެލެޑާއި ފޮނި އެއްޗެކެވެ. އަތުން ޖަހާ ހޫރާލަން އުޅެފައިވެސް އޭނަ ހިމޭންވިއެވެ. މިފަދަ މީސްމީހުންގެ ނުރައްކާތެރިކަން އެހެން މީހަކު ބުނެދޭކަށް ނުޖެހޭނެއެވެ.

"ޑޯންޓް ޕްރޮވޯކް ދެމް..ކެތްތެރިވޭ އާލިއާ....މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. މިވެސް އިމްތިހާނެއް........" އާލިޔާ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އޭނަގެ އަތުތެރޭ އޮތް ޕެޕާސްޕްރޭ ފުޅީގައި މަޑުމަޑުން ފިރުމައިލިއެވެ. އެއީ މަލްހާގެ ފަރާތުން ލިބުނު ހަދިޔާއެކެވެ.

ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ހުރި ކާނާ ފިނިވަމުން ދިޔައިރުވެސް އޭނަ އަތެއް ނުލިއެވެ.

ގިނައިރުވިވަރަކަށް ކަރުނަތައް ހިފެހެއްޓުން އުދަގޫވެ ލޯ ކަރުނުން ފުރިއްޖެއެވެ.

ގަޑިއެއްހާއިރު ފަހުން ދޮރު ތަޅުގައި ހިފިހެން ހީވެފައި ބަލައިލުމާއެކު ފުންމައިގެން ތެދުވެވުނީ ހީވެސް ނުކުރާ މީހެއް ފެނިފައެވެ. ދޮރުން އެތެރެއަށް ވަދެގަތީ މާޒިންއެވެ. އެއް އަތުގައި ކޮފީތަށްޓެކެވެ. ހޫނުކޮފީގެ މީރުވަސް މުޅި ކޮޓަތިތެރެއަށް ފެތުރުނެވެ. މާޒިން އަނގައިން ބުނުމެއްނެތި އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީދެ ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އީސިގްރެޓެއް ތުނބުގައި ޖަހާލުމަށްފަހު ދަމާލާފައި ދުންތައް ދޫކޮށްލިއެވެ. އާލިއާ ކޮށި އަރައިގަނެފައި ކެއްސައިގަތެވެ. މާޒިން އެކަން ފާހަގަވިހެނެއް ވެސް ހިޔެއްނުވެއެވެ. ކޮފީތަށިން ކޯވަރެއް ދަމައިލިއިރުވެސް މޫނުމަތުން ފެނުނީ ސީރިޔަސްކަމެވެ. ސީރިޔަސް ކުލަވަރުތަކެވެ. އޭނަ ފޯނުން ކޮންމެވެސް މީހަކާ ވާހަކަދެއްކިތަނާހެން އަންހެންކުދިންނަށް ފައިސާ ދިން ޒުވާނާ ވަނެވެ. "މައިކް....މިހިރީ އެއްކަލަ ޕޭޖު ހިންގާ އާލިޔާ......"

"އޯހް...ޓެރަރިސްޓުންގެ ބައެއް މީހުން ލޯ ފެންނަން ހުރޭ. މީނަ ލޯވެސް ދައްކާލަން ބިރުގަންނަނީތަ؟" މަހުދީ ހުއްޓުނީ އާލިއާއާއި ދާދިގާތުގައެވެ. އުދަގޫވެގެން އާލިއާ ފަހަތަށް ޖެހެން މަސައްކަތްކުރިޔަސް އިށީދެގެން އިން ގޮތުން އިތުރަށް މައްޗަށް އެރެވޭކަށްވެސް ނެތެވެ. މި ދެފިރިހެނުންގެ ބޭނުން އެންމެ ޖުމްލައަކުންވެސް އެނގިއްޖެއެވެ. މައްސަލައަކީ ޕޭޖު ހިންގާތީއެވެ. މީރާގެ މަރުގެ ވާހަކަ އެހެންމީހުންނަށް އިބުރަތަކަށް ލިޔުނުކަމެވެ. މިމީހުންގެ ނިޔަތް އެނގުމުން ހިތުގައިވާ ބިރުވެރިކަން ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. އެންމެ ރަގަޅެވެ. އޭނަ އެ ޕޯސްޓް ނަގައިފާނެއެވެ. ނަމަވެސް އޭގެ ބަދަލުގައި ޒުވާން ކުދިންނަށް ދެވޭނެ ކިތަންމެ އިތުރު ދަރުސްތަކެއް އެބަހުއްޓެެވެ. މި މުއްސަދި ޒުވާނުން ކިތަންމެ "ޑިނައި" ކުރަން އުޅުނަސް ހަގީގަތަކީ މި މުއްސަދިކަމަކީ އަބަދަށް ދެމިގެންވާނެ ނިއުމަތެއް ނޫންކަމެވެ.

"ކޮންކަމެއް ބޭނުންވަނީ؟ " އާލިއާއަށް ކެތްނުކުރެވިގެން މާޒިންއަށް ނަޒަރު ހުއްޓާލައިފިއެވެ.

"އެއްފަހަރު ރިކުއެސްޓް ކޮށްފިން. މިހާރު ކޮންމެހެން ދަންނަވައިގެން ކަންތައް ކުރާ ވަގުތު ފަނަހަޅާ ހިގައްޖެ. ޓެރަރިސްޓުންނާއި އަހަރެމެން ވާހަކަދައްކާނީ އެމީހުންގެ ބަހުރުވައިން...." މާޒިން ހަރުކަށި ގޮތަކަށް ބުނެލަމުން މޭޒުމަތީގައި ގޮށްމުށުން ޖެހުުމުން ކޮފީތަށިވެސް ތެޅިގަތެވެ. އާލިޔާގެ ހިތަށްވެސް ލައްކިއެއްޖެހި އެވެ. ބިރުން ނޭވާލާންވެސް ނުކެރުނެވެ. މަހުދީ ހުރީ ނުލަފާގޮތަކަށް ހިނި އައިސްފައެވެ.

"ފަހަރެއްގައި އަދި މިއީ ކާކުކަން އޮޅިފައި އޮވެދާނެ. މިއީ މީރާގެ ބޭބެ މަހުދީ. އެހެންވެ އެންމެ ކުރިންވެސް އެންގީ އެ ޕޯސްޓްނަގަން. ކަލެއަށް އެކަމެއް ނުކުރެވުނު. އެހެންވެ ސުލްހައިގެ ވަގުތު ނިމިއްޖެ. ފ.....ދަ ޕޭޖް. ކަލޭ ބޭނުންގޮތަކަށް އެ ޕޭޖް ހިންގިޔަސް އަހަރެމެންނަށް ދެން ހެޔޮ. ބޭނުންވިއްޔާ އެ ޕޭޖް ހެކްވެސް ކުރެވިދާނެ. ބްލޮކްވެސް ކުރެވިދާނެ. އެހާ ބާރު އެބަހުރި. އެހެންވެ ބުނީ ނުނަގައިފިއްޔާ ވާނެ ކަމަކާއިމެދު ޒިންމާއެއް ނުނަގާނަމޭ. މިހާރު ދެންކަންތައް ދާނީ ހީކުރާހާ ސްމޫތުކޮށެއްނޫން..." މާޒިން ތެދުވެގެން އައިސް އާލިއާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި އާލިޔާގެ ދަތްދޮޅީގައި ހިފަން އުޅުނެވެ. އެއާއެކު އާލިޔާ އަތް އުފުލީ ޖެހުނުހާ ބާރަކަށް އެއަތުގައި ޖެހުމަށެވެ. ނަމަވެސް މާޒިންގެ އަތުތެރޭ އޭނަގެ އަތްތިލަ ހައްޔަރުވިއެވެ.

"ގެޓް އޮފް މީ ޔޫ ޑެވިލް.........." އާލިޔާ ހަޅޭއްލަވައިގަތެވެ. މަހުދީގެ ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކެވެ.

ނުނިމޭ

comment ކޮމެންޓް