އޭޕްރީލް ނިމޭއިރު ޗައިނާ އާއި ސައުތު އީސްޓް އޭޝިއާ އަށް ރާއްޖެ ހުޅުވާލެވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ފަޅަށް: ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް އަންނަ ފްލައިޓްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައި، ބައެއް ގަުމުތަކުން ދަތުރުފަތުރު މެދުކަނޑަލާފައިވާއިރު ވައިރަސް އާ ގުޅިގެން ދަތުރުކުރާ މީހުންގެ އަދަދު ވެސް ވަނީ މަދުވެފައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރުތައް ވަނީ މަދުވެފައި، އެންމެ ޕީކް ގަޑިތަކުގައިވެސް އެއާޕޯޓް އޮންނަނީ ފަޅަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އޭޕްރީލް މަސް ނިމޭއިރު ރާއްޖެ ޗައިނާ އާއ ސައުތު އީސްޓް އޭޝިއާ އަށް ހުޅުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮރޯނާ އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތްގޮތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބަލި އެންމެ ފުރަތަމަ އުފަންވި ޗައިނާ އާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުގައި ބަލީގެ ހާލަތު ކޮންޓްރޯލު ވަމުން އަންނަ ކަމަށެވެ.

ޗައިނާ އަކީ މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް ކޮރޯނާގެ ބަލިމަޑުކަމާއެކު އެގައުމުން މީހުން އައުން މަނާކުރުމާއެކު ޗައިނާގެ މާކެޓު ވަނީ ސުމަކަށް ވެއްޓިފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ޗައިނާ ހުޅުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ހުޅުވެއްޖެއްޔާ، ރާއްޖޭގައި ކޮވިޑް ނެތް ކަމަށް ވަންޏާ، އަޅުގަނޑު މި ބަލަނީ މި މަސް ނިމެންވާއިރަށް، އިރާދަކުރެއްވިއްޔާ ކޮވިޑް ޖެހިފައި ހުރި އެއްވެސް ޕޮޒިޓިވް މީހެއް ރާއްޖޭގައި ނުހުރެ ވޭތޯ. އެހެންވެއްޖެނަމަ، އަޅުގަނޑުމެން ޗައިނާއަށް، ސައުތު އީސްޓް އޭޝިއާ އަށް ރާއްޖެ ހުޅުވާލެވޭނެ އޭޕްރިލް މަސް ނިމެންވާއިރަށް. އެއީ ޗަައިނާ، ޖަޕާން، ކޮރެއާ. އެހެންވީމާ މި މާކެޓުތައް ހުޅުވިގެންދާނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ހަމައަކަށް އެޅެން އަހަރެއް ހައިދުވަސް ނަގައިފާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ބަލިމަޑުކަމާއެކު ރާޢްޖެއަށް އަންނަމުންދާ އިގްތިސޯދީ ހީނަރުކަން ހަމައަކަށް އެޅެން ހަ މަސްވަރު ނަގާފާނެ ކަމަށެވެ.

"އެހެން ނަމަވެސް، އަޅުގަނޑުމެންގެ އިގްތިސޯދުގެ މައި ބަޔަކީ، ބޮޑު ބަޔަކީ ޓޫރިޒަމް ކަމުގައި ވާއިރު، ރާއްޖެއަށް [ފަތުރުވެރިން] މި އަންނަ ގައުމުތަކުގެ ހާލަތު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އިޓަލީގެ ހާލަތު. ދެން ޖަރުމަނުގެ ހާލަތު މިހާރު އެ ދަންނަވަނީ [އެ ގައުމުގައި ބަލި] ކޮންޓެއިން ކުރެވިއްޖެޔޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖަރުމަނު ފަތުރުވެރިން ރާއްޖެ އައުމަށް ބުކިން ހަދަން އެދެމުންދާ ކަމަށާއި އެގޮތުން މީގެ ތިން މަސް ފަހަށް ބުކިން ހެދުމަށް ޖަރުމަނުގެ ޓުއަ އޮޕަރޭޓަރުން ރާއްޖޭގެ ޓުއަ އޮޕަރޭޓަރުންގެ ފަރާތުން އެދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ވެއްޖެއްޔާ އެއީ ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.

ކޮރޯނާ އާއި ގުޅިގެން މީގެ ކުރިން ރާއްޖެއިން ވަނީ ޖަރުމަނުގެ ތިން ސަރަހައްދަކުން މީހުން އައުންވެސް މަނާކޮށްފައެވެ. ނަމަވެސް ޖަރުމަނުން މިހާރުވެސް 20،000 އަށް ވުރެ ގިނަ ބުކިންގްސް ލިބިފައިވާ ކަމަށާއި އެއީ އުއްމީދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައިވަނީ އިގްތިސޯދީ ކްރައިސިސްއެއް ނޫން ކަމަށާއި ފައިނޭންޝަލް ކްރައިސިސް އެއް ނޫން ކަމަށެވެ. މީހުންގެ ސްޕެންޑިން ވިލް ވެސް އެބަހުރިކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ބޭންކުތަކާއި އާންމުންގެ އަތުގައިވެސް ފައިސާ އެބަހުރި ކަމަށެވެ.

"މިކަން ނިމުމާއެކު މިއަހަރުގެ ފަހު ކުއާޓަރާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރުގައި ބޮޑު ބޫމް އެއް ޓޫރިޒަމް އިންޑަސްޓްރީ އަށް އަންނާނެ،" މިއަދު ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ވިދާޅުވީ ކޮރޯނާ އާއެކު އިގްތިސޯދު ދަށަށް ގޮސް ހަ ބިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށާއި ރާއްޖޭގެ އިގްތިސޯދީ ދުވެލި މައިނަސް ފަސް ޕަަސެންޓަށް ވެއްޓޭނެ ކަމަށެވެ.

ފަތުރުވެރިން އައުން މަދުވެ ރާއްޖޭގެ ބައެއް ރިސޯޓުތައް ވަގުތީގޮތުން ބަންދު ކުރަމުންދާއިރު މިމަހުގެ 27 އިން ފެށިގެން މުއްދަތެއް ނެތްގޮތަށް ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާނެ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮރޯނާ އަށް 13 މީހަކު ޕޮޒިޓިވް ވި އިރު މިހާތަނަށް އަށްމީހަކު ވަނީ ރަނގަޅު ވެފައެވެ.

comment ކޮމެންޓް