ޖަލުގައި ހުރި ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް: ރައީސް ސޯލިހު

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުން މިނިވަން ކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޖަލުގައި ތިބި ގައިދީންނަށް މައާފްދޭނެ އުސޫލުތައް ގާނޫނުގައި ވަނީ ބަޔާންކޮށްފައި ކަމަށާއި ޖަލުގައި ތިބި ގައިދީންނަށް މައާފްދޭނީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.

"ޖަލުގައި ތިބި ފަރާތްތަކާއި ޖަލުގައި ތިއްބެވި ފަރާތްތަކަށް މައާފު ދިނުމުގެ އިހްތިޔާރު މި އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި. އެގޮތުގެ މަތިން އަޅުގަނޑު އަމަލުކުރަމުން މި ގެންދަނީ. ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމާ މަޝްވަރާ ކުރައްވާނަންތޯ ދެންނެވުމުން ރައީސް ސޯލިހު ވިދާޅުވީ މުޅިދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ވެސް އަދި އެމަނުކުފާނު ވެސް މަޝްވަރާ ހޯއްދަވަނީ ސިއްހީ މާހީރުންގެ ފަރާތުން ކަމަށް ކަމަށެވެ. އަދި އެމަނިކުފާނުގެ އިލްތިމާސަކީ ހުރިހާ ފަރާތްތަކުން ވެސް ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ ހުރިހާ ރައްޔިތުން ވެސް ހުރިހާ ޕާޓީތަކުން ވެސް ޓެކްނިކަލް ޓީމުން އެ ދެއްވާ މަޝްރާއާއެއް ގޮތައް އަމަލު ކުރުން. ބޭރަށް ނިކުމެވަޑައިނުގަތް ކޮންމެ ބޭފުޅަކު ވެސް މިވަގުތު ގޭގައި މަޑުކުރުން،" ރައީސް ވިދާޅުވި އެވެ.

ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

comment ކޮމެންޓް