ޚާލިދާ ޒިޔާ ހަ މަހަށް ޖަލުން މިނިވަންކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން -- ފޮޓޯ: ރޮއިޓާސް

ޑާކާ (މާޗް 25): ސަތާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ހަ މަހަށް ޖަލުން މިނިވަންކޮށްފި އެވެ.

ބަންގުލަދޭޝްގެ ގާނޫނީ މިނިސްޓަރު އަނީސުލް ހައްގު ވިދާޅުވި ގޮތުގައި ޚާލިދާ މިނިވަން ކުރަން ނިންމާފައި ވަނީ އެކަމަނާގެ އުމުރަށާއި ބަލި ހާލަތަށް ބަލައި، ބޮޑުވަޒީރު ޝޭހް ހަސީނާގެ އިރުޝާދުގެ މަތިންނެވެ. އަދި ޚާލިދާ މިނިވަންކޮށްފައި ވަނީ ގައުމުން ބޭރަށް ވަޑައިނުގަތުމަށް ޝަރުތުކޮށްފަ އެވެ.

ދެހާސްއަށާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖަލު ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވި ޚާލިދާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދެ ދައުވާއެއް ސާބިތުވެފަ އެވެ. އެ ދެ ދައުވާވެސް ގުޅިފައި ވަނީ ކުޑަކުދިންނަށް އެހީތެރިވެދޭ ދެ ފަންޑަކަށް ހަދިޔާކޮށްފައިވާ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ އެވެ.

އޭގެ ތެރެއިން އެއް މައްސަލައެއްގައި ޚާލިދާގެ މައްޗަށް ފުރަތަމަ ކުރީ ފަސް އަހަރުގެ ޖަލު ހުކުމެއް ކަމަށްވީ ނަމަ އެމައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ އެ ހުކުމް 10 އަހަރަށް އިތުރުކޮށްފަ އެވެ. އަދި ދެ ވަނަ މައްސަލައިގައި ޚާލިދާގެ މައްޗަށް ކޮށްފައި ވަނީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ.

އުމުރުން 74 އަހަރުގެ ޚާލިދާ ބަންގުލަދޭޝް ނެޝަނަލިސްޓު ޕާޓީ (ބީއެންޕީ)ގެ ލީޑަރުކަމަށް ވަޑައިގެންނެވީ 1983 ވަނަ އަހަރު އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޒިޔާއުއްރަހްމާން އަވަހާރަކޮށްލި ފަހުންނެވެ. އޭގެ ފަހުން އޭނާ ވަނީ 1991 އިން 1996 އަށް އަދި 2001 އިން 2006 އަށް ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.

comment ކޮމެންޓް