މުވައްޒަފުންނަށް ރިސޯޓުން ފޭބޭނީ ފަހު ޓޫރިސްޓު ފުރާތާ 14 ދުވަސް ފަހުން

ރަންދެލި ރިސޯޓުގައި މުވައްޒަފުންތަކެއް -- ސަން ފައިލް ފޮޓޯ

ކޮންމެ ރިސޯޓެއްގައި ވެސް މިވަގުތު ތިބި މުވައްޒަފުންނަށް އެ ރިސޯޓުން ފޭބޭނީ އެ ރިސޯޓުގައި ހުންނަ އެންމެ ފަހުގެ ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރިސޯޓުތަކުން އަރައި ފޭބުން ވަނީ ކޮންޓްރޯލްކޮށްފައެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއިންް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު، ފަތުރުވެރިން އައުން ހުއްޓި ރިސޯޓުތައް ހުއްޓުމަަކަށް އަންނާނެއެވެ.

އެކަމަށް އަލިއަޅުވާލައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ މިހާތަނަށް 50 ރިސޯޓް ބަންދުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހުރިހާ ރިސޯޓެއް ބަންދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން ރިސޯޓުތަކުގައި މިހާރު ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރައިގެން ދާތާ 14 ދުވަހުގެ ތެރޭގައި ރިސޯޓުގައި ތިބި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެއެވެ.

"ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ދުވަހުން ފެށިގެން 14 ދުވަސް ހަމަވުމުން އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިޔުމުގެ ފުރުސަތު ދެވޭނެ،" ރައީސް ވިދާޅުވިއެވެ.

މުވައްޒަފުން ރިސޯޓުން ފޭބުމަށް 14 ދުވަހުގެ މުއްދަތެއް ދީފައި ވަނީ ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ސާދަ ދުވަހުގެ މުއްދަތަކީ ކޮވިޑް19 އާ ގުޅިގެން މީހުން ކަރަންޓީނު ކޮށްފައި ބައިތިއްވާ މުއްދަތެވެ.

comment ކޮމެންޓް