މީރާއަށް އިންސްޓޯލްމެންޓު އުސޫލުން ފައިސާ ދެއްކުމުގައި ލުއިތަކެއް ދީފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިންސްޓޯލްމެންޓު އުސޫލުން ޓެކްސް ދައްކާ ފަރާތްތަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި އެވެ.

މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން، އާންމުންނަށް ލުއިފަސޭހަގޮތްތަކެއް ހަމަޖައްސައިދިނުމަށް، ޓެކުހާއި އެހެނިހެން ފައިސާ ނުދެއްކިވާ ފަރާތްތަކަށް އިންސްޓޯލްމެންޓު އުސޫލުން ފައިސާ ދެއްކޭނެ އިތުރު ލުއިފަސޭހަ ގޮތްތަކެއް ހަަމަޖައްސައިދީފައިވާނެ ކަމަށެވެ.

މީރާއިން ބުނީ މިހާތަނަށް އިންސްޓޯލްމެންޓު އުސޫލުން ފައިސާ ދައްކަން ހަމަޖައްސައިދީފައިވާ ފަރާތްތަކަށް އެ ފައިސާ ދެއްކުން ތިން މަސް ދުވަހަށް ފަސްކޮށްދީފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ހިނގަމުންދާ އިންސްޓޯލްމެންޓް އެގްރީމަންޓެއް އޮތް ނަމަވެސް، ދައްކަން ޖެހޭ އެހެން ޓެކްސް ފައިސާއެއް އިންސްޓޯލްމެންޓު އުސޫލުން ދައްކަން އެދިއްޖެ ހިނދެއްގައި އެ ފުރުސަތުވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް މީރާއިން ބުންޏެވެ.

"އަދި އިންސްޓޯލްމެންޓަށް ބަހާލައިގެން ފައިސާ ދެއްކުމަށް އިންސްޓޯލްމެންޓު އެގްރީމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމެންޓް އެގްރީމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމެންޓުތަކުގެ ތެރޭގައި ނުހިމެނޭ އިންސްޓޯލްމެންޓުތަކާ ގުޅިގެން އިތުރު އިންސްޓޯލްމެންޓުތަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތުވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ." މީރާގެ ބަޔާނުގައިވެއެވެ.

މީރާއިން ބުނި ގޮތުގައި އެ ލުއިތައް ދޭން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭގެ އިތުރުން އިންސްޓޯލްމެންޓުތަކަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ހުށަހެޅުމުގެ ފުރުސަތުވެސް ޖޫން 30ގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށް މީރާއިން ބުންޏެވެ.

އަދި އިންސްޓޯލްމަންޓަށް ފައިސާ ދައްކަން އެދި ހުށަހަޅާ ފަރާތްތައް ކޮމިޓްމެންޓް ޕޭމަންޓެއްގެ ގޮތުގައި ދައްކަން ޖެހޭ އަދަދުވެސް ކުޑަކޮށްދީފައިވާ ކަމަށް މީރާއިން ބުންޏެވެ. އަދި ކުރިއަށް ވުރެ ދިގު މުއްދަތަކަށް ބަހާލައިގެން އިންސްޓޯލްމެންޓު ޕޭމަންޓުތައް ދެއްކޭނެ ގޮތް ހަމަޖައްސައިދީފައިވާނެ ކަމަށް މީރާއިން ބުންޏެވެ.

comment ކޮމެންޓް