އިމާރާތްކުރުމުގެ ތަކެތި އެތެރެކުުރުމަށް ލުއިތަލެއް

ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމަށް ނަގާ ހުއްދަ އަށް ލުޔެއް ދީފި އެވެ.

ޕްލޭނިން މިނިސްޓްރީ އިން މިއަދު ބުނީ ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުއްލި ހާލަތު އިއުލާނުކޮށް، ދަތުރުފަތުރުކުރުމުގައި ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި އެކަމާހުރެ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެއްގައުމުން އަނެއްގައުމަށް އެތެރެކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގެތެރެއިން ރާއްޖެ އަށް އެތެރެކުރާ ތަކެތީގެ ތެރެއިން އެ މިނިސްޓްރީގެ ހުއްދަ އާއެކު އެތެރެކުރެވޭ ތަކެތި އެތެރެކުރުމުގެ ހުއްދަ އަށް އެދޭއިރު އޭގެ ފެންވަރު އަންގައިދޭ ލިޔުން ހުށަހަޅަން ނުޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުންޏެވެ.

މި ލުއިގެ ދަށުން މިމަހުގެ 20 އިން މެއި 24 ގެ ނިޔަލަށް އެތެރެކުރާ މުދަލުގެ ފެންވަރު އަންގައިދޭ ލިޔުން، ހުއްދައަށް އެދޭއިރު ހުށަހަޅަން ނުޖެހުނު ނަމަވެސް މެއި 24 ގެ ކުރިން އެ ލިޔުން ހުށަހަޅަން ވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ހުއްދައަށް އެދޭ ފޯމު ހުށަހަޅާއިރު ފަންނީ ލިޔެކިޔުންތައް ފިޔަވައި އެެހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށާއި އެގޮތަށް ލިޔެކިޔުންތައް ހުށަހެޅުމުން ތަކެތި އެތެރެކުރުމަށް ވަގުތީ ހުއްދަ އެއް ދޭނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް