ކޮރޯނާވައިރަސް ފެތުރޭ މައިމަރުކަޒަކަށް އެމެރިކާ ވެދާނެ: ޑަބްލިއުއެޗްއޯ

ޑރ. މާގްރެޓް ހެރިސް

ޖެނީވާ (25 މާޗް 2020) : ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރޭ މައިމަރުކަޒަކަށް އެމެރިކާ ވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ދީފި އެވެ.

ޑަބްލިއުއެޗްއޯ ގެ ތަރްޖަމާނާ މާގްރެޓް ހެރިސް ވިދާޅުވީ ދުނިޔޭގައި ދެވަނައަށް ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުންދަނީ އެމެރިކާގައި ކަމަށްވުމާއި، އެ ގައުމުގައި އެވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 54 ހާހަށް އަރާފައިވާތީ ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރުމުގެ މައި މަރުކަޒަކަށް އެމެރިކާ ވެދާނެކަމަށެވެ.

ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާގްރެޓް ވިދާޅުވީ ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އެމެރިކާއިން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ނޫންނަމަ ނިއު ޔޯކްފަދަ ކޮރޯނާ ވައިރަސް އެންމެ ހަލުއިކަމާއެކު ފެތުރޭ އެމެރިކާގެ ސްޓޭޓްތަކުގައި އެކަން އަތްނުފޯރާ ފަށަށް ހިނގައިދާނެކަމަށެވެ.

އެމެރިކާގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 4،000 އަށް ވުރެ މައްޗެވެ. މިއީ ޗައިނާގައި އެންމެ ހަލުއިކަމާއެކު އެރޯގާ ފެތުރުނު ވަރަށް ވުރެ ވެސް ހަލުއި މިންވަރެކެވެ. އެމެރިކާގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 54،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު އެ ރޯގާގައި މަރުވި މީހުންގެ އަދަދުވަނީ 782 އަށް އަރާފަ އެވެ.

އެމެރިކާގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ސްޓޭޓްކަމަށްވާ ނިއު ޔޯކް ގެ ގަވަރުނަރު އެންޑްރޯ ކުއޯމޯ ވިދާޅުވީ އެ ސްޓޭޓްގައި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ކޮންމެ ތިންދުވަހަކުން އެއްދުވަހު ޑަބަލްވަމުންދާކަމަށެވެ. އަދި އެވައިރަސް އަވަސް ގޮތަކަށް ކޮންޓްރޯލް ނުވެއްޖެނަމަ އެކަން ކާރިސާއަކަށް ބަދަލުވެގެން ދާނެކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ކޮރޯނާ ވައިރަސް ފެތުރޭ މައްސަލާގައި ނިއު ޔޯކް ސިޓީގެ މޭޔަރު ބިލް ޑި ބްލަސިއޯ ވެސްވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޓްރަމްޕް

ކޮރޯނާ ވައިރަސް އާ ކުރިމަތިލުމުގައި ޓްރަމްޕްގެ ސްޓްރެޓެޖީއެއްނެތް

ނިއު ޔޯކުގެ އިތުރުން އެމެރިކާގެ އެހެން ސްޓޭޓްތަކުގައި ވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، މީގެ 10 ވަރަކަށް ދުވަސްކުރިން އެމެރިކާގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އޮފީސްތައް ބަންދުކޮށް ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލާފަ އެވެ. މިއާއެކުވެސް ކޮރޯނާ ވައިރަސް ކޮންޓްރޯލް ވުމުގެ ބަދަލުގައި އެވައިރަސް ފެތުރޭ މިންވަރު އެމެރިކާގައި ވަނީ އިތުރުވެފަ އެވެ. މިހެންވެފައިވަނީ އެމެރިކާގައި އޮންނަ ސިއްހަތާބެހޭ ނިޒާމު ކޮރޯނާވައިރެހާ ކުރިމަތިލުމުގެ ނާކާމިޔާބުވުމުގެ ސަބަބުން ކަމަށް އެމެރިކާގެ ތަޖްރިބާކާރުން ވިދާޅުވެ އެވެ.

ކޮރޯނާވައިރަސްއާ ކުރިމަތިލުމުގައި އެމެރިކާ ނާކާމިޔާބުވީ އެ ވައިރެހާ ކުރިމަތިލުމަށް ބޭނުންވާ ސިއްހީ ރައްކާތެރިކަމުގެ ސާމާނުވެސް އެކަށީގެންވާވަރަށް އެމެރިކާގައި ނެތުމާއި އަވަސް ގޮތަކަށް އެތަކެތި ނުއުފެއްދުމާއި އެވައިރަސް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ހަރުކަށި ފިޔަވަޅުތައް އަޅާނެ ސިޔާސަތާއި ސްޓްރެޓެޖީތައް ކަނޑައެޅުމުގައި އެމެރިކާ ފެއިލްވުމުވެ. މީގެ އިތުރުން އެކަމަށް ބޭނުންވާ އާންމުންގެ އަހުލާގު ވެސް އެމެރިކާގައި ނެތްކަމަށް އެމެރިކާގެ ތަޖްރިބާކާރުން ވިދާޅުވެ އެވެ.

އެމެރިކާގައި ކޮރޯނާވައިރަސް ފެތުރުމުގެ ނުރައްކާ މިހާ ބޮޑުވެފައިވާއިރު ވެސް ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މިހާރު އިއުލާނުކޮށްފައިވާ ސިއްހަތާބެހޭ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެންމެން ނޯންނާނެކަމަށް ވިދާޅުވެ އަންނަ މަހުގެ ކުރީ ހަފްތާގައި އެ ހާލަތު އުވާލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮރޯނާ ވައިރަސް ކޮންޓްރޯލް ނުވެ އެރޯގާގައި އެމެރިކާގެ ރައްޔިތުން މަރުވަމުންދިޔަ ނަމަވެސް މަސައްކަތަށް ނުނިކުމެތިބެ އެމެރިކާގެ ބިޔަ ކުންފުނިތައް އިނދަޖައްސާލުމުގެ ފުރުސަތު ނުދެއްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ ކުންފުނިތައް އިނދަޖެހިއްޖެނަމަ އެމެރިކާ އިނދަޖެހިގެންދާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އަރިދަފުސް ރޯގާ އާއި އެހެން ރޯގާތަކުގައިވެސް މީހުން މަރުވާކަމާއި އެހެންކަމުން މީހުން މަރުވާތީ އެމެރިކާ ހުއްޓުމަކަށް ނުގެނެވޭނެކަމަށް ފޮކްސް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުންނާއި ސިއްހަތާބެހޭ މަސްއޫލުވެރިންވަނީ މިކަމާ ދެކޮޅު ހައްދަވާފަ އެވެ -- (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު