ކޮރޯނާވައިރަސް: ގެސްޓްހައުސްތަކަށް 29 މިލިއަން ޑޮލަރުގެ ގެއްލުން

ކ. ދިއްފުށީގެ ގެސްޓްހައުސެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ގެސްޓުހައުސް ވިޔަފާރި ހުއްޓުމަކަށް އައިސްފައިވާތީ، އަލުން ވިޔަފާރި ކޮޅަށް ޖަހަން ހައެއްކަ މަސް ހޭދަވާނެ ކަމަށާއި، އެ މުއްދަތުގައި އެކަނިވެސް 28.9 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ސާވޭއަކުން ދައްކައިފި އެވެ.

ގެސްޓްހައުސް ސިނާއަތަށް ލިބެމުން އަންނަ ގެއްލުން ދެނެގަތުމަށް ގޭމުން ހެދި ސާވޭގެ ނަތީޖާ ހާމަކޮށް، ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސާވޭ ކޮށްފައި ވަނީ ރާއްޖޭގެ ގެސްޓުހައުސްތަކަށް ކުރަމުންދާ އަސަރުތަކާއި އަދިވެސް ގެސްޓުހައުސްތަކާ ގުޅުންހުރި އެހެން ބައެއް މުހިންމު ކަންކަން ހިމެނޭގޮތުން ސުވާލުތަކެއް ހިމަނައިގެން ކަމަށެވެ.

އެ ސާވޭ ކޮށްފައި ވަނީ ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެނައުން މުޅިން ހުއްޓާލުމުގެ ކުރިން ކަމުގައިވާތީ ސުވާލުތައް ބައްޓަންކޮށްފައި ވާނީ އޭރުގެ ހާލަތަށް ރިއާޔަތްކޮށްފައި ކަމަށް ގޭމްގެ ބަޔާނުގައިވެއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ މާކެޓުތައް ހުއްޓާލުމާއި، ޗައިނާ އާއި ޔޫރަޕުގެ ގައުމުތައް ލޮކްޑައުން އަކަށް ގޮސްފައިވުމާ އަދި ރާއްޖޭގެ ގެސްޓުހައުސްތަކަށް ފަތުރުވެރިން އައުން މަނާކުރުމާއެކު ގެސްޓުހައުސް ވިޔަފާރިތައް މިވަގުތު ވަނީ މުޅިން ހުއްޓިފައެވެ.

މިވަގުތު ގެސްޓުހައުސް ވިޔަފާރި ހުއްޓިފައި ވީނަމަވެސް، މަހުންމަހަށް ދައްކަންޖެހޭ ކުއްޔާއި މުވައްޒަފުންގެ މުސާރައާއި ދައްކަންޖެހޭ ބިލްތައް ސަރުކާރަށް ދައްކަންޖެހޭ އެކި ޓެކްސްތައް ދައްކަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އަދި މިހާރު އޮތް ހާލަތުން އަރައިގަނެ، ގެސްޓްހައުސް ވިޔަފާރި ދެން ފަށައިގަނެވޭނެ މުއްދަތު އަންދާޒާކޮށްލަން ދަތިކަމަށާއި، އެހެން ނަމަވެސް ރަނގަޅުގޮތެއްގައި ވިޔަފާރި ހިނގައިގަންނަނީ އަދި މަދުވެގެން ހައެއްކަ މަސް ފަހުން ކަމަށް ވެސް ބަޔާނުގައި އަންދާޒާކޮށްފައިވެ އެވެ.

ހަމަ އެކަނި އެ ހައެއްކަ މަސް ތެރޭވެސް ގެސްޓުހައުސް ވިޔަފާރިއަށް ގާތްގަނޑަކަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ސާވޭއިން އަންދާޒާ ކުރެވިފައިވާ ކަމަށް ގޭމް އިން ބުންޏެވެ.

އެ ސާވޭއިން ދައްކާގޮތުން ގިނަ ގެސްޓުހައުސްތަކަކީ ލޯނު ނަގައިގެން ފަށާފައިވާ ވިޔަފާރިތަކެވެ. އަދި ބިމު ކުލީގެ ގޮތުގައާއި ބިލުތަކާއި މުވައްޒަފުންގެ މުސާރައަށް ވެސް އާމްދަނީގެ ބޮޑު އެއްޗެއް ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުންް 2019 ވަނަ އަހަރުގެ ރިޕޯޓުތައް ދައްކާގޮތުން، ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 26 ޕަސެންޓު ހޭދަކުރަނީ ފެނާއި ކަރަންޓު ފަދަ ޔުޓިލިޓީ ބިލުތައް ދެއްކުމަށާއި، ސަރުކާރަށް ދައްކަންޖެހޭ ޓީޖީއެސްޓީ އާއި ގްރީންޓެކްސް އަށެވެ.

އަދި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 56 ޕަސެންޓު ހަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ހަރަދުތަކުގެ އިތުރުން މުޖުތަމައުއާ ސީދާ ގުޅުންހުރި ކަންކަމަށެވެ.

"މިކަމުން ދޭހަކޮށްދެނީ ގެސްޓުހައުސް ވިޔަފާރިވެރިން ރާއްޖޭގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ދެމުންދާ ކޮންޓްރިބިއުޝަންގެ ބޮޑުކަމެވެ." ބަޔާނުގައިވެ އެވެ.

ގެސްޓުހައުސް ވިޔަފާރިއަކީ އެ ރަށްތަކުގެ މުޅި މުޖުތަމައުއަށް ސީދާގޮތުންނާއި ނުސީދާގޮތުން ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ވިޔަފާރިއެއްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުންް އެ ސިނާއަތުން ލިބޭ މަންފާ ބެހިގެންދަނީ މުޖުތަމައުގެ ތެރޭގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

ގޭމް އިން ބުނީ މިފަދަ ސާވޭއެއް ހަދަން ޖެހުނީ ގެސްޓްހައުސްތަކުގެ ހައްގުގައި ވަކާލާތުކޮށްދިނުމެވެ. އެ ސާވޭގެ ނަތީޖާތައް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް