ކޮރޯނާވައިރަސް: ސަފާރީއެއް އަނެއްކާ ވެސް ކަރަންޓީނަށް

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި: މާހާ ނަމަކަށް ކިޔާ ސަފާރީއަކުން ވަނީ ކޮވްޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނުމުން މޮނިޓަރިންގެ ހާލަތަށް ގެނައިސްފައި -- ފައިލް ފޮޓޯ:

ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނުމުން، ދެ ދިވެހިންނާއި ތިން ބިދޭސީއެއް ތިބި ސަފާރީއެއް ކަރަންޓީނުކޮށްފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

ކޮވިޑް-19 ގެ މައުލޫމާތު އާންމުކުރުމަށް ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ރޭ ވިދާޅުވީ، "މާހާ" ނަމަކަށް ކިޔާ ސަފާރީއެއްގައި ހުރި މީހެއްގެ ފުށުން ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނެމުން މޮނިޓަރިންގެ ހާލަތައް ގެނައިސްފައިވާ ކަމަށެވެ.

އެ ސަފާރީ އޮތީ ހުޅުމާލޭ ކައިރީގައި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މަބްރޫކް ނުދެއްވަ އެވެ.

އެ ސަފާރީގެ އިތުރުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ، އައިލެންޑް ސަފާރީ އާއި އިކުއޭޓާރ ސަފާރީގެ އިތުރުން ރީތި ބީޗް ރިސޯޓު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ސަފާރީއަކުން ފެނުނު ދެ ބިދޭސީއަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް