ޕާކިސްތާނުގެ ބޭންކްތަކުން ފައިސާ ޑިސްއިންފެކްޓްކުރުމަށް ފަހު ދޫކުރަން ނިންމައިފި

ޕާކިސްތާނުގައި ފައިސާގެ ނޫޓްތަކެއް މީހަކު ގުނަނީ---

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާނުގެ ބޭންކްތަކުން ދޫކުރާ ފައިސާ ޑިސްއިންފެކްޓްކުރުމަށް ފަހު ދޫކުރަން ނިންމައިފަ އެވެ.

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާއިންވެސް އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ނަގުދު ފައިސާ ޑިސްއިންފެކްޓްކުރި އެވެ.

އެގޮތުން ހުުރިހާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ބޭންކަށް އަންނަ ފައިސާތައް ކަރަންޓީނު ކޮށް ޑިސްއިންފިކްޓްކުރުމަށް ފަހު ނޫނީ ފައިސާތައް ދޫނުކުރަން ޕާކިސްތާނުގެ މަރުކަޒީ ބޭންކް، ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) އިން އެގައުމުގެ ހުރިހާ ބޭންކްތަކަށް ވަނީ މިހާރު އަންގައިފަ އެވެ.

އެސްބީޕީއިން ބުނެފައި ވަނީ އެ ބޭންކުން އެހެން ބޭންކުތަކަށް ފޮނުވާ ހުރިހާ ފައިސާއެއް ފޮނުވާނީ، ޑިސްއިންފެކްޓްކޮށްފައި ކަމަށެވެ. އަދި ގައުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ޔަގީންކަންވެސް އެސްޕީބީން ވަނީ ބެންތަކަަށް ދީފަ އެވެ.

އޭގެ އިތުރުން އޭޓީއެމްތަކުން ފައިސާ މެދުކެނޑުމެއް ނެތި ލިބޭނެގޮތް ހެދުމަށްވެސް އެސްބީޕީން ވަނީ ބޭންކްތަކަށް އަންގައިފަ އެވެ.

ޕާކިސްތާނުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު މިހާތަނަށް 900 އަށް ވުރެ ގިނަ މީހުންނަށް އެބަލި ޖެހިފައިވާއިރު ހަތް މީހަކު ވަނީ މަރުވެސްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ޑޮކްޓަރަކުވެސް ހިމެނެ އެވެ.

comment ކޮމެންޓް