މަ ލޯތްބެއް ދެން ނުވާނަމޭ... -32

އޭނާ ކުއްލިއަކަށް ޖީބުން ނެގި ވަޅި ޒަލަފްގެ ބަނޑަށް އަމާޒުކޮށްލިއެވެ.

"އާތް" ޒަލަފްގެ އަނގައިން ނުކުތް ވޭނީ އާހާއެކު އިޔާން އަށް ވެސް ބަލާލެވުނެވެ. އޭރު އެ ޒުވާނާ ޒަލަފްގެ ބަނޑަށް ހަރާފައިވާ ވަޅި ދަމައިގަންނަމުން ދުއްވައިގަންނަނީއެވެ.

"ޒެލް" ޒަލަފްއަށް ގޮވާލަމުން އިޔާންއަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. އޭރުވެސް ދުރުގައި ބަލަހައްޓައިގެން ތިބި މީހުން ތިބީ މަންޒަރު ބަލާށެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން އެކަކުވެސް ބޭނުންނުވާ ފަދައެވެ. ފޯނުތައް ނަގައިގެން ވީޑިއޯ ކުރެވުމުން މާ ބޮޑު އުފަލެއް ލިބެނީކަމަށް ވެސް ވެދާނެއެވެ. އިންސާނިއްޔަތުގެ އެއްވެސް ކަންފުޅެއް ނެތް ފަދައެވެ. އިޔާން އައިސް ޒަލަފްގެގައިގައި ހިފެއްޓިނަމަވެސް އެއްވެސް ވަރެއްނެތް އެ ހަށިގަނޑު ވެއްޓެން މާ ގިނަ އިރެއް ނުނެގިއެވެ. މީހެއްގެ އެހީއާ މަދަދަށް އެދި އިޔާން އާދޭސްކުރިއެވެ. މިއީ އަދުގެ ހާލަތެވެ. ރޯމާ ދުވާލުވެސް ވަޅި ޖަހަނީއެވެ. ފޭރި ނަގަނީއެވެ. ސަތޭކެ ޕަރސެންޓް އިސްލާމީ މިގައުމުން ފެނިގެން މިދަނީ ކޮންފަދަ ހިތާމަވެރި މަންޒަރެއް ހެއްޔެވެ؟. ދެ

މީހަކު ކައިރިވެލާ އިޔާންއަށް އެހީތެރިވާން އަވަސްވެގަތެވެ. އޭރު މަގުމަތީގައި ލޭގެ ކޯރެއް ދެމެމުން ދިޔައެވެ. އެކަކު އެންބިއުލެންސަށް ގުޅާލިއިރު އަނެކަކު އިޔާންއަށް އެހީވިއެވެ. މާގިނަ އިރެއްނުވެ އެންބިއުލެންސް ވެސް އަތުވެއްޖެއެވެ. އޭރުވެސް ގިނަ މީހުންގެ މަސައްކަތަކަށް ވީ ފޮޓޯ ނެގުމެވެ. ޒަލަފް އެންބިއުލެންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. ޒަލަފްއަށް އެމަރޖެންސީގައި ފަރުވާދެވެން ފެށުނެވެ. އިޔާން ގުޅީ އާމިރުއަށެވެ. އޭނާ ކަންތައް ވީ ގޮތް އޮޅުން ފިލުވައިދިނެވެ. އެ ގަޑީގައި އާމިރުވެސް އުޅެނީ ގޭގައެވެ. އިޔާން ފޯނު ބޭއްވީ ޑޮކްޓަރު ނުކުތުމާއެކުގައެވެ. ޒަލަފްއަށް އެމަޖެންސީކޮށް ލޭ އަޅަން ޖެހޭ ކަމަށާއި ވަގުތުން އޮޕަރޭޝަންއަކަށް ދާން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދިނެވެ. އެވަގުތު ފުލުހުންވެސް ހޮސްޕިޓަލަށް އައިސް ވަނެވެ. ފުލުހުންގެ ފަހަތުން ކަހަލަ ގޮތަކަށް މީޑިއާގެ ނޫސްވެރިން ވެސް އައެވެ. އެހެންނަމަވެސް ފުލުހުންގެ ބައެއް އެމީހުންގެ ކުރި ބެއްދިއެވެ. އިންވެސްޓިގޭޝަން ޓީމުގައި ހިމެނޭ ތިން ފުލުހަކު އިޔާންގާތަށް އައިސް ހުއްޓުނެވެ. ވީ ގޮތާ ބެހޭގޮތުން ދެތިން ސުވާލެއް ކޮށްލިއެވެ. ޒަލަފްގެ ހާލަތާ ބެހޭގޮތުން ޑޮކްޓަރާ ވެސް ސުވާލުކުރިއެވެ.

ޑޮކްޓަރުން އެތެރެއަށް ވަނުމުން ފުލުހުން އިތުރު ސުވާލެއް ކޮށްލިއެވެ. އެމީހެއްގެ މޫނު އިޔާންއަށް ފެނުނުތޯ ސުވާލުކުރިއެވެ. އިޔާން ދެފަރާތަށް ބޯ ހޫރާލިއެވެ. ޝައްކުކުރެވޭ އެއްވެސް މީހަކު އެބަ ހުރިތޯ އިޔާންއާ ސުވާލުކޮށްލިއެވެ. އިޔާން ދެފަރާތަށް ބޯ ހޫރާލީ އެ ވަގުތު އެފަދަ އެއްވެސް ނަމެއް އޭނާގެ ސިކުނޑިއަށް ނައީތީއެވެ. ފުލުހުން އެތަނުގައި ތިއްބައި އާމިރުއާއެކު މުޅި އާއިލާގެ އެންމެން ވެސް އަތުވެއްޖެއެވެ. ރަޔާ ގެ ކޮނޑުގައި ހިފައްޓާލައިގެން ފަލަކް ހުރިއިރު އެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ކައިވެންޏަށް މަހެއްނުވެ އުޅެނިކޮށް މި ލިބުނީ ކޮންފަދަ ނުބައި ހަބަރެއްހެއްޔެވެ؟ ރަޔާގެ ލޮލުގެ ތެރެއަށް ބޮނޑިވެފައި ހުރި ކަރުނަތައް ހިފައްޓާލައިގެން ހުރެވުނީ ހޮސްޕިޓަލާ ހިސާބަށް ދެވެންދެނެވެ. އިސާހިތަކު އެ ކަރުނަތައް އޭގެ މަގާމްދޫކޮށް ފައިބައިގެންފިއެވެ. ފަލަކް ރަޔާގެ ކޮނޑުމަތީގައި އޮތް އޭނާގެ އަތުން މަޑުމަޑުން ފިރުމާލިއެވެ. ހިތްވަރު ކުރުމަށް ބުންޏެވެ. ޒައުރާ އަދި އަމްޖަދުގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވެފައެވެ. އަޝްރާގެ އަތުގައި ހިފައްޓާލައިގެން ޒައުރާ ހުރިއިރު އޭނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ވާނީވެސް އެހެންތާއެވެ. އެއީ އޭނާއާއި އޭނާގެ ފިރިމީހާގެ ހަމަ އެކަނި ލޯބީގެ ނިޝާނެވެ. ޒަލަފްއަކީ އޭނާގެ ދެލޮލުގެ ނޫރެވެ. އެ ހިތުގެ ފިނިކަމެވެ.

ޒަލަފް ތިއޭޓަރަށް ގެންދެވުނެވެ. އޮޕަރޭޝަން ކުރެވުނެވެ. ޑޮކްޓަރު ނުކުމެ ދިނީ މާ އުފާވެރި ހަބަރެއް ނޫނެވެ. ޒަލަފްގެ ހާލަތު އަދިވެސް ވަރަށް ނާޒުކުކަމުގައި ބުންޏެވެ. އިތުރަށް ކުރޭވޭނޭ ހަމައެކަނި ކަމަކީ އޮބްޒަރވޭޝަންގައި ބޭއްވުން ކަމުގައި ބުންޏެވެ. ކޮންމެ މީހަކުވެސް ހެއްދެވި ފަރާތަށް ދުޢާ ކުރިއެވެ. ޒަލަފްއެކަމުން ސަލާމަތް ކޮށްދެއްވުން އެދިއެވެ.

*****

"ކީކުރަންތަ ދުވާލު ގަޑީގައި ވަޅި ޖެހީ... އަހަރެން ބުނިން ދޯ ރޭގަނޑު އެކަން ކުރާށޭ!" ގޭތެރޭގައި ދެކޮޅަށް ހިނގަ ހިނގާ ހުރި އަންހެން ކުއްޖާ ވާހަކަ ދެއްކީ ޒިންކު ކައިރީގައި ވަޅި ދޮންނަން ހުރި ފިރިހެންމީހާއާއެވެ. އޭނާ ހުރީ ހުސްގަޔާއެވެ. އޭރު ލައިގެން ހުރި އެއްޗެހި ކާ މޭޒުދޮށުގައި ހުރި ގޮނޑީގައި އަޅުވާލާފައި ހުއްޓެވެ.

ވަޅީގައި ހުރި ލޭތައް ސާފުކޮށް ނިމިގެން އޭނާ އެނބުރި އެ އަންހެން ކުއްޖާއަށް ބަލާލިއެވެ. އޭރު އޭނާ ގެ މޫނުމަތިން ފެންނަނީ ހިންހަމަޖެހިފައި ހުރި ކަމުގެ އަސަރުތަކެވެ.

"އަހަރެން ހިންހަމަ ޖެހިއްޖެ... އޭނަ މަރުވުން އެއީ އަހަރެން އެންމެ ކުރަން ބޭނުންވި ކަންތައް..." އެ ފިރިހެންމީހާ ބުނެލިއެވެ.

"މަ ބަލާލަން... ފުލުހުން އައިސް ގެއަށް ވަނީމަ" އަންހެން ކުއްޖާ ރުޅިއައިސް ބުނެލިއެވެ.

"އަހަރެން މިކަން މިކުރީ ކޮންމެހެން ކަލޭ ބުނީމަ އެއް ނޫނޭ... އަހަރެން މާ ކުރިންވެސް އޭނާއަށް ގެއްލުމެއް ދޭން ނިންމައިގެން ހުރީ..." އެ ފިރިހެންމީހާ ބުނެލިއެވެ.

"ކީއްވެގެންނޭ ކުއްލިއަކަށް މަ މިކޮޅަށް އައި ހަބަރު ލިބިގެން މި ގެއަށް ތިއައީ... ބިޓު ރުޅިއައީތަ؟" ފިރިހެންމީހާ އަހާލިއެވެ.

"އަދި އެއްވާހަކަ... ކީކުރަން އޭނަގަޔަށް ވަޅި ޖަހަންބުނީ؟ އަނެއްކާ އޭނަތަ ބިޓަކީ؟" ޒުވާނާވާހަކަ ދެއްކިއެވެ.

"އައްޗީޑި... އޭނަ ވާނެތަ މަގޭ ބިޓަކަށް... ދޮންބެ ވެސް ބޯ ހަމަޖެހޭ ކަހަލަ ވާހަކަ އެއް ދައްކަބަލަ" އަންހެން ކުއްޖާ ހީގަތެވެ.

"ޔަޤީންތަ މިގެއަށް ފުލުހުން ނާންނާނެކަން" އަންހެން ކުއްޖާގެ އަޑުގައި ހިސާބެއްގެ ކަންބޮޑުވުމެއް ވިއެވެ.

"އާނ..." ޒުވާނާގެ ޖަވާބު ކުރެވެ.

"މަ ހުރިހާ ކަމެއް ކުރާނީ މި ސިކުނޑިން ވިސްނައިގެން" ޒުވާނާ ފަހުރުވެރިކަމާއެކު ބުންޏެވެ.

"ބައިދަވޭ.... ޒަލަފްއާ ކޮން ހަސަދައެއްތަ ދޮންބެގެ އޮތީ؟" އަންހެން ކުއްޖާ ސުވާލުކޮށްލިއެވެ.

"ހެހެ... އެއެއް ބަލާނެކަމެއް ނެތެއްނު... ބޭނުންވި ކަންތައް ވެއްޖެއެއްނު. އަޅާނުލާ" ޒުވާނާ ހިނިގަނޑެއްޖަހާލިއެވެ. އެ އަޑުގައިވި ހަމަޖެހުމުގެ ސަބަބުން އަންހެން ކުއްޖާއަށް ވެސް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ލިބުނެވެ.

*****

ޒާނާ ފޯނުން އެފްބީއަށް ވަދެލީ ފޫހި ވާވަރުންނެވެ. އެންމެ ފުރަތަމަވެސް ހަބަރުގައި އޮތީ މާލޭގައި މީހެއްގެ ގަޔަށް ވަޅި ޖަހައިގެން އުޅޭ ހަބަރެވެ. އޭނާ އެ ހަބަރަށް މާ ޝައުގުވެރިކަމެއް ނުދީ ނިއުސްފީޑް ބަލަމުން ތިރިއަށް ސްކްރޯލް ކުރަމުން ދިޔައެވެ. ފަސްވަރަކަށް މިނިޓް ފަހެވެ. ނުދަންނަ ނަންބަރަކުން ޒާނާއަށް ގުޅިއެވެ. އޭނާ ފޯނު ނެގިއެވެ.

"ކަލޭތަ؟ ކީކުރަން މަށައް ތިގުޅީ؟" ޒާނާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ.

"އަދިވެސް ވަރަށް ލޯބިވޭ..." އެކޮޅުން ބުނެލިއެވެ.

"އަހަރެން ނުވޭ ކަލޭދެކެ ލޯތްބެއް... މިހާ ދުވަސް ވީއިރުވެސް އިންނާނެ އަންހެން ކުއްޖެއް ނުލިބިފަތަ އިރު އިރުކޮޅަކާ އަހަންނަށް އުނަގޫ ކޮށްލަ ކޮށްލާ ތި ހުންނަނީ" ޒާނާ ބުނެލިއެވެ.

"އަހަރެން އެހާ ދުވަހު ބޭރުގަ އުޅުން އިރުވެސް ތިނަން މިހިތުން ނުފޮހެވުނޭ... ދެން އެ ޒަލަފް ފަހަތުން ދުވުން ހުއްޓާލާފަ އަހަރެންގާތަށް އާދެބަލަ... އަހަރެން އަދިވެސް ޒާނާދެކެ ވަރަށް ލޯބިވޭ... މި ހުރީ ތިޔަ އިންތިޒާރުގަ" އެކޮޅުން ބުނެލިއެވެ.

"އަހަރެން ނޫޅެން ކޮންމެހެން ކަލޭ ކައިރިއަށް ދާކަށް" ޒާނާ ފޯނު ބާއްވަން އުޅުމާއެކު އެކޮޅުން އަދި މަޑުކޮށްލުމަށް އެދުނެވެ.

"އެ ޒަލަފްއަށް ވެގެން އުޅެނޭ ކީއްތޯ ބަލާލަބަލަ ހަބަރުން" އެކޮޅުން އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ. ޒާނާ ވިސްނާލިއެވެ. ޒަލަފްއަށް ކިހިނެތް ވީ ހެއްޔެވެ؟ އޭނާ ކުއްލިއަކަށް ހަނދާންވީ އޭނާއަށް އެފްބީއިން ފެނުނު ހަބަރު މަތިންނެވެ. ދެންމެ ގުޅި މީހާގެ ބަސްތަކުގައި ވި އިންޒާރުގެ އަސަރުން އޭނާއަށް ކޮންމެވެސް ނުބައެއް އުޅޭކަމުގައި ގަބޫލުކުރެވުނެވެ. އޭނާ އެ ހަބަރު ހުޅުވާލިއެވެ. އެއާއެކު ލިބުނީ ސިހުމެކެވެ.

"ޒަލަފްއަށް ހަމަލާ ދިނީ އަނެއްކާ އޭނަ...." ޒާނާއަށް އަމިއްލަ ނަފްސާ ވާހަކަ ދެކެވުނެވެ.

*****

އޮޕަރޭޝަނަށްފަހު ޒަލަފް ވިއައިޕޫ ރޫމަކަށް ބަދަުކުރެވުނެވެ. އެ ހުރިހާ އިރު ވީއިރުވެސް އާއިލާގެ އެއްވެސް މީހަކު ހޮސްޕިޓަލުން ދުރަށް ނުދެއެވެ. ހިތާމައަކަށް ފަހު ހިތާމައެކެވެ. އިޔާން ގާތުގައި ރޫމު ބޭރުގައި މަޑުކޮށްލައިގެން ހުރި އައިރީން އިޔާންގެ އަތުގައި ހިފައްޓާލިއެވެ. ކަރުނަތައް ހިފައްޓައިގެން ހިތްވަރުކޮށްގެން ހުއްޓެއް ކަމަކު ހުދު އިޔާންގެ ހިތުގައި ވެސް އަޅާނެ ވޭން އައިރީންއަށް އެނގެއެވެ. ޒަލަފްއާ އިޔާންއާއި ދެމެދު އޮތް ބޭބެއާއި ކޮއްކޮގެ ގުޅުމަކީ އޭނާހީކުރިވރަށްވުރެ ވެސް ގާތް ގުޅުމެކެވެ.

"އިޔާން" އައިރީން ގޮވާލިއެވެ. އިޔާން ބޯ ޖަހާލިއެވެ. އިތުރު އެއްޗެއް ނުބުނެ އެވެ.

"އާރ ޔޫ އޯކޭ" އައިރީން މަޑުމަޑުން އެ އަތުގައި ހިފާލިއެވެ.

"ހޫމް" އިޔާން ގެ ޖަވާބު މިފަހަރުވެސް ކުރެވެ.

"ޒެލް އޯކޭ ވާނެ... ދުޢާ ކުރޭ" އައިރީންއަށް ވެސް މާގިނަ ވާހަކަ ތަކެއް ދައްކާކަށް ނުކެރުނެވެ. އިޔާން އައިރީންއަށް ބަލާލިއެވެ. އޭނާ އެތަނުގައި ހުރި ސޯފާތަކުން ސޯފާއެއްގައި އިށީނދެލިއެވެ. އައިރީންވެސް އިށީނެވެ. އިޔާން އޭނާގެ މޫނު ފޮރުވާލިއެވެ.

"ޒެލްއަށް އެވަރު ކަމެއް ކުރާނީ ކާކު ބާއޭ މި ހިތަށް އަރަނީ؟" އިޔާންމަޑުމަޑުން ބުނެލިއެވެ.

"އިންޝާ ﷲ ވަރަށް އަވަހަށް އެމީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ" އައިރީން ބުނެލިއެވެ.

އާނ..." އިޔާން ބުނެލިއެވެ. އޭނާ ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ރަޔާ ކިހިނެތްތަ އެންޑް ޒެލް މަންމަ؟" އިޔާން އަހާލިއެވެ.

"އޯކޭ... ރަޔާ ހީކުރިވަރަށް ވުރެ ހިތްވަރު ގަދަ" އައިރީން ބުނެލިއެވެ. އެމީހުން ތިއްބާ ޒައުރާއާއި އަމްޖަދުގެ އިތުރުން ފަލަކްއާއި އާމިރު ނުކުތެވެ. އެ ހަތަރު މީހުން އައިސް އިޔާންމެންގާތު މަޑުކޮށްލިއެވެ. ޒަލަފް ހޭއަރާނެ ވަކި ވަގުތެއް ބުނަން ނޭނގޭ ކަމަށް ޑޮކްޓަރު ބުނި ކަމަށާއި ޒަލަފްގެ ހާލަތު އަދިވެސް ވަރަށް ސީރިއަސްކަމަށް އާމިރު ބުނެލިއެވެ.

"މަންމަމެން މާމަމެން ގޮވައިގެން ގެއަށް ދާންވެގެން މިދަނީ... ރަޔާމެން އެކަނި ކޮށްލާކަށް ނުވާނެ އެއްނު... އިޔާންވެސް ހިނގާ އެހަށް ދާން ގެއަށް. މިއޮށް ހުރިހާއިރު ލެއާ ތަތްތެޅިފައޮތް ގަމީހެއް ލައިގެން ތި އިނީ..." ފަލަކް ބުނެލިއެވެ.

"އައިރީން މަޑޫކޮށްލާނީ ދޯ... އިޔާން އަށް ފެންވަރާ ހަދާލައިގެން އާދެވޭނެ އެއްނު" އާމިރުވެސް ބުނެލިއެވެ.

އައިރީންވެސް ދެކޮޅެއް ނުހަދައެވެ. އޭނާ އިޔާން ގާތު ބުނީ ގެއަށް ގޮސްލުމަށެވެ. އޭނާ ރަޔާމެންގާތު މަޑުކޮށްލާނޭ ކަމުގައެވެ. އިޔާން އައިރީންއަށް ބަލާލާފައި ބޯ ޖަހާލިއެވެ. އޭނާ އެބަ އަންނަމޭ ބުނުމަށްފަހު ހިނިތުންވާން މަސައްކަތް ކުރިއެވެ. އައިރީން ހިތްވަރު ދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެންމެން ނުކުތުމާއެކު އައިރީން ވެސް ގޮސް ރަޔާމެންގެ ހަބަރެއް ބަލާލިއެވެ. އެއަށްފަހު އައިސް އަނެއްކާ މަޑުކޮށްލީ ބޭރުގައި ހުރިވެއިޓިން އޭރިއާގައި ހުރި ސޯފާގައެވެ. މާގިނަ އިރެއްނުވެ އިތުރު ދެމީހަކުވެސް އައިސް އިށީނދެލިއެވެ.

*****

އިޔާން ފެންވަރާ ހަދާލައިގެން އައި އިރު އައިރީން ފެންނާކަށް ނެތެވެ. އޭނާ ގޮސް ރޫމަށް ވަދެލިއެވެ. އޭރު އޭނާގެ އަތުގައި ދެ ކޮތަޅު އޮތެވެ. އައިރީންއަތަށް ދީފައި އެއީ ކާ އެއްޗެހި ކަމަށް ބުނެލިއެވެ. އައިރީން އެތަނުގައި ހުރި ކުޑަ މޭޒުމަތީގައި ތަށިބަރި ބެހެއްޓިއެވެ.

'އަޝްރާ ބުނީ ނުކާނެކަމުގައެވެ. ރަޔާވެސް ކާ ހިޔާލެއް ނުކުރެއެވެ.

"ކުޑަ އެތި ކޮޅެއް ކާލަންވާނެއެއްނު" އިޔާން އަޝްރާއަށް ބަލާލި އެވެ. އައިރީން ގޮސް ރަޔާގެ އަތުގައި ހިފައިގެން ގެނެއެވެ. އިޔާންއާއި އައިރީންގެ އާދޭސް ތަކާއެކު ކޮންމެވެސް ވަރަކަށް އެ ދެމީހުން ވެސް ކެއެވެ. ފުލުހުންގެ އިދާރާ އިން އިޔާންއަށް ގުޅާލީ އެވަގުތުއެވެ. ބައެއް މައުލޫމާތު ބޭނުންވާކަމަށާއި އެ މައުލޫމާތުތައް ދިނުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެދުނެވެ. އިޔާން އައިރީންގާތު މަޑުކޮށްލަށް ބުނެފައި ދިޔައީ ފުލުހުންގެ އިދާރާއަށެވެ. އެކޮޅުން އެދުނު މައުލޫމާތު ދީފައި އޭނާއެނބުރިއައެވެ. އިޔާންއާއި އައިރީންއާއި ދެމީހުން ގެއަށް ދިޔައީ ހެނދުނު އަޝްރާމެން އައުމާއެކުގައެވެ. ފެންވަރާ ހަދާލައިގެން އަންނަން ރަޔާ އެމީހުންނާއެކު ދިޔަނަމަވެސް އަޝްރާ ގެންދެވޭ ގޮތެއް ނުވިއެވެ. އެއަށްވުރެ އަޝްރާ ގެ ހާލު ބޮޑެވެ. އޭނާ އެއްގޮތަކަށް ޒަލަފް ގާތުން ދުރަށް ދާކަށް ބޭނުމެއް ނުވެއެވެ. ޒަލަފް އެންމެ ފުރަތަމަ ދެލޯ ހުޅުވާލާއިރު ޒަލަފް ގާތުގައި ހުންނަން އޭނާ ބޭނުމެވެ. އިޔާންއާއި އައިރީންއާއި ދެމީހުން ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން ސައިބުޔެވެ. އެއަށްފަހު ދެމީހުން ވެސް ގަސްތުކުރީ ނިދާލާށެވެ.

*****

އޭގެ ތިން ދުވަސް ފަހުން ޒަލަފް ހޭ އެރިއެވެ. އިޔާން އާއި އައިރީންއާއި ދެމީހުން ހޮސްޕިޓަލަށް ދިޔައީ އިރު އޮއްސުނު ފަހުންނެވެ. އޭރު ހޮސްޕިޓަލުގައި އިނީ ހަމައެކަނި ރަޔާއެވެ.

"ކޮން މަލެއް ފޮޅުވަނީ" ޒަލަފްވެސް ހަމަޖެހިފައި އޮތުމާއެކު އިޔާން ދިމާކޮށްލީ ތަނަށް ވެރިވެފައި އޮތް ސީރިއަސްކަން ފޮރުވާލުމަށެވެ.

"ޒެލް އޯކޭތަ؟" އިޔާން އަހާލިއެވެ. ޒަލަފް ބުނީ އޭނާ ރަނގަޅު ކަމުގައެވެ. އައިރީންވެސް އައިސް ރަޔާ ގާތުގައި މަޑުކޮށްލިއެވެ. ޒަލަފް ފުން ޚިޔާލަކަށް ގެއްލުނެވެ. އޭނާއަށް ހަމަލާދިން އިރު އެމީހެއްގެ މޫނު ކޮންމެވެސް ވަރަކަށް އޭނާއަށް ފެނުނެވެ. އެ މޫނު އޭނާއަށް އެނގޭ މީހަކާ ވައްތަރުވިއެވެ.

"ޒެލް ކޮން ޚިޔާލެއްގަ؟" އިޔާން އަހާލީ ދެފަހަރަކު ވާހަކަ ދެއްކުމުން ވެސް ޒަލަފް އަށް ފަހުމް ވާ ގޮތެއް ނުވުމުން ތަންކޮޅެއް ބާރަށެވެ.

"ނު... ނޫން" ޒަލަފް އަވަސް އަވަހަށް ބުނެލިއެވެ.

"ދޮންބޭ... އެ މީހާގެ މޫނު ދޮންބެ އަށް ފެންނަ ގޮތެއް ނުވިތަ؟" ޒަލަފް އަހާލިއެވެ. އިޔާން ބޯ ޖަހާލިއެވެ.

"ކިހިނެތްވީ؟"

"އަހަންނަށް ދަންނަ ވައްތަރެއް އެމޫނުން ޖަހާ" ޒަލަފް ބުނެލިއެވެ.

"ކާކު އަނެއްކާ؟" އިޔާން އަހާލިއެވެ. ޒަލަފް ބުނި ނަމަކުން އިޔާންއަށް ވެސް ދެބުމަ ހިއްލާލެވުނެވެ. އޭނާވެސް ކުޑަކޮށް ހައިރާންވިއެވެ.

"މިރޭ ފުލުހުން އަންނާނެ ސުވާލުކުރަން... ޒެލް ޖެހޭނެ ޝައްކު ވަންޏާ ބުނަން" އިޔާން ބުނެލިއެވެ. ކުޑައިރު ކޮޅަކު ވާހަކަ ދައްކައިލަން ތިބުމަށްފަހު އިޔާން ބުނީ ކާ އެއްޗެއް ގަނެގެން އެބަ އަންނަން ކަމުގައެވެ. މިއަދު އަދި ހަވީރު ސައިނުބޯތީ ކޮންމެވެސް ވަރަކަށް ބަނޑުހައިކަމުގައެވެ. ކެންޓީނަށް އިޔާން ވަތްއިރު އައިރީން މަޑުކޮށްލީ ބޭރުގައެވެ.

އޭނާ ފޯނާ ކުޅެން ހުރިއިރު ހުރިހާ ސަމާލުކަމެއް ވަނީ އެއަށް ދެވިފައެވެ.

"އައިރީން" ދާދި ގާތުން މީހަކު ގޮވާލި އަޑަށް އޭނާއަށް ބަލާލެވުނެވެ. ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން އޭނާގެ ދެލޯ ބޮޑުވިއެވެ. މަންޒަރުތައް ލޯ މަތީގައި ނިއުޅެން ނެގީ މަދު ސިކުންތު ކޮޅެކެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ވީޑިއީއިން އޭނާއަށް ފެނުނު ފިރިހެންމީހާ ހުރީ އޭނާގެ ކުރިމަތީގައެވެ. ދެފައިން ވާގި ދޫވާހެން ހީވެ ފާރުގައި އަތް ޖައްސާލެވުނެވެ. އެމީހާގެ މޫނުމަތިން ފެންނަނީ ނުލަފާ ހިނިތުންވުމެކެވެ. އައިރީން ނެ ނޭވާ އަވަސްވިއެވެ. ވަށައިގެން ދެފަރާތަށް ބަލާލެވުނެވެ. މީހާގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. މޫނުމަށްޗަށް ކުޑަކޮށް އަނދިރިވެ އަރިއަޅާލިއެވެ. ކާއެއްޗެހި ހިފައިގެން ނުކުތް އިޔާންއަށް އެ މަންޒަރު ފެނުނެވެ. އޭނާ އަވަސްއަވަހަށް ގޮސް އެ ދެމީހުންގެ ދެމެދަށް ވަނެވެ. (ނުނިމޭ)

comment ކޮމެންޓް