17،000 ސެނިޓައިޒާ ފުޅި ގަތް މީހަކަށް ބޮޑު ލަނޑެއް

17،000 ސެނިޓައިޒާ ގަތްމީހާ---

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ހޭންޑް ސެނިޓައިޒާއަށް އޮންނަ ޑިމާންޑް ބޮޑުވެ، 17،000 ސެނިޓައިޒާ ގަތް މީހަަކަށް ބޮޑު ލަނޑެއް ލިބިއްޖެ އެވެ.

އެމެރިކާގެ ޓެނެސީގެ ރައްޔިތެއް ކަމަށްވާ މެޓް ކޮލްވިން އާއި އޭނާގެ ބޭބެ އެހާ ގިނަ އަދަދެއްގެ ސެނިޓައިޒާ ގަތީ އެމެޒޯން އާއި އެހެނިހެން އީ-ކޮމާސް ސައިޓްތަކުގައި ވިއްކުމުގެ ގޮތުންނެވެ.

އޭނާވަނީ އެ ހޭންޑް ސެނިޓައިޒާތައް ގަތުމަށްޓަކައި 1300 މޭލަށް ދަތުރުކޮށް ކުދިކުދި އެކި ފިހާރަތަކުން ސެނިޓައިޒާ ފުޅިތައް ގަނެފަ އެވެ.

އެ ސެނިޓައިޒާތައް އޭނާ ވިއްކާފައިވަނީ އަށް ޑޮލަރާއި 70 ޑޮލަރާއި ދެމެދުގެ އަގުތަކެއްގަ އެވެ. މިއީ އެ ފުޅިތައް ގަތް އަގަށްވުރެ ހަ ގުނަ ބޮޑު އަދަދެކެވެ.

ނަމަވެސް އެ ފުޅިތައް މާގިނައިން ވިއްކަން ފެށުމުން އެމެޒޯއިން ވަނީ މެޓްގެ އެކައުންޓް ސަސްޕެންޑްކޮށްފަ އެވެ. އޭގެ ފަހުން އީބޭއިންވެސް ވަނީ އޭނާގެ އެކައުންޓް ސަސްޕެންޑްކޮށްފަ އެވެ.

އެހެންކަމުން އެތަކެތި ވިއްކާނެގޮތެއް ނެތިގެން ދެބެއިން ފަހުން ވަނީ ތިން ބައިކުޅަ ދެ ބައި ހޭންޑް ސެނިޓައިޒާ ފުޅިތައް އެމީހުން ދިރިއުޅޭ ސަރަހައްދުގެ ޗާޗަކަށް ހަދިޔާކޮށްފަ އެވެ. ބާކީ ފުޅިތައް މިހާރު ވަނީ، ޓެނެސީގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ސެނެޓައިޒާތައް ވިއްކަން އުޅުމުން ދެބެއިންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފަ އެވެ. އެ ދެބެއިން ބުނީ އެމީހުންނަށް މަރުގެ އިންޒާރުވެސް ލިބުނު ކަމަށެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ހޭންޑް ސެނިޓައިޒާ އާއި މާސްކުފަދަ ތަކެތި އަގުބޮޑުކޮށް ވިއްކާ މައްސަލަ ވަނީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވަރަށް ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން އެމެޒޯއިން ވަނީ، އެފަދަ ތަކެތި ތާޑް ޕާޓީތަކަށް ނުވިއްކޭގޮަތަށް ވެސް ދާދި ފަހުން ހަދައިފަ އެވެ.

comment ކޮމެންޓް