އޮންލައިންކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅޭ ގޮތް ހަދައިފި

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް، މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށަހެޅޭ ގޮތް އެ ސާވިސްއިން ހަމަޖައްސައިދީފިއެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު، އެ ވައިރަސް ފެތުރިޔަ ނުދިނުމަށް އިޖުތިމާއީ ގައިދުރުކަމަށް އަމަލުކޮށް، ދައުލަތުގެ މުއައްސަސާތަކާއި އާންމު ކުންފުނިތަކުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފައެވެ.

އެގޮތުން، އޮންލައިންކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅޭނެ ގޮތްވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ އޮންލައިންކޮށް މައްސަލަ ހުށަހެޅޭ ޕޯޓަލްއެއް ތައާރަފުކޮށްފައެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެ ޕޯޓަލްއަކީ އިމަޖެންސީ ނޫން ހާލަތްތަކުގައި މައްސަލަ ހުށަހެޅުމަށް ތައާރަފުކުރި ޕޯޓަލެކެވެ.

އެ ޕޯޓަލްގެ ފުރަތަމަ ޕޭޖުގައި ބުނެފައި ވަނީ އެ ޕޯޓަލްއަކީ އިމަޖެންސީ ނޫން ހާލަތްތަކަށް ހާއްސަ ޕޯޓަލެއް ކަމުން ޕޯޓަލަށް ހުށަހަޅާ މައްސަލަތަކަށް ވަގުތުން ވަގުތަށް ޖަވާބެއް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އިމަޖެންސީ ހާލަތްތަކުގައި 119އަށް ގުޅަން އެ ޕޭޖުގައި އެދިފައިވެއެވެ.

އަދި ޕޯޓަލް މެދުވެރިކޮށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ޕްރޮސެސްވިކަމުގެ މެސެޖެއް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

ކޮރޯނާވައިރަހާ ގުޅިގެން މިހާރު ގިނަ މުއްސަސާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ އޮންލައިންކޮށް ލިޔެކިޔުން ބަލައިގަނެވޭނެ ގޮތާއި، ބިލުތައް ދެއްކޭނެ ގޮތް ހަމަޖައްސަމުންނެވެ.

comment ކޮމެންޓް