ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަ ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ޕީޕީއެމުން ގޮވާލައިފި

އިދިކޮޅު ޕީޕީއެމުން ބޭއްވި ރެލީއެއްގެ ތެރެއިން: ވިޔަފާރިތައް ސަލާމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެޕާޓީން ވަނީ ގޮވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ޕީޕީއެމުން ގޮވާލައިފި އެވެ.

މުޅިދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދުގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ވެސް ވަނީ 'އަޑިއަޅާލައިފަ' އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ހިމެނޭ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިޤްތިސާދަށް ދިމާވަމުންދާ ގެއްލުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުން ދާ ނެދެވޭ އަސަރުތައް ދެނެގަނެ ވިޔަފާރިތަކަށް އެހީވުމުގެ އަވަސް ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުމަށް އެ ކޯލިޝަންގެ ފަރާތުން މީގެ ކުރިންވެސް ގޮވަލާފައިވާނެ ކަން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންނަމަވެސް ކަންކަން ރަނގަޅު ކުރުމުގައި އިޚްލާސްތެރި މަސައްކަތްތަކެއް ކުރަމުން ދާތަން ނުފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެން ދާނެ ކަމެއްކަމުގައި އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ވިޔަފާރިތައް ހިމާޔަތް ކުރުމަކީ ރާއްޖޭގެ އިޤްތިޞާދާއި ޢާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، ސަރުކާރުގެ ފަރާތުން ވިޔަފާރިތަކަށް އެހީތެރިވުމަށް ހަމަޖެއްސި 2.5 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ އެއްވެސް ތަފްސީލެއް ދީފައިނުވާ ކަމަށެވެ.

އެފައިސާއާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވުމަކީ އޭގައި އެތައް ސުވާލެއް އުފެދިގެން ދާކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

"އަދި އެ 2.5 ބިލިއަން ރުފިޔާގެ ޕްރޮގްރާމަކީ މިވަގުތުގެ ހާލަތަށް އެންމެ އެކަށީގެންވާ ޕްރޮގްރާމެއްކަން ނުވަތަ ނޫންކަންވެސް ސާފެއް ނޫނެވެ. އަދި އެ ފައިސާ ދައުލަތުން ހޯދުމުގައި ޢަމަލުކުރާނީ ކިހިނެއްކަން ހާމަ ކުރައްވާފައެއް ނުވެއެވެ،" ޕީޕީއެމް ކޯލިޝަނުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ކަންކަން ރައްޔިތުންނަށް ސާފުކޮށްދެއްވައި އެކަމުގެ އަމަލީ ފިޔަވަޅުތައް އަވަސް ކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ކުޑަ ކުރެވޭނެ އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ.

މިވަގުތު ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އަވަސް ފިޔަވަޅުތަކެއް ސަރުކާރުން ނާޅައިފިނަމަ، ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުން ގެ އާންމު ދިރިއުޅުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ކުރިމަތިވެގެން ދާނެކަން ސާފުކޮށް ފެންނާތީ އެކަމުގައި އަވަސް ވުމަށް ވެސް ޕީޕީއެމް އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

comment ކޮމެންޓް