މިވަގުތަށް ޓޫރިސްޓުން ގެނައުން މަނާކުރަން ސަރުކާރުން ވިސްނަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިސްޓުންތަކެއް: އެއާޕޯޓްވަނީ ފަޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ދަށުން މިވަގުތަށް ރާއްޖެއަށް ޓޫރިސްޓުން ގެނައުން މަނާކުރަން ސަރުކާރުން ވިސްނަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، އެ ފިޔަވަޅު އެޅުމުގެ ކުރިން ސަރުކާރުން މިއަދު ވަނީ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ އެކު، މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

"ސަން"އާ މައުލޫމާތު ހިއްސާކުރި ޓޫރިޒަމް ދާއިރާގެ ވިޔަފާރި ވެރިއަކު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުން ވަނީ، މިހާރު ރާއްޖެ އަންނަން ޓޫރިސްޓުން ވަރަށް ބޮޑަށް މަދުވެފައި ވާތީ މިވަގުތަށް ޓޫރިސްޓުން ގެނައުން މަނާކޮށް، މި ހާލަތުން އަރައިގަންނަން ކަމަށް ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު އެ ބައްދަލުވުމުގައި ދެންނެވި ކަމަށެވެ. އަދި އެކަމާ އެބޭފުޅުން އިއުތިރާޒް ނުކުރާ ކަމަށް ދަންނަވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ އޮފިޝަލެއްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި، ކޮރޯނާވައިރަސް ޓާސްކްފޯސްއާ އެކު ރައީސް މިރޭ ބާއްވަވާ ބައްދަލުވުމުގައި އެކަމާ މެދު ސަރުކާރުން ގޮތެއް ނިންމާނެ އެވެ.

މިހާރު ރާއްޖެއަށް އަންނަނީ ދުވާލެއްގެ މައްޗަށް 200 އެއްހާ ޓޫރިސްޓުންނެވެ. އަދި ބުކިންސްތައް ނެތުމާ ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓްތައް އަންނަނީ ބަންދުކުރަމުންނެވެ.

މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ޗައިނާ، އިޓަލީ، އިނގިރޭސި ވިލާތް، ސްޕެއިން އަދި ފްރާންސްގެ ސަރަހައްދަކާއި ޖަރުމަންގެ ދެ ސަރަހައްދަކުން ޓޫރިސްޓުން އައުން ވަނީ ވަގުތީ ގޮތުން މިހާރު މަނާކޮށްފަ އެވެ.

comment ކޮމެންޓް