ލޮކްޑައުންގައި ގޭތެރޭގައި އަމަލުކުރާނެ ގޮތް ކިޔައިދޭ ލީފްލެޓެއް އެކުލަވާލައިފި

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހާ ގުޅިގެން ލޮކްޑައުންގެ ހާލަތުގައި ހުރި ގެއެއްގެ ތެރޭގައި އަމަލު ކުރާނެ ގޮތް ކިޔައިދޭ ލީފްލެޓެއް އެކުލަވާލައިފިއެވެ.

މާލެ ލޮކްޑައުންގެ ހާލަތަކަށް ގެނެސްފިނަމަ އަމަލުކުރާނެ ގޮތް ކިޔައިދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ލޮކްޑައުންގައި ހުރި ގެއެއްގެ ތެރޭގައި އަމަލު ކުރާނެ ގޮތް ކިޔައިދޭ ލީފްލެޓެއް އެޗްޕީއޭއިން އެކުލަވާލާފައިވާ ކަމަށެވެ.

"މިސާލަކަށް އެޕާޓްމެންޓެއްގެ ތެރޭގައި ތާށިވެއްޖެއްޔާ، ތާއްޓޭ އަޅުގަނޑު މި ދެންނެވީ ބަލިވެ މަޑުކުރަން ޖެހިއްޖެކަމުގައި ވިޔަސް މުޅި އާއިލާ އެކުގައި ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ، އެހުރިހާ މައުލޫމުތަކެއްވެސް ލީފްލެޓެއްގެ ސިފައިގައި އެޗްޕީއޭގެ ފަރާތުން މިވަނީ ތައްޔާރުކޮށްފައި،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވި ގޮތުގައި، ގޭގައި އައިސޮލޭޝަންގައި ނުވަތަ ކަރަންޓީނުގައި ހުންނަ އިރު އަމަލު ކުރަންވީ ގޮތުގެ ހުރިހާ މައުލޫމާތެއް އެ ލީފްލެޓުން ލިބޭނެއެވެ. އެ ލީފްލެޓު އެޗްޕީއޭއިން އާންމު ކުރާނެއެވެ.

https://sun.mv/133687

"ޖުމްލަ ގޮތެއްގައި ކޮންމެ ބޭފުޅަކަށްވެސް ބޭނުންވާނެ ހުރިހާ މައުލޫމާތާ އެކީގައި މި ފޮތް ތައްޔާރުކުރެވިފައި ވަނީ،" ޝިފާ ވިދާޅުވިއެވެ.

އެ ގޮތުން އެ ލީފްލެޓުގައި އެޕާޓްމެންޓުތައް ސާފުކުރާނެ ގޮތާއި، ގޭސް ގުޅުމުގައި ދަތިވެއްޖެނަމަ ކަންކުރާނެ ގޮތާއި، ކާބޯތަކެތި ހޯދާނެ ގޮތާއި، ކައްކާނެ ގޮތާއި، ނިދުމުގައި އަމަލުކުރާނެ ގޮތާއި ކޮރޯނާވައިރަސްއާ ގުޅޭ އާންމު މައުލޫމާތު ހިމެނޭކަމަށް ޝިފާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ ހުރިހާ އެންމެންވެސް މިއަށް ރައްޓެހިވެ، ފެމެލިއަރައިޒްވުން،" ޝިފާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވީ 13 ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮރޯނާގެ ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ މިހާރު ވަނީ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައެވެ. އެހެންނަމަވެސް، ސަރުކާރުން ދަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ޝައްކު ކުރެވޭ ފަރާތްތަކުގެ ޓެސްޓުތައް ހަދައި ކޮންޓެކްޓު ޓްރޭސް ކުރަމުންނެވެ.

comment ކޮމެންޓް