ދިރާގު ޕޭގެ މާޗަންޓް ޓްރާންސެކްޝަން ފީ ތިން މަހަށް ކަނޑާލައިފި

ދިރާގު ހެޑް އޮފީސް--- ސަން ފޮޓޯ

ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭގެ މާޗަންޓް ޓްރާންސެކްޝަން ފީ ކުރިއަށް އޮތް ތިން މަސް ދުވަހު ނުނަގާ ގޮތަށް އެކުންފުނިން ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ މިއީ ގިނަ ވިޔަފާރިތަކަށް ދިރާގު ޕޭ ގާއިމުކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ދުވަސްވަރު ލުޔެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ދިރާގު ޕޭގެ ހިދުމަތް ބޭނުންކުރަމުންދާ ވިޔަފާރިތަކުގެ އިތުރުން އަލަށް މި ހިދުމަތާ ގުޅޭ ވިޔުަފާރިތަކުން ވެސް ތިން މަސްދުވަހުގެ މުއްދަތަކަށް މާޗަންޓް ޓްރާންސެކްޝަން ފީ ދައްކަން ނުޖެހޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއެކު ހިދުމަތްތަކަށާއި މުދަލަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ ބޭނުން އިތުރަށް ބޮޑުވެފައިވުމާއެކު މި ހިދުމަތާ އަލަށް ގުޅޭ ވިޔަފާރިތައް އިތުރުވަމުންދާ ކަމަށެވެ.

ސަބަބަކީ ނަގުދު ފައިސާއާއި ކޭޝް ކާޑު ފަދަ ތަކެއްޗަކީ އެތައް ބައެއްގެ އަތްމަތިން ދައުރުވާ ތަކެއްޗަށް ވުމެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ސްމާޓްފޯނަކުންވެސް މުދަލާއި ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާކޮށް، ފައިސާ ޖަމާވެސް ކުރެވޭނެ އެވެ.

މި ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260އަށް ވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ޑިލިވަރީގެ ހިދުމަތްދޭ ކެފޭ ރެސްޓުރަންޓްތަކާއި ކުދި ފިހާރަތަކާއި ސެލޫންތަކުގެ އިތުރުން ހޮސްޕިޓަލްތައްވެސް ހިމެނެއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފައިސާ ދެއްކުމަށްޓަކައި ދިރާގުގެ މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ގޮތްތައް ބޭނުންކުރުމަށް އެކުންފުނިން ދަނީ ބާރުއަޅަމުންނެވެ.

ދިރާގު މައި އެކައުންޓް އަދި ދިރާގު މޮބައިލް އެޕްލިކޭޝަންގެ އިތުރުން ދިރާގު ޕޭ މެދުވެރިކޮށްވެސް އެ ކުންފުނީގެ ހިދުމަތްތަކަށް ފައިސާ ދައްކާލެވޭނެއެވެ.

ދިރާގު ޕޭއާއި ދިރާގު ވެބްސައިޓުން ބޭންކް ޓްރާންސްފާ މެދުވެރިކޮށް ދިރާގު ޕޭގެ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކޮށްލެވޭނެއެވެ.

ކޮރޯނާވައިރަހުގެ ނުރައްކާ އޮތް މި ދުވަސްވަރު ދިރާގުން ދޭ ބައެއް ހިދުމަތްތަކުން ބޮޑެތި ޑިސްކައުންޓާއި ހިލޭ ޑޭޓާ ލިބޭނެ މަގުވެސް ވަނީ ފަހިކޮށްފައެވެ.

comment ކޮމެންޓް