ކޮވިޑް19އާއި ގުޅިގެން ފެނަކައިގެ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ނުގެންނަ ކަމަށް އެކުންފުނިން ބުނެފި އެވެ.
ފެނަކައިން އެކުންފުނީގެ ހުރިހާ ބްރާންޗުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ މުސާރަ ނުހިނގާ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ.
އެ ސާކިއުލާ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، ގިނަ ބަޔަކު އަންނަނީ ފެނަކައަށް ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "ސަން" އަށް ވިދާޅުވީ، ކޮވިޑް19 އާ ގުޅިގެން އެފަދަ އެއްވެސް ފިޔަވަޅެއް އަޅަން އެކުންފުނިން ނިންމާފައި ނުވާކަމަށެވެ.
އަދި މި ދަތި ދަނޑިވަޅުގައި އެއްވެސް މުވައްޒަފެއްގެ މުސާރައާ އިނާޔަތްތައް އުނި ނުކުރާނެ ކަމަށާއި، ފެނަކައިގެ ހިދުމަތްތަކަށް ވެސް އަސަރުކުރާނެ ފަދަ ކަމެއް ނުކުރާނެ ކަމަށެވެ.
"ކޮވިޑް19 އާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރައެއް ނުވަތަ އެހެންވެސް އެލަވެންސަކަށް އުނި އިތުރެއް ނުގެންނާނެ. އަދި ހިދުމަތްތައް ހޯދުމުގައި ވެސް ދަތިކަމެއް ނާންނާނެ،" ސައީދު ވިދާޅުވިއެވެ.
އެހެން ނަމަވެސް ކޮވިޑް19އާ ގުޅިގެން އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން މުސާރަ ނުހިނގާ ގޮތަށް ޗުއްޓީއަށް (ނޯ ޕޭ ލީވް) ދިއުމަށް އެދެމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.
މިގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން ނޯ ޕޭ ލީވްއަށް އެދެމުންދިޔަ ނަމަވެސް އެގޮތަށް ޗުއްޓީ ހަމަޖައްސައިދެނީ ކުންފުނީގެ ހިދުމަތްތަކަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ހަމައެއާއެކު ނޯ ޕޭ ލީވް ހަމަޖައްސައިދެނީ އެކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓަށް އެކަމަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށް ވެސް ފެނަކައިން ބުނެ އެވެ.
ކޮވިޑް19އާ ގުޅިގެން ފެނަކައިން މީގެ ކުރިން އެކުންފުނީގެ މުވައްޒަފުންނަށް ލުއިގޮތްތަކެއް ވަނީ ފަހިކޮށްދީފަ އެވެ.
އެގޮތުން އެ ބަލިން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުން އެކުންފުނީގައި މަސައްކަތްކުރާ މާބަނޑު މީހުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ ގޮތް އެކުންފުނިން ވަނީ ހަމަޖައްސައިދީފަ އެވެ.