މިއީ އެންމެ ބޮޑު ހިއުމެނިޓޭރިއަން އޮޕަރޭޝަން: އެމްއެންޑީއެފް

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުންނާއި އިތުރު އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހިއުމެނިޓޭރިއަން އޮޕަރޭޝަންކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ކޮރޯނާއާ ގުޅިގެން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެ އޮޕަރޭޝަންގައި ރާއްޖޭގެ ވަރަށް ގިނަ އޭޖެންސީތައް އެކުގައި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"މީގައި އެންމެ ބޮޑު އެއް ފޯކަސް އެއް އޮތް އޭރިއާ އަކީ ޓެކްޓިކަލް ލެވެލް، ފަސްޓް ރެސްޕޮންޑާސް ނުވަތަ އާރުއާރުޓީ ޓީމްތައް ގޮސް މީހުން ތަންތަނަށް ޓްރާންސްފާ ކުރުން،" އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން އޭޖެންސީތައް ގުޅިގެން ސްޓްރެޓެޖީތައް ހެދުމާއި އެނޫންވެސް މަސައްކަތްތައް އެއްކޮށް ގުޅިގެން ކުރުމަކީ އެ އޮޕަރޭޝަން ރާއްޖޭގެ ތާރީހުގައި ބޮޑު އޮޕަރޭޝަނަކަށް ވާ ސަބަބުކަމަށް ޝަމާލް ވިދާޅުވިއެވެ.

މާޗް 24، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އޮޕަރޭޝަންގެ ލޮޖިސްޓިކްސްގެ އެންމެ ބޮޑު ބައެއް އޮތީ އެމްއެންޑީއެފްއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއާއި ހެލްތު މިނިސްޓްރީ އާދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ފުލުހުންގެ އިތުރުން ޑޮކްޓަރުންގެ ޓެކްނިކަލް ޓީމުވެސް އެ މަސައްކަތުގައި އިސްކޮށް އުޅޭކަމަށް ޝަމާލް ވިދާޅުވިއެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެމްއެންޑީއެފް އިން އަންނަނީ ގިނަ އޭޖެންސީތަކާ ގުޅިގެން ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، މާލެ ސިޓީ ކައުންސިލާ ގުޅިގެން، މާލޭގެ މަގުތައް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް ވަނީ އިއްޔެ އެމްއެންޑީއެފްއިން ފަށާފައެވެ.

comment ކޮމެންޓް