އައިޖީއެމްއެޗް އަށް ދާ ބަލިމީހުންގެ ހުން ބެލުމާއި، އެމީހުންގެ ޓްރެވަލް ހިސްޓްރީއާ ގުޅޭ މައުލޫމާތު ހޯދަން ސުވާލު ކުރާނެ ކަމަށާއި، އެ ސުވާލުތަކަށް ތެދު ޖަވާބު ދިނުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.
ކޮރޯނާވައިރަސް، ކޮވިޑް-19 ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އައިޖީއެމްއެޗް އަށް ވަދެ ނިކުތުމަށް ބޭނުންކުރާ ދޮރުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން މިހާރު އައިޖީއެމްއެޗަށް ވަދެވޭނީ ތިން ގޮތަކަށެވެ. ބޮޑުތަކުރުފާނު މަގުގައި ހުންނަ ދޮރާއްޓާައި، ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ ދޮރާށި، އަދި ދަރުމަވަންތައަށް ވަންނަ ދޮރެވެ.
ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވަނީ އެ ބަދަލުތަކުގެ ތަފްސީލް ހާމަކުރައްވައިފައެވެ.
ޑރ. މުރާދު ވިދާޅުވީ މިހާރު ވޯޑުތަކަށް ދާން ހޮސްޕިޓަލު ތެރެއިން ހުރަސް ނުކުރެވޭނެ ކަމަށާއި، ވޯޑުތަކަށް ދާން ބޭނުންކުރަން ޖެހޭނީ ކެންޓީނާ ދިމާލުގައި އިންނަ ދޮރު ކަަމަށެވެ.
އަދި މިހާރު އައިޖީއެމްއެޗް އަށް މީހުން ވަނުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި ބަލި މީހުން ވަންނަ އިރު ހުން ބަލައި، ޓްރެވަލް ހިސްޓްރީއާ ގުޅޭގޮތުންް ސުވާލުކުރަން ދިރު ކައިރީގައި ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ.
"އެގޮތަށް ވަންނަވާ އިރުގައި ސުވާލު ކުރެވޭނޭ. އެ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދެއްވާށޭ. އެތަނުގައި ތިއްބަވާ ބޭފުޅުންނަށް އެއްބާރުލުން ދެއްވާށޭ،" ޑރ. މުރާދު އިލްތިމާސް ކުރެއްވިއެވެ.
ޑޮކްޓަރު ވިދާޅުވީ އެއްފަހަރާ ގިނަ ބަޔަކު ހޮސްޕިޓަލަށް ވަންނަން ދާއިރު، ސުވާލުކޮށް، ވަކި ކުރަންޖެހޭ މީހަކު ހުރިނަމަ އެކަން ކުރަން ވަގުތުކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އެކަމަކުވެސް ކެތްތެރިކަމާއެކު އެބޭފުޅުންނަށް އެއްބާރުލުން ދީގެން މަސައްކަތް ކޮށްދެއްވާށޭ،" ޑޮކްޓަރު ވިދާޅުވިއެވެ.
"ޓެސްޓު ހެދުން މަޖުބޫރު ނޫންނަމަ މަޑުކޮށްލުމަކުން ގެއްލުމެއް ނެތް"
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދާން ހުރިހާ ހޮސްޕިޓަލްތަކުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހޮސްޕިޓަލްތަކުން ވަނީ ބަލިމީހުންނަށް ގޮވާލަން ދާން ބޭނުން ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ވަގުތު ވެސް ހުއްޓާލައިފައެވެ.
އެހެން ނަމަވެސް ދާއިިމީ ބަލިތަކަކށް ބޭސް ކާންޖެހޭ ބައެއް ފަރާތްތަކުން، އެމީހުންގެ ޓެސްޓުތައް ހަދަން ހޮސްޕިޓަލަށް ދާންޖެހޭ ކަމަށް ބުނެ ޝަކުވާ ކުރަމުން އަންނަ ކަމަށް ޑޮކްޓަރު މުރާދު މިއަދު ފާހަގަ ކުރެއްވިއެވެ.
ޑރ. މުރާދު ވިދާޅުވީ ގިނައިން ދިގު މުއްދަތަކަށް ބޭސްކަނީ އެތެރެހަށީގެ މައްސަލަތައް ހުންނަ ފަރާތްތައް ކަމަށެވެ. އޭގެ ތެރޭގައި ލޭ މައްޗަށް ދިއުމާ، ހަކުރު ބަލި އަދި ކޮލެސްޓްރޯލްގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ.
"މިފަދަ ބަލިތަކުގެ ބޭފުޅުން ހަގީގަތުގައި، އެބޭފުޅުން އެންމެ ފަހުން ޓެސްޓު ހެއްދެވި އިރު އެ އެއްޗެހި ރަނގަޅު ކޮންޓްރޯލެއްގައި ހުރި ކަމަށް ވަންޏާމު ކޮންމެހެން މަޖުބޫރެއް ނެތް ހަމަ ތިން މަސް ވާއިރަކަށް ނުވަތަ މުއްދަތު ހަމަވާއިރަށް ޓެސްޓު ހެދުން،" އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ އެންމެ ފަހުން ހެދި ޓެސްޓުތައް ގޯސް ނޫންނަމަ، މަހެއްހާ ދުވަހު މަޑުކޮށްލުމަކީ މައްސަލައެއް ނޫން ކަމަށާއި، ކޮންމެހެން ޓެސްޓު ހެދުން މަޖުބޫރު ނޫން ކަމަށެވެ. އެހެން ނަމަވެސް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭސް ބޭނުންކުރަމުން ދިއުމަށް ޑރ. މުރާދު އިރުޝާދު ދެއްވިއެވެ.
"އެކަމަކު ވަރަށް ބޮޑަށް ކަންތައްތައް ގޯސްކޮށް ހުރި ބޭފުޅަކު ވެއްޖެއްޔާ އަޅުގަނޑުވެސް ލަފާދޭނަމޭ މިވަގުތު ކޮންމެސް ގޮތަކުން ބަލާލަން. އެހެން ނަމަވެސް ކޮންޓްރޯލް ވެފަ ހުންނަ ބޭފުޅުންނަށް މަޑުކޮށްލެވިދާނޭ ޓެސްޓު ނުހަދާ،" ޑޮކްޓަރު ވިދާޅުވިއެވެ.