މަސްދަޅުގެ ސްޓޮކް އެބަހުރި، ދަތިނުވެ ލިބޭނެ: މިފްކޯ

މީހަކު މަސްކޭސްތަކެއް ގަނެގެން ދަނީ -- ސަން ފޮޓޯ

މިފްކޯގެ ދަޅު މަހުގެ ސްޓޮކް އެބަހުރި ކަމަށާއި ކަސްޓަމަރުންނަށް އެއްވެސް ދައްޗެއް ނެތި މަސްދަޅު ގަންނަން ލިބޭނެކަމަށް ގައުމީ މަސްކުންފުނި، މިފްކޯ އިން ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެޓަރު އިސްމާއިލް ފައުޒީ މިއަދު "ސަން" އަށް ވިދާޅުވީ އެ ކުންފުނީގެ ރޯދަ ސޭލް މިއަހަރު ތަންކޮޅެއް ކުރިން ފެށި ކަމަށާއި ދަޅުމަހުގެ އަގު ހެޔޮކުރުމާއެކު ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ.

"ސޭލް މިމަހުގެ އެކެެއްގައި ފަށައިފިން. އަގު ވަރަށް ބޮޑަށް ކުޑަ ކުރިން. އަގަށް ބެލި ނަމަވެސް ބޮޑު ޑިމާންޑެއް އެބައޮތް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ ހަފްތާގެ ތެރޭގައި މަސްދަޅު ކޭސް ވިކުނު މިންވަރު އިތުރު ކަމަށާއި ކަސްޓަމަރުން ކިޔުގައި ޖެހިގެންވެސް މަސް ކޭސް ގަތް ކަމަށެވެ. ނަމަވެސް މިހާރު އެކަހަލަ ކަމެއް ނެތްކަން ފާހަގަ ކުރައްވާ މިފްކޯގެ އެމްޑީ ވިދާޅުވީ އެކަހަލަ ބޮޑު ޑިމާންޑެއް އަނެއްކާވެސް އުފެދިއްޖެނަމަ ސޯޝަލް ޑިސްޓެންސިންއާ އެކު މަސްދަޅު ދޫކުރާނެ އިންތިޒާމުވެސް ހަމަޖައްސާފައި ވާނެ ކަމަށެވެ.

"ސީދާ މި ޑިމާންޑާ ކޮވިޑް އާ ގުޅުވަން ދަތި. އެކަމަކު ބައެއް ކަސްޓަމަރުން ޕެނިކް ބައިއިންގެ ތެރެއިން މަސްދަޅު ގަތް. އެކަމަކު އެކަހަލަ ކަމެއް އަލުން އަޔަސް ސްޓޮކަށް ދަތި ނުވާނެ ވަރަށް އަޅުގަނޑުމެންގެ ސްޓޮކް އެބަހުރި،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި މިފްކޯގެ ހުރިހާ ފިހާރައަކުންވެސް އެކުންފުނީގެ މަސްދަޅާއި މަހާއި މަހުގެ ބާވަތްތައް ލިބޭނެ ކަމަށެވެ. މަސްދަޅު އުފެއްދުމަށް އެއްވެސް ދައްޗެއް ނެތްކަން ފާހަގަ ކުރައްވާ އިސްމާއިލް ވިދާޅުވީ މަސްދަޅު އުފައްދަން ބޭނުންވާ ސާމާނުގެ ސްޓޮކްވެސް އެބަހުރި ކަމަށެވެ.

"ކުރިއަށް އޮތް ދެތިން މަހަސް ވާވަރަށްވެސް އެބަހުރި. ފެލިވަރުގައިވެސް ސްޓޮކް އެބަހުރި. ޕެނިކް ވެގެން ގަތަސް ކަސްޓަމަރުންގެ ޑިމާންޑަށް ކޭޓަ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ އަތުން މަސް ގަތުމުގައިވެސް ދައްޗެއް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިފްކޯގެ އެމްޑީ ވިދާޅުވީ "ފަސްމީރު މިވަރެއް ނެތް"ގެ ނަމުގައިމަސްދަޅު ކޭސް ޑެލިވާ ކުރުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

ފަސްމީރު މިވަރެއް ނެތް ޕްރޮމޯޝަންގެ ދަށުން ތެޔޮ މަސް ދަޅު ކޭހެއް ވިއްކަނީ 640ރ. އަށެވެ. އަދި ފެން މަސް ދަޅު ކޭސް ވިއްކަނީ 595ރ. އަށެވެ.

comment ކޮމެންޓް