ސިނގިރޭޓެއް ގަންނަން ފަތާފައި ދިޔަ ރިސޯޓު މުވައްޒަފަކު މޫދުން ހައްޔަރުކޮށްފި

ވިލާ ގުރޫޕުގެ ފަން އައިލެންޑް ރިސޯޓު ---

ފަން އައިލެންޑު ރިސޯޓުން ފަތާފައި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓަށް އަރަން އުޅުން މީހަކު ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކްގެ ހެލްތުގެ އެންގުމާ ހިލާފަށް ފަން އައިލެންޑުގައި އެކަހެރިކޮށްފައި ހުރި މީހަކު ފަތާފައި އޮޅުވެލި ރިސޯޓަށް ގޮސްފައިވާ ކަމަށް ބުނެ ރޭ 22:37ގައި ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގެ މޫދުގައި އޮއްވާ، އޭނާ ހުއްޓުވުމަށް ފަހު އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް އިތުރަށް ބެލި ބެލުމުން، އޭނާއަކީ ފަން އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފެއްކަން އެނގިފައިވާ ކަމަށާއި އޭނާ އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔައީ ސިނގިރޭޓެއް ގަންނަން ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު މާފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދުގެ މުއްދަތު ދީފައި ވަނީ އޭނާގެ ޣައިިރު ހާޒިރުގަ އެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އާންމުންނަށް ވަކި ގޮތްތަކަށް އަމަލު ކުރުމަށް އެންގުމުގެ ގާނޫނީ ބާރު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށް ލިބިގެންވެ އެވެ.

ގާނޫނުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިމަހުގެ 18 ވަނަ ދުވަހު ރިސޯޓުތަކަށް މީހުން އެެެރުމާއި ރިސޯޓުތަކުން މީހުން ފޭބުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް އަމަލު ކުރާ މީހުން ވެސް ފުލުހުން ދަނީ ހައްޔަރުކުރަމުންނެވެ.

އެގޮތުން މިހާތަނަށް އެންގުމާ ހިލާފުވެގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް