އިންތިހާއަށް ލޯބިވީމޭ... - 13

ޔަޝްފާ ޙުސައިންގެ އިންތިހާއަށް ލޯބިވީމޭ.... -

"ގުޑް މޯނިންގް ޕެރޮޓް..." ފަހަތުން ވިކްޔަންގެ އަޑު އިވުމުން ޒެންހާ ސިހުނެވެ.

********

އޮފީސް ތެރެއަށް ވަދެގެން ދިޔަ އީމާގެ ފިޔަވަޅުތައް ހުއްޓުނީ، މީހަކު އެއްޗެކޭ ބުނިހެން ހީވުމުންނެވެ. އޭނަ ފަސްއެނބުރި ބަލައިލިއިރު، ކައިނާން ހުރީ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލައިގެންނެވެ. އީމާގެ މޫނުމަތިން ފެނުނީ ފޫހި ކަމެވެ. އޭނަ އުޅުނީ އަވަހަށް އެތަނުން ދާށެވެ.

"ގުޑް މޯނިންގް އޭ ބުނީމަ ވެސް އަނގައިން ނުބުނެ ދަނީތަ؟..." ކައިނާން ގޮސް އީމާ އާއި އަރާ ހަމަކުރަމުން ބުންޏެވެ.

"މޯނިންގް..." އީމާގެ އަޑުގައި ވީ ފޫހި ކަމެވެ.

"މިއަދު މީ އަހަރެންގެ އުފަން ދުވަހޭ... ވިޝް އެއްވެސް ނުކުރާނަންތަ؟..." ކައިނާން ދެރަވެލާފައި ބުންޏެވެ.

"އޯކޭ... ރަށަށް ގޮސް، މިރޭ ކޮފީއަކަށް ދެވިދާނެތަ؟... ޕްލީޒް..." އީމާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ކައިނާން އެވެ.

ކައިނާންގެ ކިބައިން ސަލާމަތް ނުވާނެކަން އެނގޭތީ އީމާ ބޯޖަހާލި އެވެ. އެއީ ހަމައެކަނި ކައިނާންގެ ކިބައިން ސަލާމަތްވުމަށް އޭނަ ކުރި ކަމެކެވެ. ފަހަރެއްގައި ވެސް އެކުގައި ކޮފީއަށް ދާން އެއްބަސްވުމުގެ ގޮތަކުން ނޫނެވެ.

"ޔެސް..." އީމާ ގޮސް ރިސޯޓުގެ އޮފީސް ބަޔަށް ވަނުމުން ކައިނާން ކުޑަކޮށް ފުންމައިލި އެވެ.

އަތް ދަބަސް މޭޒު މަތީގައި ބާއްވާފައި، ގޮނޑީގައި އިށީނދެލި އީމާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. އޭނައަށް ރަނގަޅަށް ލޮލުފިޔަ އެއް ނުޖެހޭތާ ހަފުތާއަކަށް ވުރެ ގިނަވީ އެވެ. ޝްރީލަންކާއަށް ދިޔަ ފަހުން، މިޝަލް އާއި ޒެންހާގެ ޚަބަރެއް ނުވާތީ، އެ ހިތަށް ކެތްވަނީކީ ނޫނެވެ.

ގޮނޑީގައި ބޯ އަޅާލި އީމާ، އޭނަގެ ފޯނު ނަގައި މިޝަލްގެ ފޭސްބުކް ހުޅުވައިލި އެވެ. އޭނަ މާޔޫސްވީ އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް އޭގައި އެއްވެސް އެއްޗެއް ނެތުމުންނެވެ. ކުރިން ކޮންމެ ކަމެއް ފޭސްބުކްގައި ޚިއްސާކުރަމުން އައި ޒެންހާ ވެސް ފޭސްބުކަށް ވަދެލާފައި ވެސް ނެތެވެ.

"ކަމަކާ މޫޑީ ވެފަތަ؟..." މިޔާހްގެ އަޑު އިވުމުން އީމާއަށް ތެޅިގަނެވުނެވެ.

އީމާ ފުންމައިގެން ތެދުވި ގޮތަށް ފޯނު ފުރަގަހަށް ލައި ފޮރުވި އެވެ. ކުރިމަތީގައި ހުރި މިޔާހްއަށް ބަލައިލިއިރު، އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ، ސިހުމެވެ. އޭނަ އުނދަގޫ ގޮތަކަށް ހިންދިރުވައިލިއިރު، ބިރުން އަނގަޔަށް ގޮތެއް ހަދާލެވިއްޖެ އެވެ.

މިޔާހް އަކީ ރިސޯޓުގެ މެނޭޖަރެވެ. ބަލާބެލުމަށް ތިރީހަކަށް އަހަރުގެ ޒުވާނެކެވެ. އިސްކޮޅުން ދިގުވެފައި، ހަންގަނޑުގެ ކުލަ އައްޔެވެ. އަބަދުވެސް ފެންނަނީ ރަސްމީ ކޮށް ހުއްޓަ އެވެ. ލިބިފައިވާ ފިރެހެންވަންތަ ކަމާއި އެއްވަރަށް، އޭނަގެ މިޒާޖުގައި ވެސް ހަރުކަށިގޮތެއް ހުރެ އެވެ. ހުރިހާ މުވައްޒަފުން ވެސް އޭނަ ދެކެ ޖެހިލުން ވަނީ އެހެންވެ އެވެ.

"ސޮރީ ސަރ..." އީމާ ވާހަކަ ދެއްކީ ކުށްވެރި އެއްހެން އިސްޖަހައިލަމުންނެވެ.

އީމާއަށް ބަލަހައްޓައިގެން، މިޔާހް ހުއްޓެވެ. އެ އަންހެން ކުއްޖާއަށް ވީގޮތް ފެނި، އޭނައަށް އެތެރެއިން ހީގަނެވުނެވެ. އެއީ ކުރިން އޭނައަށް ދުވަހަކުވެސް ވީގޮތެއް ނޫނެވެ. މިޔާހްއަށް އެނގުނީ އެ ހިތަށް ލޮޅުމެއް އަރައިފި ކަމެވެ.

********

ވިކްޔަން ގޮސް އިށީނީ، ޒެންހާގެ ކުރިމަތީގަ އެވެ. މޭޒު މަތީގައި ދެ ކޮފީތަށި ބަހައްޓާފައި، އެއް ތަށި ޒެންހާގެ ކައިރިއަށް ޖައްސާލަ ދިނެވެ. ޒެންހާ ކޮފީ ތައްޓަށް ބަލަހައްޓައިގެން އިންނަން ފެށުމުން ވިކްޔަންގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.

"މިލްކް ކޮފީ އެއް... ރަހަ ވަރަށް މީރު ވާނެ..." ވިކްޔަން ވާހަކަ ދެއްކީ، ޒެންހާގެ މޫނަށް ބަލަހައްޓައިގެން އިނދެ އެވެ.

އިރުކޮޅަކު ކޮފީ ތައްޓަށް ބަލަން އިނދެފައި، ޒެންހާ އެ ތަށި ނެގި އެވެ. އެއިން އެތިފޮދެއް ބޯލި ތަން ފެނުމުން ވިކްޔަންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުންވެގެން ދިޔަ އެވެ. އެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ.

"މީރު ދޯ؟..." ވިކްޔަން ސުވާލު ކުރީ ޒެންހާގެ މޫނު މައްޗަށް އަންނަމުންދިޔަ ކުލަތަކަށް ވިސްނައިގެންނެވެ.

ޒެންހާ ބޯ ޖަހާލި އެވެ. އޭނަ ފުރަތަމަ ފަހަރަށް ވިކްޔަންގެ މޫނަށް ބަލައިލީ ޝުކުރުވެރި ކަމުގެ ނަޒަރަކުންނެވެ.

"ތޭންކް ޔޫ..." ކޮފީ ތަށި ދައްކައިލަމުން ޒެންހާ ބުންޏެވެ.

ޒެންހާ ހޯދަމުން ބޭރަށް ނުކުތް މިޝަލްއަށް ފެނުނު މަންޒަރުން ހުއްޓުން އެރި އެވެ. ވިކްޔަން އާއި ޒެންހާ އެކުގައި ތިބިއިރު، ވިކްޔަންއަށް ބަލަހައްޓައިގެން ޒެންހާ އިނީ ހިނިތުންވެލައި ގެންނެވެ. ދެ މީހުން ވާހަކަ ދައްކަމުން ދިޔައިރު، ހީވަނީ ގާތް އެކުވެރިން ހެންނެވެ. މިޝަލް އުޅުނީ އެ ތަނުން ދާށެވެ. އޭގެ ކުރިން ވިކްޔަންއަށް ފެނިގެން އޭނައަށް ގޮވާލައިފި އެވެ.

މިޝަލް ގޮސް އިށީނުމާއިއެކު، ޒެންހާ އިސްޖަހާލައިފި އެވެ. އޭގެ ފަހުގައި، އިތުރު އެއްޗެއް ނުބުންޏެވެ. ވިކްޔަންއަށް އެކަން ފާހަގަ ނުވެއެއް ނުދިޔަ އެވެ. އޭނަ ޒެންހާ އާއި އިތުރު ވާހަކަ އެއް ނުދައްކައި، މިޝަލް އާއި ވާހަކަ ދައްކަން ފެށީ، ޒެންހާ އެތަނުން ހިނގައިދާނެތީ އެވެ.

މިޝަލްގެ ނަޒަރު ދޭތެރެއަކުން ޒެންހާއަށް ހުއްޓެމުން ދިޔަ އެވެ. އެ ހިތުގައިވާ އެއްޗެއް އެނގޭނެ ނަމައޭ އޭނަގެ ހިތަށް އެރި އެވެ. ވިކްޔަން އެތަނުން ދިޔައީ، ފޯނެއް އައިސްގެންނެވެ. ދެމީހުން އެކަނިވުމުން މިޝަލް އުޅުނީ އެ ވާހަކަ ޒެންހާ އާއި ދައްކާށެވެ. އޭނަ ބޭނުންވީ އެކަން ވީ ގޮތް ތެދު ތެދަށް ކިޔައި ދޭށެވެ.

"ޒެންހާ... އަހަރެން..." މިޝަލް އެއްޗެއް ބުނަން އުޅެފައި ހުއްޓައިލީ ޒެންހާ ކުއްލިއަކަށް ތެދުވުމުންނެވެ.

"އިޓްސް އޯކޭ މިޝަލް... އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް އުނދަގުލެއް ވާކަށް..." ޒެންހާ ވާހަކަ ދެއްކީ މިޝަލްއަށް ފުރަގަސްދީގެން ހުރެ އެވެ.

"އެ ކީއްވެ؟... ކީއްވެ އުނދަގޫ ވާންވީ؟..." މިޝަލްއަށް ބުނެވުނެވެ.

ޒެންހާގެ ދުރުކަމުން މިޝަލްގެ ހިތަށް ތަދުވި އެވެ. އެ ބަސްތަކުން ހިތުގައި ޖެހުނީ މާ ވަރަކަށެވެ.

"އަހަރެން ބޭނުންވަނީ މާލެ ދާން..." ޒެންހާ ބުންޏެވެ.

"ޒެންހާ... ޒެންހާއަށް އަދި ތި ހީވަނީ އެންމެ ރަނގަޅަކަށް ނޫން... އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކަ އެއް ބުނަން..." މިޝަލް އުޅުނީ ޒެންހާގެ ރިޕޯޓު ތަކުގެ ވާހަކަ ދައްކާށެވެ.

ޒެންހާ ހީކުރީ މިޝަލް ދައްކަން އުޅެނީ އީމާގެ ވާހަކަ ކަމަށެވެ. އޭނަ އެންމެ ލޯބިވާ މީހާގެ ދުލުން، އެހެން މީހެއް ދެކެ ލޯބިވާ ވާހަކަ ބުނާ އަޑު އަހަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ހަމަ ޤައިމު ވެސް އެ ވާހަކަ އަޑު އަހަން ޒެންހާގެ ހިތަކަށް ކެތެއް ނުވާނެ އެވެ. އީމާގެ އުފަލަކަށް ހުރަސްއަޅާ މީހަކަށް ވުމަކީ ޒެންހާ އެއްއިރެއްގައި ވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ.

"ޒެންހާ..." ޒެންހާގެ އަތުގައި ހިފައިލަމުން މިޝަލް ގޮވާލި އެވެ.

ޒެންހާ ކުއްލިއަކަށް ދުރަށްޖެހުނެވެ. މިޝަލް އަތްލުމުން ވެސް ހީވީ ބިރުން ހުރި ހެންނެވެ. މިޝަލް އަވަހަށް އޭނަގެ ދެ އަތް ޖީބަށް ކޮއްޕައިލި އެވެ.

"އަހަރެން ބޭނުން އެކަނިވެލަން... ޕްލީޒް..." ޒެންހާ ހިންދިރުވައިލި އެވެ.

ނުރޯން އުޅުނަސް، ޒެންހާގެ ދެ ލޮލުން ތާޒާ ކަރުނަތައް އޮހެމުން ދިޔަ އެވެ. ކެތްތެރިވާން އުޅުނަސް، އޭނަގެ ކެތްތެރިކަން ވަނީ ކޮޅުންލާފަ އެވެ. ކުރެވިގެން އުޅެނީ ބޮޑު ކުށެއް ކަމަށް އޭނަގެ ހިތް ބުނަނީ އެވެ. މިޝަލް އަކީ އޭނަގެ ޙައްޤެއް ނޫނެވެ. އެއީ އީމާގެ ޙައްޤެކެވެ. ޒެންހާއަށް ކުރެވެމުން ދިޔައީ އެންމެ ގާތް އެކުވެރިޔާގެ ޙައްޤެއް ގަދަބާރުން ޖަހައިގަނެވިގެން އުޅޭ ކަމުގެ އިޚްސާސެވެ.

ރިޕޯޓުތަކުގެ ވާހަކަ ދައްކަން އުޅެފައި ވެސް، މިޝަލްއަށް އެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ޒެންހާގެ ދުރުކަމުން އެ ހިތުގައި އުފެދުނު ދިލަ ރިހުން ގަދަ ވެއްޖެ އެވެ. ޒެންހާ ރޯކަން އެނގިހުރެ، އެކަން ހުއްޓުވަން އޭނައަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. ގޮތް ހުސްވުމުން، ޙަލުވި ފިޔަވަޅު ތަކެއްގައި އޭނަ އެތަނުން ދިޔައީ އެވެ.

ވިކްޔަން އައިއިރު ޒެންހާ އިނީ އެކަންޏެވެ. ދެ އަތުން މޫނު ފޮރުވާލައިގެން އިންއިރު، މަޑު ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. ވިކްޔަންއަށް ހިންދިރުވައި ލެވުނެވެ. ފެންކަޅި ވެފައިވާ ދެ ލޮލުން ޒެންހާއަށް ބަލަހައްޓައިގެން އޭނަ އިނެވެ.

ޒެންހާގެ ކެތްތެރިކަން ވަނީ ކޮޅުންލާފަ އެވެ. ވިސްނާ ވިސްނައި، އެ ސިކުނޑި ވަނީ ސުމަކަށް ގޮސްފަ އެވެ. ކެތްތެރިވާން ކުރި މަސައްކަތްވީ ބޭކާރެވެ. އޭނަ އަކީ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކޭ ހީވަނީ އެވެ. ރިޕޯޓުތަކުގައި ވާގޮތުން، އޭނަގެ ސިކުނޑީގައި އުފެދިފައިވާ ޓިއުމަރުގެ ނުރައްކާ ވަރަށް ބޮޑެވެ. އޮޕަރޭޝަން އެއް ކޮށްގެން ރަނގަޅުވާނެ ކަމުގެ ވެސް އޮތީ ވަރަށް ކުޑަ އުއްމީދެކެވެ.

އެތައް އިރަކު އެހެން އިނދެފައި، ޒެންހާ އޭނަގެ މޫނުން އަތް ނެގި އެވެ. ކަރުނަތައް ދެ އަތުގެ ނުފުށުން ފޮހެލާފައި ދެ ލޯ ހުޅުވައިލި އެވެ. ކުރިމަތީގައި ވިކްޔަން އިންކަން އޭނައަށް ނުވެސް އެނގޭ ކަހަލަ އެވެ. އެއްދިމާއަކަށް ބަލަހައްޓައިގެން ހުރެ، ޒެންހާ ކޮޅަށް ތެދުވެ، މަޑުމަޑުން ހިނގައިގަތެވެ. އެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. އަރިއަކަށް ދިޔަ ގޮތުން ހީވީ ދެންމެދެންމެ ވެއްޓިދާނޭ ހެންނެވެ.

ޒެންހާ ވެއްޓެން އުޅޭހެން ހީވެ، ވިކްޔަންއަށް އަތް ދިއްކޮށް ލެވުނެވެ. އެ ނާޒުކު އަންހެން ކުއްޖާގެ ޙާލު ފެނުމުން، އޭނައަށް ކުރެވުނީ ކުށްވެރިވެފައިވާ ކަމުގެ އިޚްސާސެވެ. ތިރީ ތުންފަތުގައި ދަތް އަޅާލުމާއިއެކު، ވިކްޔަންއަށް ދެލޯ މަރާ ލެވުނެވެ. އެ ހިތަށް ސިފަވީ ޒެންހާގެ މޫނެވެ. ރޮއެރޮއެ ދުޅަވެފައިވާ މޫނާއި، ރަތްވެފައިވާ ދެ ލޮލެވެ. ދިރުމެއް ނުވާ އެ މޫނުމަތިން މާޔޫސް ކަން ފިޔަވައި އިތުރު އެއްޗެއް އޭނައަކަށް ނުފެނުނެވެ.

ވިކްޔަންގެ އަނގައިން ނުކުތީ ވޭނީ އާޚް އެއްގެ އަޑެވެ. އޭނަ ތެދުވި އެވެ. އޭރު ޒެންހާ ގޮސް، ބޭރަށް ނުކުންނަނީ އެވެ. އޭނަ ޒެންހާގެ ފަހަތުން ދުވެފައި ނުކުތެވެ. ޒެންހާގެ އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. އޭނަ ދިމާކުރީ މަގު ހުރަސް ކުރާށެވެ. މަގުގައި ތޮއްޖެހި ބާރުވެފައިވާ ދުއްވާ އެއްޗަކަށް ވެސް ފަރުވާލެއް ނެތި އެވެ.

ވިކްޔަންގެ ހިތް ހީވީ ބޭރަށް ފުންމާލި ހެންނެވެ. ޒެންހާގެ ނަމުން ބާރަށް ގޮވައިލާފައި، އޭނަ ދުއްވައިގަތެވެ. ދުވާރު މަތިން މަގު މައްޗަށް ނުކުންނަން އުޅުނު ޒެންހާގެ ގައިގައި ވިކްޔަންއަށް ހިފަހައްޓައިލެވުނީ ކިރިޔާ އެވެ. އެންމެ ސިކުންތު ކޮޅެއް ވެސް ލަސްވިނަމަ، ދުއްވާ އެއްޗެއްގެ ދަށުވެ ޒެންހާގެ ފުރާނައަށް ނުރައްކާ ވީހެވެ.

"ޒެންހާ... ކޮންކަހަލަ ކަމެއްތަ ތިކުރީ... އޭނ..." މާނޭވާ ލެވޭ ވަރުން ވިކްޔަންއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.

އޭނަ ހުރީ ޒެންހާގެ ދެކޮނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ. ދެބުމަ ގޮށްޖަހައިގެން ހުރިއިރު، އެ ހިތުގެ ތެޅުމުގެ އަޑު ބާރަށް އިވެމުން ދިޔަ އެވެ.

"މޮޔަ ކަންތައް ނުކުރައްޗޭ..." ޒެންހާގެ ދެކޮނޑުގައި ހިފައި ތަޅުވައިލަމުން ވިކްޔަން ބުންޏެވެ.

"ދޫކޮށްލާ... އަހަރެން ދޫކޮށްލާ..." ޒެންހާ ހަޅޭއްލަވައިގަތެވެ.

ޒެންހާ ތެޅިފޮޅިގަތްގޮތުން ވިކްޔަންއަށް އޭނަ ހިފަހައްޓައިލަން އުނދަގޫވި އެވެ. ވިކްޔަންގެ އަތްދަށުން ވީއްލިގަނެގެން ޒެންހާ އުޅުނީ އަނެއްކާ ވެސް މަގުމައްޗަށް ނުކުންނާށެވެ. ވިކްޔަން އެ އަތުގައި ހިފައި ދަމައިގަތީނުން، ޒެންހާ ގޮސް އެ މޭގައި ތަތްވި އެވެ.

ޒެންހާ ގަދަ ހެދި ވަރަކަށް ވިކްޔަން އެ ހަށިގަނޑުގައި ބާރަށް ހިފަހައްޓަމުން ދިޔަ އެވެ. ބޮލުގައި އަތް އަޅައި ގެންގޮސް މޭގައި ޖައްސައި ބާރުކޮށްލީ، ގުޑި ވެސް ނުލެވޭނޭ ވަރަށެވެ. ކުޑަ އިރުކޮޅަކު ގަދަ ހަދާފައި ޒެންހާ މައިތިރިވި އެވެ. ދެން އިވެން ފެށީ ގިސްލުމުގެ އަޑެވެ. ޒެންހާގެ ބޮލުން އަތް ދޫކޮށްލި ވިކްޔަންއަށް އެ އިސްތަށިގަނޑުގައި ފިރުމާލެވުނެވެ. އޯގާތެރި ކަމުން ފުރިގެންވީ އެ ޢަމަލުން ޒެންހާގެ ގިސްލުން ވީ އިތުރެވެ.

"އަހަރެން ބިރުގަނޭ... ވަރަށް ބިރުގަނޭ..." ޒެންހާ ރޮމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރި އެވެ.

އެއްޗެއް ނުބުނެ، ވިކްޔަން ހުރީ އަޑު އަހާށެވެ. އޭރު އެ ތަނަށް މީހުން ޖަމާވާން ފަށައިފި އެވެ.

"އަހަރެން މީ ކީއްކުރަން ދުނިޔޭގަ ހުންނަ މީހެއް؟... އެހެން މީހުންނަން އުނދަގޫ ނުކޮށް، އަވަހަށް މަރުވިއްޔާ މާ ރަނގަޅެއްނު..." ގިސްލުމުގެ ތެރެއިން ވާހަކަ ދެއްކޭތޯ ޒެންހާ މަސައްކަތް ކުރި އެވެ.

"ތިކަހަލަ ވާހަކަ ނުދައްކާ... މަރުވާނެ ދުވަހެއް އެކަކަށް ވެސް ނޭނގޭނެ..." ވިކްޔަން އުޅުނީ ޒެންހާއަށް ވިސްނައިދެވޭތޯ އެވެ.

"އަހަރެން ދުނިޔޭގަ ހުރީމަ އެންމެންނަށް ވާނީ އުނދަގޫ..." ޒެންހާ ކުރިއަށްވުރެ ބާރަށް ރޯން ފެށި އެވެ.

"ކާކަށް އުނދަގޫ ވާނީ؟... އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެ..." ވިކްޔަން ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.

ޒެންހާގެ ބަސްތަކުން ވިކްޔަންގެ ހިތް ތޮރުފަމުން ދިޔަ އެވެ. އޭނަ ޒެންހާގެ ދެ ކޮނޑުގައި ހިފައި ދުރުކޮށްލި އެވެ. އެއަށްފަހު، އެ މޫނު ފޮހެލަދިނެވެ.

މަގުގެ އަނެއް ފަރާތުގައި އެ ދެ މީހުންގެ ހަރަކާތްތަކަށް ބަލަން ހުރި މީހާގެ އަތުގައި އޮތް ކޮތަޅު ދޫވެގެން ވެއްޓުނެވެ. ކޮތަޅު ތެރޭގައި ހުރި އާފަލާއި އޮރެންޖްތައް އެކި ތަންތަނަށް ބުރައިގެން ދިޔަ އެވެ. ކައިރީގައި ތިބި މީހުން އެ ތަކެތި ހޮވައި ކޮތަޅަށް އަޅައިދޭން އުޅުނު އިރުވެސް، އެ މީހަކު ހުރިގޮތަށް ހުއްޓެވެ. އިތުރު ކަމެއް އެ ޚިޔާލާއި ފިކުރުގައި ވެސް ނުވާ ކަހަލަ އެވެ. އޭނަ އަނެއް ފަރާތަށް އެނބުރުނު އިރު، މާނޭވާ ލެވެނީ އެވެ.

"ހިނގާ އެތެރެއަށް... އެންމެން އެ ބަލަނީ..." ޒެންހާ ގޮވައިގެން ހޮޓަލާއި ދިމާއަށް ހިނގައިގަންނަމުން ވިކްޔަން ވާހަކަ ދެއްކި އެވެ.

(ނުނިމޭ)

comment ކޮމެންޓް