ކުޅުދުއްފުށީގައި ފްލޫ ކްލިނިކެއް ހުޅުވައިފި

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް: އެ ހޮސްޕިޓަލް ކައިރީ އަލަށް ހަދާފައިވާ އާ އިމާރާތުގައި ފްލޫ ކްލިނިކެއް ވަނީ ހުޅުވާފައި --- ފައިލް ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށި ސިޓީގައި މިހާރު ފްލޫ ކްލިކެއް ހުޅުވާފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު، ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީރު ވިދާޅުވީ، އާންމު ރޯގާއި ވިޔަސް ނުވަތަ ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތެއް ފެނުނަސް ކްލިނިކަށް ގޮސް އަވަސް ފަރުވާ ދޭ ތަންތަނުގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކްލިނިކް ހުޅުވުމުގެ ޕްރްގްރާމްގެ ދަށުން މިހާރު ކުޅުދުއްފުށީގައިވެސް ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ.

"މި ފްލޫ ކްލިނިކް ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް. އަދި މެންދުރު 1:00 އިން ހަވީރު 4:00 އަށް،" މަބްރޫކު ވިދާޅުވި އެވެ.

ފްލޫ ކްލިނިކް ހުޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ކައިރީގައި އަލަށް ހަދާފައިވާ އާ އިމާރާތުގައި ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިހާތަނަށް މާލޭ ސިޓީގައި ހަތަރު ފްލޫ ކްލިނިކެއް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މާލޭ ސެނެހިޔާގައި ހުޅުވާފައިވާ ފްލޫ ކްލިނިކާއި ސިނަމާލެ ހުސްބިމުގައި ހުޅުވާފައިވާ ޓްރެވަލް ކްލިނިކް، ވިލިމާލޭގައި ހުޅުވާފައި ހުރި ފްލޫ ކްލިނިކް އަދި ހުޅުމާލޭގައި ބިދޭސީންނަށް ހާއްސަކޮށްގެން ހަދާފައިވާ ފްލޫ ކްލިނިކް ހިމެނެވެ. އެތަންތަނުން ވޭތުވެދިޔަ 24 ގަޑިއިރު، ހިދުމަތް ހޯދި ފަރާތްތަކުގެ އަދަދުވެސް މަބްރޫކު ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރެއްވި އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ފްލޫކްލިނިކަށް ދެއްކި މީހުންގެ އަދަދު:

  • ސެނެހިޔާ ކްލިިނިކް - 190
  • ޓްރެވަލް ކްލިނިކް - 13
  • ބިދޭސީންނަށް ހާއްސް ކްލިނިކް - 17
  • ވިލިމާލެ ކްލިނިކް - 22

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކޮވިޑް19 ގެ ހޮޓްލައިންް އިން 988 މީހުނަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. ހޮޓްލައިން ގާއިމުކުރީ ޖެނުރައީ 27 ވަނަ ދުވަހުއެވެ، އެދުވަހުން ފެށިގެން 13،920 ކޯލަކަށް ހޮޓްލައިން އިން ޖަވާބު ދީފައިވާ ކަމަށްވެސް މްބަރޫކު ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވި ވީ 13 ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. ޕޮޒިޓިވްވި އަށް މީހަކަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ. މިހާތަނަށް 632 ސާމްޕަލް ޓެސްޓްކުރިއިރު، 632 މީހުން ވަނީ ވައިރަހަށް ނެގަޓިވްވެފަ އެވެ. ނަތީޖާ ނުލިބެނީ ދެ ސާމްޕަލްއެއްގަ އެވެ. އައިސޮލޭޝަންގައި 16 މީހަކު ތިބި އިރު، ކަރަންޓިންކޮށްފައިވާ މީހުންގެ އަދަދަކީ، 574 މީހުންނެވެ.

comment ކޮމެންޓް