މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާ ފަށައިފި

މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ފަށައިފި އެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ޖަލްސާތައް މެދުކަނޑާލުމުގެ ކުރިން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވޭނެ ކަމަށާއި، ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތެއް ނިންމުމަށް މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި މަޝްވަރާ ބައްދަލުވުމެއް ފަށައިފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދާއި، މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެ އެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވީނަމަވެސް މަޖިލީހުގެ ސްޓާފުންނާއި، މަޖިލީހުގެ މަސައްކަތްތަކުގައި އުޅޭ ގިނަ ފަރާތްތައް ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމަށާއި، ސަރުކާރުން މަޖިލީހުގެ އެހީ ބޭނުންވާ ކޮންމެ ގަޑިއެއްގައި އެ މަސައްކަތަށް އަވަސްވެ ގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނަޝީދު ވަނީ ދެއްވައިފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ.

comment ކޮމެންޓް