އެޕަލް އެޕް ސްޓޯގެ ހިދުމަތް ރާއްޖެއަށް އަންނަނީ

އެޕަލްގެ އެޕް ސްޓޯގެ ހިދުމަތްތައް ރާއްޖެ ހިމެނޭ ގޮތަށް މުޅިން އާ 20 ގައުމަކަށް ތައާރަފު ކުރާނެ ކަމަށް އެޕަލް އިން ހާމަކޮށްފި އެވެ.

އެޕަލް އެޕް ސްޓޯ އިން ލިބޭ ހުރިހާ ހިދުމަތްތަކެއް، ނުވަތަ އެޕް ސްޓޯގެ ހިދުމަތްތައް އާ ގައުމުތަކަށް ފުޅާ ކުރާނެ ކަމަށް އެކުންފުނީން ދާދި ފަހުން އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ ޑިވެލޮޕާ ޕޯޓަލްގަ އެވެ.

އެޕް ސްޓޯގެ ހިދުމަތްތައް ތައާރަފުކުރުމަށް ނިންމާފައިވީ ނަމަވެސް އެ ހިދުމަތްތައް ލިބޭނެ ވަކި ދުވަހެއް އެޕަލް އިން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެޕަލްގެ މައުލޫމާތުތައް މި އަންނަ މަހުގެ 10ގެ ކުރީން އަޕްޑޭޓް ކުރުމަށް ޑިވެލޮޕަރުންގެ ގާތުގައި އެ ކުންފުނީން ވަނީ އެދިފަ އެވެ. އެހެންކަމުން އަންނަ މަހުގެ 10 އަކަށްފަހު އަޕްޑޭޓްތައް އާންމުކުރަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

އެޕަލް އެޕް ސްޓޯގެ ހިދުމަތް މި ވަގުތު ދުނިޔޭގެ 155 ގައުމަކަށް ލިބެ އެވެ.

އެޕް ސްޓޯގެ ހިދުމަތް ރާއްޖެއަށް ލިބިފައި ނުވާތީ، އެޕަލް ފޯނާއި އެހެނިހެން ޑިވައިސްތައް ގެންގުޅޭ ފަރާތްތަކށް އެ ޕްލެޓް ފޯމު ބޭނުންކުރަން އުނދަގުވެ އެވެ. އެގޮތުން މާކެޓްޕްލޭސްގެ ހިދުމަތް ބޭނުންވާނަމަ ރާއްޖޭގެ އެޕަލް ޔޫސަރުންނަށް ޖެހޭނީ އެ ހިދުމަތް ލިބޭ ގައުމެއް ނަގާށެވެ. ގިނަ ދިވެހިން ބޭނުންކުރަނީ އެމެރިކާ އެވެ. ނަމަވެސް އޭގެ ސަބަބުން ބިލިން އެޑްރެސް އަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވެ އެވެ.

އެޕް ސްޓޯ އިން އެއްޗެއް ގަންނަން ވެއްޖެ ނަމަ ނުވަތަ އެޕަލް މިއުޒިކަށް ފައިސާ ދައްކަން ވެއްޖެ ނަމަ ބައެއް ފަހަރު މައްސަލަތައް ކުރިމަތިވެ އެވެ. އެއީ ކާޑުގެ އެޑްރެސް އާއި އެޕް ސްޓޯގެ އެޑްރެސް އާ ދިމާ ނުވުމެވެ. އެހެންކަމުން އެޕް ސްޓޯގެ ހިދުމަތާއި އެޕްތަކަށް ފައިސާ ދެއްކުމަށް އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން އެޕަލް ގިފްޓް ކާޑު ގަންނަން ޖެހެ އެވެ.

comment ކޮމެންޓް